ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 21:10
ސެންޓްރަލް އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓަރު ވިލިއަމް ބާންސް
ސެންޓްރަލް އިންޓެލިޖެންސް އެޖެންސީގެ ޑިރެކްޓަރު ވިލިއަމް ބާންސް
ރޮއިޓާސް
ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ބެހޭ މަޝްވަރާތަކެއް
ޣައްޒާ ހަނގުރާމަ ހުއްޓާލުމާއި ބެހޭ މަޝްވަރާތަކަކަށް ސީއައިއޭގެ ވެރިޔާ، ޤަތަރާއި މިސްރު އަދި އިސްރާއީލުގެ އޮފިޝަލުންނާ ފަރަންސޭސިވިލާތުގައި ބައްދަލު ކުރައްވަނީ
 
އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 26،000 އަށްވުރެ ގިނަމީހުން މިހާތަނަނަށް ވަނީ ޝަހީދުކޮށްލާފައި

ޣައްޒާ ހަނގުރާމަ ހުއްޓާލުމާއި ބެހޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ސީއައިއޭގެ ވެރިޔާ، ޤަތަރާއި މިސްރު އަދި އިސްރާއީލުގެ އޮފިޝަލުންނާ ފަރަންސޭސިވިލާތުގައި ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ސީއައިއޭ އާއި ޤަތަރު އަދި ސަރަހައްދީ އެހެން އޮފިޝަލުން މިއަދު ޕެރިހަށް ވަޑައިގަންނަން ހަމަޖެހިފައި މިވަނީ އިސްރާއީލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމަ ޝަރުތުތަކަކާ އެކު ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މި މަޝްވަރާ ތަކުގައި މާބޮޑު ތަފްސީލެއް މީޑިއާތަކަށް އަދި ތިލަވެފައެއް ނުވެއެވެ. އެހެންނަމަވެސް އެ އެއްބަސްވުމުގެ ތެރޭގައި ސިލްސިލާކޮށް ގައިދީން ބަދަލުކުރުމާއި، އިސްރާއީލުގެ އެއްގަމާއި ވައިގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މަހެއްހާ ދުވަހަށް މެދުކަނޑާލުމާއި، ބެހޭ ގޮތުން މަޝްވަރާ ކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ހަމާސްއިންވެސް އެމީހުން އިސްރާއީލަށް ދެމުންދާ ރޮކެޓް ހަމަލާތައް ހުއްޓާލަން އެއްބަސްވާނެކަމަށް ބެލެވެއެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތައް މިދިޔަ ހަފްތާއިން ފެށިގެން ވަރުގަދަކޮށްފައިވާއިރު، ޣައްޒާގެ ދެކުނުގެ އަވަށެއް ކަމަށްވާ ޚާން ޔުނިސް އާއި، ރަފާގެ ވަށައިގެންވާ ރެފިއުޖީ ކޭމްޕްތަކަށް އެތައް ހާސް ބަޔަކު ވަނީ މިއަދުވެސް ޖަމާވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ކޭމްޕްގައި ފެނާއި ނަރުދަމާގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގެ މިފަދަ ބައްދަލުވުންތަކެއް މީގެ ކުރިންވެސް ބާއްވާފައިވާއިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއިލަށް އަރައި އިސްރާއީލުގެ 1،100 އަށްވުރެ ގިނަ މީހުންވަނީ މަރާލައިފައެވެ. އަދި 200 އަށްވުރެ ގިނަމީހުން ރަހީނު ކުރިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އަނެއްކޮޅުން އިސްރާއީލުން ބަދަލުހިފުމުގެ ގޮތުން ހަމާސް ނައްތާލާނެކަމަށްބުނެ އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށްދަނީ ވައިގެ މަގުންނާއި، އެއްގަމުމަގުންނާއި، އަދި ކަނޑުމަގުންވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 26،000 އަށްވުރެ ގިނަމީހުން މިހާތަނަނަށް ވަނީ ޝަހީދުކޮށްލާފައެވެ. އަދި 65،000 އަށްވުރެ ގިނަމީހުން ޒަޚަމް ކޮށްލައިފައިވާއިރު، މިލިއަނެއްހައި މީހުންވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް