Advertisement
ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 23:06
ތުޅާދޫ ދާއިރާގެ މަޖްލިސް މެމްބަރު ހިސާން ހުސައިން
ތުޅާދޫ ދާއިރާގެ މަޖްލިސް މެމްބަރު ހިސާން ހުސައިން
މަޖިލިސް
ވަޒީރުންގެ މައްސަލަ
ސިޔާސީ މަސައްކަތްކުރާ އެންމެންނަކީ ގަނެ ވިއްކޭނެ ބައެއް ނޫން، ވަޒީރުންނަށް ރުހުން ދިނުމުގައި ފެނުނީ އެކަން: ހިސާން
އަދި ބައެއް މެންބަރުން އެމްޑީޕީ ދޫކޮށް ދިޔައީ ވެސް އޭގެ ތެރެއިން ކަމަށް ވެސް ވިދާޅުވި
ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ކުރިން، އޭގެ ފަހަތުގައި އެކި މުއާމަލާތްތައް ހިނގި ކަމަށް

ސިޔާސީ ދާއިރާގައި މަސައްކަތްކުރާ އެންމެންނަކީ ގަނެ އަދި ވިއްކޭނެ ބައެއް ނޫން ކަމަށާއި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ފެނުނީ އެކަން ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ދައުރުން ބޭރުން އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި، ސަރުކާރަށް ތާއީދުކުރާ އަދި އެމްޑީޕީން ވަކިވެ ސަރުކާރާ ގުޅުނު މެންބަރުން ހިންގި ހަމަނުޖެހުންތަކަށް ހިސާން ވިދާޅުވީ، އާދިއްތަ ދުވަހު ޖަލްސާއަށް ހުރަސް އަަޅަން ފެށީ، އެމްޑީޕީން ވިޕްލައިނެއް ނެރުމާއެކު ކަމަށެވެ.

އަދި އެމްޑީޕީން ވިޕެއް ނެރުނުއިރު، އޭގެ ކުރިން ޑިމޮކްރެޓްސް އިން ވެސް ވިޕްލައިނެއް ނެރުނު ކަމަށާއި، ދެ ވިޕުގައި ވެސް އެއްގޮތް ނަންތަަކެއް ހުރި ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ނުލިބުމުގެ ފުރުސަތު އެބައޮތްކަން ސަރުކާރަށް ވަރަށް ބޮޑަށް ކަށަވަރުވީ އެ ހިސާބުން ކަމަށެވެ.

Advertisement

މީގެ އިތުރުން، އެމްޑީޕީ ދޫކޮށް ދިޔަ މެންބަރުންނަށް އިޝާރަތްކުރައްވަމުން ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ކުރިން، އޭގެ ފަހަތުގައި އެކި މުއާމަލާތްތައް ހިނގި ކަމަށާއި، ބައެއް މެންބަރުން އެމްޑީޕީ ދޫކޮށް ދިޔައީ ވެސް އޭގެ ތެރެއިން ކަމަށެވެ.

ހިސާން ވިދާޅުވީ އާދިއްތަ ދުވަހު އެއްކޮށް ހިނގި ހަމަނުޖެހުންތަކަކީ އެ މެންބަރުން ބަދަލުވުމާ އެކު ހިނގި ނުތަނަވަސްކަމުގެ ނަތީޖާ ކަމަށެވެ. އަދި އެ ހަމަނުޖެހުންތަކުގެ ހަމައެކަނި މަގްސަދަކީ ހުރިހާ ވަޒީރުންނަށް ރުހުން ލިބޭނެކަން ކަށަވަރުކުރުމަށް ހިންގި ކަމެއް ކަމަށެވެ.

ނަމަވެސް ސިޔާސީ މަޝްރަހުގައި މަސައްކަތްކުރާ އެންމެންނަކީ ގަނެ ވިއްކޭނެ ބައެއް ނޫން ކަން ސަރުކާރުން ގަބޫލުކުރަން ޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭނެ، ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެންނަކީ ގަނެ ވިއްކޭނެ މީހުން ނޫން ކަން. އެންމެންނަކީ އަގު ކިޔާނެ މީހުން ނޫންކަން. އިޚުލާސްތެރިކަމާއެކު ގައުމަށް ޚިދުމަތްކުރަން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރަން ބައިވަރު މެންބަރުން އެބަ ތިއްބެވިކަން. އެންމެންނެއް އެގޮތަކަށް ދީލާ ނުލާނެކަން އަޅުގަނޑުމެންނަށް މި ދެ ދުވަހު މި ހިނގައިދިޔަ ކަންތައްތަކުން ސާބިތުވެގެން ދިޔައީ.
ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިން

ހިސާން ވިދާޅުވީ އެންޓި-ޑިފެކްޝަން ގާނޫނެއް ރާއްޖެއަށް މުހިންމުވަނީ މިހެންވެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް