ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ބުރުވެސް ޓީރެކްސްއާއި ކިންގްސް މޮޅަކުން ފަށައިފިއެވެ.
ފުރަތަމަ ބުރުގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކުރި ޓީރެކްސް ދެވަނަ ބުރުގައި ސްޓިންގާސް އަތުން މޮޅުވީ 88-48 ޕޮއިންޓުންނެވެ. މެޗުގެ ހަތަރު ކްއާޓާގައިވެސް ލީޑް ހޯދީ ޓީރެކްސް އިންނެވެ. މެޗުގައި ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އިބްރާހީމް އަންފާލް ޝަރީފް އެވެ. އޭނާ 17 ޕޮއިންޓް ހޯދައިދިނެވެ. ސްޓިންގާސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 10 ޕޮއިންޓް ހޯދައިދިން އިބްރާހީމް ނައުހާން ނާއިޒް އެވެ. މެޗުގައި އެންމެ މޮޅަށް ކުޅުނު ޓީރެކްސްގެ އިސްމާއީލް ވިލްދާން 16 ޕޮއިންޓް ހޯދައިދިނެވެ.
ފުރަތަމަ ބުރުގައި ހަމައެކަނި ޓީރެކްސް އަތުން ބަލިވި ކިންގްސް ދެވަނަ ބުރުގައި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކުރީ 112-80 ޕޮއިންޓުންނެވެ. މެޗުގެ ހަތަރު ކްއާޓާވެސް ކިންގްސް އިން ނިންމާލީ ބޮޑު ލީޑެއްގައެވެ. މެޗުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ އަބްދުالله އަމްޒަރު މުހައްމަދެވެ. އޭނާ 17 ޕޮއިންޓް ހޯދައިދިނެވެ. މެޗުގައި ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 19 ޕޮއިންޓް ހޯދައިދިން އިބްރާހީމް ނަސީމްއެވެ. ރެޑްވިންގްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަހުމަދު ލައިލް ޝިފާން އެވެ. އޭނާވެސް 19 ޕޮއިންޓް ހޯދައިދިނެވެ.