ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 07:27
ޣައްޒާގެ ޚާން ޔުނިސްގައި އިސްރާއީލުން ދިން ހަމަލާތަކުން ސަލާމަތްވާން ފަލަސްތީނު މީހުން މަސައްކަތްކުރަނީ
ޣައްޒާގެ ޚާން ޔުނިސްގައި އިސްރާއީލުން ދިން ހަމަލާތަކުން ސަލާމަތްވާން ފަލަސްތީނު މީހުން މަސައްކަތްކުރަނީ
ރޮއިޓާސް
ހުޅަނގުން ދޭ މާލީއެހީތައް ކަނޑާލުން
ޣައްޒާގެ ރެފިއުޖީންނަށް ދޭ މާލީއެހީ ކަނޑާލުމަކީ "ކޮލެކްޓިވް ޕަނިޝްމަންޓް" އެއް: އދ
 
އެމެރިކާއިން އެކަނި ވެސް ޔޫއެންއާރުޑަބްލިއުއޭ އަށް 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދީފައިވޭ

އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ އަސްކަރީ ކެމްޕެއިނާ ގުޅިގެން އދ.ގެ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ ޔޫއެންއާރްޑަބްލިއުއޭ އަށް ދޭ ފައިސާ މެދުކަނޑާލަން އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ބައެއް ގައުމުތަކުން ނިންމި ނިންމުން އދ އިން ކުށްވެރިކޮށްފިއެވެ.

ފަލަސްތީނުގެ ރެފިއުޖީންނާއި ބެހޭ އދ.ގެ އިދާރާ ޔޫއެންއާރުޑަބްލިއުއޭގެ ވެރިޔާ ފިލިޕޭ ލަޒާރިނީ ވަނީ އެއީ އާންމުންނަށް އަސަރުކުރާ މާލީ ހަމަލާއެއް ކަމަށް ވިދާޅުވެ "ކޮލެކްޓިވް ޕަނިޝްމަންޓް" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރެފިއުޖީންގެ އަދަދުތައް އިތުރުވުމާ ގުޅިގެން އަހަރަކު 100 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އެހީ ހުޅަނގުގެ ގައުމުތަކުން އެ އިދާރާއަށް ދެމުންއަންނައިރު، އެ އެހީތައް މިހާރުވަނީ މެދުކަނޑާލައިފައެވެ. އެ އެހީ މެދުކަނޑާލީ ޔޫއެންއާރުޑަބްލިއުގެ މުވައްޒަފުންނާއި، ހަމާސް ޖަމާއަތާ ގުޅުން ބަދަހިވެ އެފައިސާ ޓެރެރިސްޓުންގެ ޖީބަށް ވަންނަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.

މިކަމާގުޅިގެން ލަޒާރީނީ ވިދާޅުވީ ޣައްޒާގެ 2 މިލިއަން ރައްޔިތުންނަށް ކާބޯތަކެއްޗާއި ސިއްހީ ފަރުވާ އާއި ތައުލީމުގެ މި "ލައިފްލައިން" ކަނޑާލުމަކީ ހިތާމަތައް އިތުރަށް ބޮޑުވާ ކަމެއް ކަމަށެވެ. ކުރީގެ ރައީސް ޓްރަމްޕް 2018 ވަނަ އަހަރު ދިން ތާއީދު ކެންސަލް ކުރުމުގެ ކުރިން އެމެރިކާއިން އެކަނި ވެސް ޔޫއެންއާރުޑަބްލިއުއޭ އަށް 300 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދީފައިވެއެވެ. 

އިސްރާއީލުން ބުނަނީ ޔޫއެންއާރްޑަބްލިއުއޭ އާއި ހަމާސްއާ ދެމެދު އޮންނަ ގުޅުމުން ދޭހަވަނީ ބައިނަލްއަގްވާމީ އެހީ ނުލިބުން ކަމަށެވެ. ނަމަވެސް ޣައްޒާގެ ނިކަމެތި އާބާދީ ދެމިއޮތުމަށް ޔޫއެންއާރްޑަބްލިއުއޭގެ ހިދުމަތަށް ބަރޯސާވެފައިވާތީ އެކަމަށް ރައްދު ދެއްވައި ލަޒާރީނީ ލިޔުއްވާފައި ވަނީ "ކުށެއް ނެތި ރައްޔިތުންނަށް އަދަބު ދެމުންދާ" ކަމަށެވެ. 

މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 26،000 އަށް ވުރެ ގިނަ މީހުން މަރުވެ، 60،000 މީހުން ވަނީ ޒަހަމްވެފައެވެ. ޚާން ޔުނިސް ފަދަ ދެކުނުގެ ސިޓީތަކުގައި އެތައް ހާސް ބަޔަކު ވަނީ ހަލަބޮލިކަމުގެ ތެރޭގައި އެކަށީގެންވާ ފެނާއި ނަރުދަމާއެއް ނެތި، ދިރިއުޅެން މަޖުބޫރުވެފައެވެ. އަދި އެފަދަ ޙާލަތުގައި ތިބި ރަފާއާ އަށް މިހާރުދަނީ ފެންބޮޑުވުމުގެ ނުރައްކަލާވެސް ކުރިމަތިވަމުންނެވެ.

ޔޫ.އެން.އާރް.ޑަބްލިއު.އޭ.ގެ ދިފާއީ ގޮފިން ބުނަމުން ދަނީ، ބޭނުންޖެހިފައިވާ އަދި ޒަރޫރީ ބޭނުންތައް ފުއްދައިދެވޭނެ އެހެން ގޮތެއް މިހާރު ނެތް ކަމަށެވެ. އެމީހުން ބުނަނީ ޣައްޒާގެ ހަލަބޮލިކަން ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެ އެޖެންސީގެ އެހީ ހުއްޓިއްޖެނަމަ މިހާރު މިއޮތް ހަމަނުޖެހުން އިތުރަށް ނުރައްކަލަށް ހިނގައިދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް