ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 07:01
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ކުޑަކުދިންނަށް ކުރާ އަނިޔާ
ކުޑަކުދިންނަށް ކުރާ އަނިޔާގެ 76 މައްސަލައެއް ހުށަހަޅައިފި
ޖުމްލަ 199 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފަައިވޭ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 76 މައްސަލައެއް ޑިސެންބަރ މަހު ރިޕޯޓްކޮށްފިއެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލަޕްމަންޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، ޑިސެންބަރ 2023 ގައި އެ މިނިސްޓްރީއަށް ވަނީ ޖުމްލަ 199 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައެވެ.

އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 76 މައްސަލަ ޑިސެންބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 26 މައްސަލައެއް ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، ޖިންސީ އަނިޔާގެ 14 މައްސަލަ، އިހުމާލުގެ 11 މައްސަލަ،  އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރަ ލިބުމުގެ 10 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 8 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 4 މައްސަލާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ އެހެނިހެން 1 މައްސަލަ ވަނީ މިނިސްޓްރީއަށް ހުށަހަޅާ އެޓެންޑު ކޮށްފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލަ ޑިސެންބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ހުށަހެޅިފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. މިބާވަތުގެ 18 މައްސަލަ ވަނީ ހުށަހެޅިފައެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 16 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

Advertisement

ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 16 މައްސަލައެއް  ޑިސެންބަރ މަހުގެ ތެރޭގައި މިވުޒާރާއަށް ހުށަހަޅާފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 9 މައްސަލަ އަދި ކުދިންނާއި ބައްދަލު ކުރުމުގައި ޖެހޭ 7 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 17 މައްސަލަ ޑިސެންބަރ މަހު މިވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ ޑިސެންބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 19 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 3 މައްސަލަ ހިމެނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 2 މައްސަލައެއް ޑިސެންބަރ މަހުގެ ތެރޭގައި މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 20 މައްސަލައެއް ޑިސެންބަރ މަހު ވަނީ ހުށަހަޅާފައެވެ. އެގޮތުން ގެއިން ނިކުމެގެން ދިއުމުގެ 5 މައްސަލަ، ރުޅިގަދަވުން ނުވަތަ ރުޅި އިސްކުރުމުގެ4  މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލަ، ސުލޫކީ މައްސަލައިގެ 3 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 2 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އަޚުލާޤީ މައްސަލަތަކުގެ އެހެނިހެން 2 މައްސަލަ ވަނީ މިނިސްޓްރީއަށް ހުށަހަޅާ އެޓެންޑު ކޮށްފައެވެ.

ޑިސެންބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 159 އެވެ. ދައުލަތަށް އަލަށް 2 ކުއްޖަކު ނެގިފައިވާއިރު، 5 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، 2 ކުއްޖަކު ފޮސްޓަރކުރެވުނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް