ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 13:31
ފައިސާއާ އެކު ނުފޫޒު ފޯރުވާކަން ދައްކުވާދޭ މަންޒަރެއް
ފައިސާއާ އެކު ނުފޫޒު ފޯރުވާކަން ދައްކުވާދޭ މަންޒަރެއް
ކޮރަޕްޝަންގެ ވަބާ
ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ނިޒާމު އަދިވެސް ދޯހަޅި
 
އޭސީސީ ފެންނަނީ ރައްޔިތުންގެ ނުހަނު ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް އޮތް މުއައްސަސާއެއްގެ ގޮތުގައި
 
ގުޅުންހުރި މުއައްސަސާތަކުގެ ދުވެލި މިހާރަށްވުރެ ބާރު ކުރަން އެބަޖެހޭ
 
އޭސީސީން ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރާތާ އެތައް އަހަރެއް ވަނީ

އެންމެ ފަހުން އާންމުކުރި 2023 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއަށް ބަލާއިރުވެސް ދިވެހިރާއްޖެ އަދިވެސް ހިމެނިފައިމިވަނީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.

ޤައުމުގައި ކޮރަޕްޝަންގެ ވަބާ އިންތިހާއަށް ބޮޑުވަމުންދާއިރު، ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ނިޒާމު ދޯހަޅިވުމަކީ، އެފަދަ މައްސަލަތައް އިތުރުވާ އެއް ސަަބަބުކަމަށް ބުނެވިދާނެއެވެ.

ކަންމިހެން އޮތްއިރު، އެކަމާ ގުޅުންހުރި މުއައްސަސާތަކުގެ ދުވެލި މިހާރަށްވުރެ ބާރު ކުރަން އެބަޖެހެއެވެ. ނިޒާމު ހިނގާކަން ރައްޔިތުންނަށް ކަށަވަރުވާނީވެސް، މިފަދަ މައްސަލަތައް ބަލައި، ލަސްނުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ.

ކޮރަޕްޝަން ގޮސް މުޅި ޤައުމުގައި މޫލައި، ރޭސް ނިންމާއިރު، ކަމާ ގުޅުންހުރި އިދާރާތަކާމެދު ރައްޔިތުންގެ އިތުބާރު ނުހަނު ކުޑައެވެ.

އޭގެ އެއް މިސާލަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާމެދު އާންމުންގެ ހުރި ޝަކުވާތަކެވެ. އެތައް އަހަރެއްވީ މައްސަލަތައް ކޮމިޝަނުގައި ފުނިޖެހެމުންދާއިރު، އެކަމަކީ ރައްޔިތުންގެ ޒަމާންވީ ޝަކުވާއެކެވެ. ކޮންމެ ދައުރެއްގައިވެސް އޭސީސީ ފެންނަނީ ރައްޔިތުންގެ ނުހަނު ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް އޮތް މުއައްސަސާއެއްގެ ގޮތުގައެވެ. އެގޮތުން މައިގަނޑު ކަންބޮޑުވުމަކަށް އޮންނަނީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގު ލަސްކަމެވެ.

ބޮޑެތި އެތައް މައްސަލަތަކެއްގެ ތަހުޤީޤު ލަސްވެ އޭސީސީގައި ފުނިޖެހިފައިވާއިރު، ކުރިއަށް މި އޮތީ މަޖިލިސް އިންތިޚާބެވެ. އިންތިޚާބުތަކާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ޒާތުގެ އެތައް ކަންތައްތަކެއް ހިންގާ ބީދައިން މިހާރުވެސް އެފަދަ ބޮޑެތި މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. ނަމަވެސް އޭސީސީން އަމިއްލަ އިސްނެގުމުގެ މަތިން އެފަދަ ކަންކަން ނުބަލާކަމުގެ ޝަކުވާވެސް ބޮޑެވެ.

ކޮރަޕްޝަންގެ ވަބާ ރާއްޖޭގައި ކުޑަކޮށް، ކޮރަޕްޝަން ފަދަ ކުށްތައް ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން ނަމަވެސް، އޭސީސީގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމުގެ ޝަކުވާއަކަށް ނިމުމެއްނެތެވެ.

ވަކިން ޚާއްސަކޮށް ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު ލަސްވަމުންދާތީ، ރައްޔިތުންވެސް އެ މުއައްސަސާއަށް އޮންނަ އިތުބާރު ވަނީ މުޅިންހެން ގެއްލިފައެވެ.

އޭސީސީން ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރާތާ އެތައް އަހަރެއް ވަނީއެެެވެ. އަބަދުވެސް އިވެނީ ކޮންމެވެސް ދިރާސާއެއް ނުވަތަ ކޮންމެވެސް ސިޔާސަތެއް އެކުލަވާލާ ވާހަކައެެވެ. ނަމަވެސް އެކަމުގައި އަހަރުތައް ހޭދަވެގެންދާއިރު ކުށް ކުރާ މީހުން އޭގެ ނާޖާއިޒު ފައިދާ ނަގައި، ހެއްކައް ނުފޫޒު ފޯރުވުން ފަދަ އެތައް ކަމެއް ހިންގައެވެ.

މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން ވިލަރެސްކޮށް، އިންތިޚާބުގައި ހިންގާފާނެ ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވައި ނަޒާހަތްތެރި އިންތިޚާބެއް ބޭއްވުމަށް ބާރުއެޅުމުގެ ގޮތުން ކޮމިޝަނުން ގެންގުޅޭނެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެއް ދާދި ފަހުން ވަނީ އެކުލަވާލާފައެވެ.

އެހެންނަމަވެސް މެމްބަރުންނަށް ޕާޓީ ބަދަލު ކުރުމާއި، މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަމުގެ މުޤާބިލުގައި ބޮޑެތި އަދަދުތަކުން ރިޝްވަތު ހުށަހަޅަމުންދާކަމަށް އެތައް ބަޔަކު ބުނަމުންދާއިރު، އެ މަންޒަރު އޭސީސީއަށް ފެންނަހެނެއް ހިއެއް ނުވެއެވެ.

އަދި ބޮޑެތި ވައްކަމާއި ޙިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން އެ ފައިސާއިން ވިޔަފާރި ކުރަމުންދާއިރު، އިންސާފުގެ ކުރިމައްޗަށް ނުގެނެވި ލަސްވަމުންދާއިރު، އޭސީސީ ކޮބައިތޯވެސް ގިނަ މީހުން ސުވާލުކުރެއެވެ.

ހަގީގަތުގައި ބުނަންޖެހެނީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ނިޒާމު ދޯހަޅިކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް