Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2024 | ބުރާސްފަތި 19:21
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ތެރެއިން
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމެރީ
މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
މި އިންތިޚާބުގައި 25،325 މެންބަރަކަށް ވޯޓުލުމުގެ ހައްގު ލިބޭ
ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9ން ހަވީރު 5ށް
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނީ 3 ފެބްރުއަރީ ވާ ހޮނިހިރު ދުވަހު

އަންނަ މާރިޗު މަހުގެ ތެރޭގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ނުކުންނާނެ ކެންޑިޑޭޓުން ހޯދުމަށް ބާއްވާ ޕްރައިމަރީގައި, 40 ދާއިރާއަކުން 149 ކެންޑިޑޭޓަކު ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕްރައިމަރީ އިންތިޚާބާ ގުޅޭގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ މި އިންތިޚާބަށް ރީރަޖިސްޓްރީވި 1200 އެއްހާ މެންބަރުންނާއެކު، ޖުމްލަ 25،325 އާންމު މެންބަރުންނަށް ކަމަށެވެ.

މި އިންތިޚާބަށް ރާއްޖޭގެ 95 ރަށެއްގައި ވޯޓު ފޮށި ބެހެއްޓޭއިރު، މާލޭގައި 27 ފޮއްޓެއް ބެހެއްޓޭނެއެވެ. އަދި މި އިންތިޚާބުގައި މާލޭގެ ވޯޓު ކަރުދާސްތައް، ކުލައިން ވަކިވާގޮތަށް ހުންނައިރު، އަތޮޅު ތެރެއަށް ހުންނާނީ ހުދުކުލައިން ވަކިވާ ގޮތަށް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

އަދި މި އިންތިޚާބުގެ އިންތިޒާމުތަކަށް އިޝާރަތްކުރައްވަމުން ފަލާހު ވިދާޅުވީ، މި އިންތިޚާބުގައި ބަހައްޓާ ފޮށިތައް އާންމުކޮށް ހުންނާނީ އެ ރަށްތަކުގެ ސްކޫލެއްގައި ކަމަށެވެ. އެހެން ނަމަވެސް، ނ. ކުޑަފަރި އަދި ނ. ކެނދިކުޅުދޫގެ ވޯޓު ފޮށި ބެހެއްޓިފައި ހުންނާނީ އެމްޑީޕީގެ ހަރުގޭގައި ކަމަށާއި، ދ. ކުޑަހުވަދޫ ވޯޓު ފޮށި ބެހެއްޓިފައި ހުންނާނީ އެމްޑީޕީ އޮފީހުގައި ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ އަދި ހުޅުމާލެއަށް އިޝާރަތްކުރައްްވަމުން ފަލާހު ވިދާޅުވީ، ހުޅުމާލޭގެ ތިން ދާއިރާއެއްގެ ވޯޓުފޮށި ހުންނައިރު، ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށި ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ކަމަށާއި، ބާކީ ހުރި ދެ ފޮށި ހުންނާނީ ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީސްކޫލުގައި ކަމަށެވެ.

Advertisement

އަދި މާލޭގައި ބެހެއްޓޭ ހުރިހާ ފޮއްޓެއް ވެސް ހުންނާނީ ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލުގައި ކަމަށް ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާހަކީ ސެކިއުރީ ފީޗަރތައް ހިމެނޭ ކަރުދާހެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ އިލެކްޝަނުގެ ދަފުތަރުގައި ބައިލައްކައަށްވުރެ ގިނަ އާންމު މެންބަރުން ހިމެނުނު ނަމަވެސް، މި އިންތިޚާބުގައި 25،325 މެންބަރަކަށް ވޯޓުލުމުގެ ހައްގު ލިބެނީ މި އިންތިޚާބުގައި ވާދަކުރަނީ 40 ދާއިރާއަށް ކަމަށްވާތީއެވެ. ބާކީ ހުރި ދާއިރާތަކުގެ ތެރެއިން 48 ދާއިރާއަކަށް ޕްރައިމަރީއަކާނުލައި ކެންޑިޑޭޓުން ހަމަޖެހިފައިވާއިރު، ބާކީ 5 ދާއިރާއަކަށް އަދި ކެންޑިޑޭޓުން ހަމަޖެހިފައެއް ނުވެއެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ފެބްރުއަރީ ވާ ހޮނިހިރު ދުވަހުއެވެ. އެގޮތުން ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9ން ހަވީރު 5ށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް