ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 11:11
އަލް ޙިލާލް އަދި އިންޓަ މިއާމީ ކުޅުނު މެޗުގެ ތެރެއިން
އަލް ޙިލާލް އަދި އިންޓަ މިއާމީ ކުޅުނު މެޗުގެ ތެރެއިން
އަލް ހިލާލް
އިންޓަ މިއާމީ
މިއާމީގައި ސުއަރޭޒްގެ ފުރަތަމަ ލަނޑު ޖެހި މެޗުގައި އަލް ޙިލާލް އަތުން ބަލި
 
މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިއާމީން ކުޅުނު ތިން ވަނަ މެޗު

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ އިންޓަ މިއާމީން، ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އަލް ޙިލާލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ސާބިއާގެ ފޯވާޑް އެލެކްސެންޑާ މިޓްރޮވިޗް އެވެ. އޭގެ ތިން މިނެޓު ފަހުން، ޢަބްދުﷲ އަލް ހަމްދާން ވަނީ އަލް ޙިލާލްގެ ދެ ވަނަ ލަނޑު ޖަހައި، ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގަައި އިންޓަ މިއާމީގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ޖެހީ ލުއިސް ސުއަރޭޒް އެވެ. މިއީ މިއާމީ އަށް ބަދަލުވި ފަހުން ސުއަރޭޒް އެ ކުލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ޙިލާލުން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަަ އެވެ. މެޗުގެ 44 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ މިކޭލް އެވެ. ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އިންޓަ މިއާމީ އަށް ވަނީ ޕެނަލްޓީއެއް ލިބިފަަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ފަރަގު ކުޑަކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭގެ މިނެޓެއް ފަހުން ޑޭވިޑް ރުއިޒް ވަނީ ލަނޑު ޖަހައި، މިއާމީ އަށް ނަތީޖާ ހަމަހަމަ ވެސް ކޮށްދީފަ އެވެ. މެޗުން އަލް ޙިލާލް މޮޅުވީ، 88 ވަނަ މިނެޓުގައި މެލްކޮމް ޖެހި ލަނޑުންނެވެ.

މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިއާމީން ކުޅުނު ތިން ވަނަ މެޗެވެ. ފުރަތަމަ މެޗު އެއްވަރުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ. ފެބްރުވަރީ މަހުގެ އެއް ވަނަ ދުވަހު މިއާމީ ނިކުންނާނީ އަލް ނަސްރާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް