ކ. މާލެ
|
30 ޖެނުއަރީ 2024 | އަންގާރަ 06:54
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
މަޖިލިސް
ސިޔާސީ މަގާމުތައް
2 މަސްވީ އިރު އަދިވެސް 500 ސިޔާސީ މަގާމު ހަމަނުވޭ - ސަލީމް
 
168 ނައިބުން ވަނީ އައްޔަންކުރައްވާފައި
 
މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކުރި ބޭފުޅުންގެ އަދަދު 40ށް ވުރެ އިތުރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަ ނޫން ކަމަށާއި، ދެމަސްވީއިރުވެސް 500 ހަމަ ނުވާކަމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ ސިޔާސީ މަގާމް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. އަދި އެ ހައްގުގެ ދަށުން ގައުމު ހިންގޭ ވަރަށް މަގަމުތަކަށް އައްޔަން ކުރާނެ ކަމަށާއި، އެއްވެސް ގޮތަކަށް އިތުރަށް އައްޔަންކުރަނީކީ ނޫން ކަމަށެވެ.

އެމްޑީޕީ އަދި ޑިކޮމްރެޓްސް ގުޅިގެން ސިޔާސީ މަގާމުތައް ކޮންޓްރޯލްކުރުމަށް ހުށަހަޅާ އިސްލާހާއި ގުޅޭގޮތުން ސަލީމް ވިދާޅުވީ އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ މެންބަރުން އެވާހަކަ ދައްކަވަނީ އޮޅުވާލައިގެން ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި 1500 މަގާމު އުފައްދަވާފައިވާ ކަމަށެވެ. ނަމަވެސް ވެރިކަން ނިމުނު އިރު ސިޔާސީ މަގާމުތައް އުޅެނީ 700ގައެވެ.

ސަލީމް ވިދާޅުވީ މި ސަރުކާރަށް އަދި އެއުޅެނީ 500 ވެސް ހަމަ ނުވެގެން ކަމަށެވެ. އަދި އިދިކޮޅުން ފާޑުފާޑުގެ ވާހަކަ ދައްކަމުންދަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށާއި، ކުރީ ސަރުކާރުގައި ސިޔާސީ މަގާމުތަކަށް ހަރަދުކުރި ފައިސާއާއި އެއްވަރަށް މިސަރުކާރުން ހަދަރުވެސް އަދި ސިޔާސީ މަގާމުތައް ނުވެސް ގެންދާނެ ކަމަށެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތެރެއިން ރައީސް އޮފީހުގެ ސައިޓުން އަދި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކެބިނެޓްގައި ރައީސް އަދި ނައިބްރައީސްގެ އިތުރުން 22 ވަޒީރުން ހިމެނެއެވެ. ސީނިއަރ މިނިސްޓަރުންގެ ގޮތުގައިޢަބްދުއްރަޙީމް ޢަބްދުﷲ އައްޔަން ކުރައްވާފައިވެއެވެ.

މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންގެ ގޮތުގައި 12 ބޭފުޅުން ރައީސް އޮފީހަށް އައްޔަންކުރައްވާފައިވާއިރު، މިނިސްޓްރީތަކާއި އިދާރާތަކަށް 8 ބޭފުޅަކު ވަނީ މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކުރައްވާފައެވެ. މިއީ ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތެވެ. މީގެ އިތުރުންވެސް އެކިއެކި ކުންފުނިތަކާއި ތަންތަނަށް މިނިސްޓަރުންގެ ފެންވަރުގައި ވަނީ އެތައް ބަޔަކު އައްޔަންކޮށްފައެވެ.

އެޑްވައިޒަރުންގެ ގޮތުގައި ރައީސް އޮފީހަށް 2 ބޭފުޅަކު ވަނީ އައްޔަންކުރައްވާފައެވެ.

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ރައީސް އޮފީހަށް 6 ބޭފުޅުން އައްޔަންކުރައްވާފައިވާއިރު، މިނިސްޓްރީތަކާއި އިދާރާތަކަށް 86 ސްޓޭޓް މިނިސްޓަރުން ވަނީ އައްޔަންކުރައްވާފައެވެ.

އެމްބެސެޑަރުންގެ ގޮތުގައި 2 ބޭފުޅު މިހާރުވެސް އެބަތިއްބެވެ.

މިނިސްޓަރުންގެ ނައިބުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 9 ބޭފުޅަކު އެބަތިއްބެވެ. އަދި މިނިސްޓްރީތަކާއި އިދާރާތަކަށް 154 ނައިބުން ވަނީ އައްޔަންކުރައްވާފައެވެ.

މީގެ އިތުރުން ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި، ސިޔާސީ މަގާމުތައް ސަރުކާރުން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގަ ހުރި މިޝަންތަކަށް އައްޔަން ކުރަމުންދާ ސިޔާސީ މުވައްޒަފުންނާއި އަދި މިނިސްޓްރީތަކަށް ވައްދަމުންދާ އެހެނިހެން ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކަށް ވައްދަމުންދާ ސިޔާސީ މުވައްޒަފުން ވެސް ސަރުކާރުން ސާފުކޮށްދީފައި ނުވެއެވެ.

މިއީ ވެރިކަމުގައި އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ސިޔާސީ މަގާމު އުފެއްދި ސަރުކާރެވެ.

ކޮމެންޓް