ކ. މާލެ
|
31 ޖެނުއަރީ 2024 | ބުދަ 20:12
އިންޑިޔާ ގެ ވެރިރަށް ދިއްލީގައި ދުންފިނި ބޯވެފައި
އިންޑިޔާ ގެ ވެރިރަށް ދިއްލީގައި ދުންފިނި ބޯވެފައި
އީޕީއޭ
ދިއްލީ އަށް ދުންފިނި ބޯވުން
ދުންފިނީގެ ސަބަބުން ދިއްލީގެ އާންމު ދިރިއުޅުމަށާ ދަތުރުފަތުރަށް ހުރަސް އެޅިފައި
މިއީ ފާއިތުވި 13 އަހަރުތެރޭވެސް ދިއްލީއަށް އައި އެންމެ ފިނިގަދަ ޖަނަވަރީ މަސް

އިންޑިޔާގެ ވެރިރަށް ދިއްލީގައި ދުންފިނި ބޯވުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންތައް ތަކަށާ ދަތުރު ފަތުރަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާކަމަށް ޚަބަރުލިބެއެވެ. ރިޕޯޓްތައް ބުނާގޮތުން ދުންފިނީގެ ސަބަބުން 50 ފްލައިޓް އާއި ފަންސަވީހަކަށް ރޭލު ދަތުރު ވަނީ ފަސްކުރަން ޖެހިފައެވެ. އަދި މިދަތުރުތައް ފަސް ކުރަން ޖެހުމުގެ ސަބަބުން އެތައްހާސްބަޔަކު އެއާޕޯޓްތަކުގައި ބަންދުވާން ޖެހިފައި ވެއެވެ.

ބަދަލް ކުރެވިފައިވާ ފްލައިޓް އެޑްވައިސަރީ ތައް ހޯދުމަށް ދިއްލީ އެއާޕޯޓުން ފަސިންޖަރުންނަށް އަންގަމުން ދިޔަނަމަވެސް ބޯޓު ޖައްސާ އަދި ފުރެނީ ހަމައެކަނި ޚާއްސަ، އަޕްގްރޭޑް ކުރެވިފައިވާ ރަންވޭތަކުން އެކަނި ކަމަށް ވެއެވެ. މިފަދަ ރަންވޭ ތަކަކީ މިފަދަ ދުރު ނުފެންނަ ހާލަތްތަކުގައިވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރަންވޭ ތަކެވެ.

އިންޑިޔާ ގެވެރިރަށް ދިއްލީގައި ދުންފިނި ބޯވެފައި

ދިއްލީގެ އެކި ތަންތަން ބުދަދުވަހު ފެންނަނީ ދުންފިނީގެ ރަޖައެއް ލެވިފައިވާ ގޮތަށެވެ. އެތައް ސަރަހައްދު ތަކެއްގައި ވިސިބިލިޓީ ހުރީ ޒީރޯގައެވެ.

މޫސުމާބެހޭ އިދާރާއިންވަނީ ގިނަ ސަރަހައްދު ތަކަކަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް ފޯކާސްޓް ކޮށްފައެވެ. އެއާއެކު ކުރިޔަށް އޮތް ދެތިންދުވަހުވެސް ދުންފިނީގެ އަސަރު ކުރާނެކަމަށް ބުނެފައި ވެއެވެ.

ފިނިމޫސުމުގައި ދިއްލީ އަދި އުތުރު އިންޑިޔާގެ އެހެން ހިސާބު ތަކަށް ދުންފިނި ބޯވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް މިފަހަރު މިކަން ކުރިމަތިވީ މާބޮޑަށް ކަމަށް ވެއެވެ.

މޫސުމާބެހޭ އިދާރާ (އައި.އެމް.ޑީ)އިން ބުނެފައިވާ ގޮތުގައި މިއީ ފާއިތުވި 13 އަހަރުތެރޭވެސް ދިއްލީ އަށް އައި އެންމެ ފިނިގަދަ ޖަނަވަރީ މަހެވެ.  

މިދިޔަ ޑިސެމްބަރުމަހުވެސް ދުންފިނީގެ ސަބަބުން ދިއްލީގެ ދަތުރު ފަތުރަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް