ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 21:20
ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާ
ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާ
ރޮއިޓާސް
ހަނގުރާމަ ހުއްޓާލުމާ ބެހޭ ވާހަކަތައް
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި އާ ހުށަހެޅުން މުރާޖައާ ކުރަމުންދާކަމަށް ހަމާސް އިން ބުނެފި
 
ހަމާސްއިން މުރާޖަޢާ ކުރަމުންދަނީ ޕެރިސްގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ހުށަހަޅާފައިވާ އައު އެއްބަސްވުމެއް

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި އާ ހުށަހެޅުން މުރާޖައާ ކުރަން ފަށައިފި ކަމަށް ހަމާސް އިން ބުނެފިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމު ހުއްޓާލުމަށް ދުނިޔޭގެ ލީޑަރުން ބާރު އަޅަމުންދާ ދަނޑިވަޅެއްގައި ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާ ޝަރުތުތަކަކާ އެކު ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅުއްވި އާ ހުށަހެޅުން މުރާޖައާ ކުރަމުންދާ ކަމަށް ވިދާޅުވީ ޣައްޒާ ޓީވީގައި މިއަދު ދެއްވި ތަޤްރީރުގައެވެ.

ހަނިއްޔާ ވިދާޅުވީ, ފަރަންސޭސިވިލާތުގެ ޕެރިސްގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ހުށަހަޅާފައިވާ އައު އެއްބަސްވުމެއް އެ ޖަމާޢަތުން މިހާރު ދިރާސާ ކުރަމުންދާ ކަމުގައެވެ.

އެކަމުގެ ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް ހަނިއްޔާ ވިދާޅުވީ ހަމާސް ޖަމާއަތުން އެންމެ އިސްކަމެއް ދެނީ އިސްރާއީލު ސިފައިން މުޅިން ފޭބުމާއި ފަލަސްތީނުގެ 26،750 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ބޮމުގެ ހަމަލާތައް ހުއްޓުވުން ކަމަށެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ހަމަލާތައް މުޅިން ހުއްޓާލަން ޖެހޭ، މިއީ މަޝްވަރާ ކުރެވޭނެ ކަމެއް ނޫން، އެކަމަކު އަޅުގަނޑުމެން މި ހުށަހެޅުންތައް ވަރަށް ފަރުވާތެރިކަމާއެކު ދިރާސާ ކުރަމުން މިގެންދަނީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތަކާމެދު ކަންބޮޑުވެފައި މިތިބީ"
ޣައްޒާ ޓީވީގައި މިއަދު ދެއްވި ތަގުރީރުގައި ހަނިއްޔާ ވިދާޅުވި އެވެ.

ހަމާސްއިން މިފަދަ ވާހަކަތަކެއް ދެއްކި ނަމަވެސް އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކުން ދޭހަވަނީ ހަމަނުޖެހުންތަކުގެ ސަބަބުން ޝަރުތުތަކަކާއެކު ހުށަހެޅި ހުށަހެޅުމަށްވެސް ކުރިއެރުމެއް ނުލިބި އިތުރަށް މަސްރަހް ނުރައްކާވެދާނެ ކަމުގެ އިޝާރާތެކެވެ. އެގޮތުން އަންގާރަ ދުވަހު ހެނދުނު އިޒްރޭލުގެ ކޮމާންޑޯއިން ވަނީ ޖެނިންގެ އިބްނު ސީނާ ހޮސްޕިޓަލަށް ވަދެ ފަލަސްތީނުގެ ތިން މުޖާހިދުން ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.

ހަނިއްޔާ ވިދާޅުވީ އެއްބަސްވުން ދިރާސާ ކުރުމަށް ފަހު, މިޞްރަށް ވަޑައިގަންނަވައި, މި އެއްބަސްވުމާ ގުޅޭ ގޮތުން މިޞްރުގެ އޮފިޝަލުންނާ މަޝްވަރާ ކުރައްވާނެ ކަމުގައެވެ. ޔަހޫދީންނާ އެކު އެއްބަސްވުމެއް އެކުލަވައިލުމުގައި ޙަމާސް އިން އިސްކަން ދެނީ އެންމެ ކަމަކަށެވެ. އެއީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ނިމުމެއް ގެނައުމެވެ. އަދި, ޣައްޒާއަށް އަރާފައިވާ ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބޭލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް