ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށް އެމައްސަލަ ބޭރު ކުރުމަށް ފަހު ބޭއްވި ފުރަތަމަ ޖަލްސާއަކީ އެތައް ބަޔަކު އިންތިޒާރު ކުރަމުން އައި ޖަލްސާއެކެވެ.
މަޖިލީހުގައި ހިނގާނެ ކަންކަމާމެދު ގިނަ ބަޔަކު ދިޔައީ ވާހަކަ ވެސް ދައްކަމުންނެވެ. ޖަލްސާ ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ޓްވިޓާއިން ފެނިގެން ދިޔައީ މަޖިލީހުގެ ރައީސްގެ ގޮނޑި މަޖިލީހުގެ ގޯތި ތެރޭގައި ހުއްޓައެކެވެ. އެހެންނަމަވެސް މީގެ ކުރިން މަޖިލީހުގެ ޖަލްސާތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެމުން އަންނަނީ މަޖިލީހުން ދޫކުރާ ފީޑުންނެވެ. މިއަދުގެ ޖަލްސާގެ ލައިވް ފީޑް ޗެނަލްތަކަށްވެސް މަޖިލީހުން ދޫކޮށްފައެއް ނުވެއެވެ.
މަޖިލީހުގައި މިއަދު ނޫސްވެރިއެއްގެ ދައުރު އަދާކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ. ރޮޒޭ ވަނީ މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ހުރިހާ ކަމެއް ރައްޔިތުންނާއި ހަމައަށް ވަގުތުން ގެނެސްދީފައެވެ. ރޮޒައިނާގެ ފޭސްބުކް ލައިވް، ރާއްޖެޓީވީން ދިޔައީ ބްރޯޑްކާސްޓްކުރަމުންނެވެ.
މަޖިލީހުގެ ޖަލްސާ އަޑުއެހުމުގެ ފުރުސަތު މިއަދު ރައްޔިތުންނަށް ބަންދުކޮށްފައި އޮތަސް، ރޮޒައިނާގެ މަސައްކަތުން މަޖިލީހުގެ ހުރިހާ މަންޒަރެއް ދިޔައީ ގެނެސްދެމުންނެވެ. މެމްބަރުންނާއި ސަލާމަތީ ހިދުމަތާމެދު ހިންގި ހަމަނުޖެހުންތަކާއި މެމްބަރުންގެ ގަޔަށް އަތްލައި މެމްބަރުން ބޭރުކުރަން އުޅުނު މަންޒަރާއި ރިޔާސަތުގެ ގޮނޑީގެ ހާލަތާއި، އެ ގޮނޑީގެ އިޒަތެއް ނެތް ކަމަށް މެމްބަރުން ބުނެ، ގޮނޑި އެކޮޅުކޮޅުން ޖެހުމުން، ގޮނޑިއަށް އިއްޒަތް ހޯދައިދޭން އެމްއެންޑީއެފްގެ އޮފިސަރުން އުޅުނު މަންޒަރު ވެސް ރޮޒައިނާގެ ފޯނުގެ ލެންސުން ނައްޓައިގެން ނުދެ އެވެ. އޭގެ އިތުރުން މެމްބަރުންގެ އިތުބާރު ގެއްލިފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އުޅުއްވި މަންޒަރު ވެސް ދިޔައީ ދައްކަމުންނެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފަހުން ބޭއްވ ފުރަތަމަ ޖަލްސާ 9:00 ގައި ފެށުމަށް ނިންމާފައި އޮތްއިރު، ޖަލްސާ ފެށުމުގެ ވަގުތު ޖެހުމުގެ ކުރިން ރޮޒައިނާ ލައިވްކުރަން ފެށިއެވެ. މަޖިލީހުގެ ނިޒާމު ގެއްލިގެން ޖަލްސާ ހުއްޓާލާފައި އޮތްއިރު ވެސް ލައިވް ކުރަމުން ގެންދިޔަ އެވެ. ރޮޒައިނާ ލައިވްކުރުން ހުއްޓާލީ ގާތްގަނޑަކަށް 3 ގަޑިއިރު ފަހުންނެވެ.
ރޮޒައިނާގެ މިއަދުގެ މަސައްކަތުން އޭނާ ކަމުދަނީ ހަމައެކަނި މަޖިލީހުގެ މެމްބަރަކަށް ނޫންކަން އެނގިގެން ދިޔަ އެވެ. ކުރިން ޓީޗަރަކަށް އުޅުއްވި ރޮޒައިނާއަކީ ނޫސްވެރިކަމަށް ވެސް ފައްކާ ބޭފުޅެއްކަން އެނގިގެން ދިޔައީ މަޖިލީހުގައި އޭނާ ސުވާލު މެމްބަރުންނާ ކުރައްވަމުން ގެންދެވި އިންޓަވިއުތަކުންނެވެ.
އަމިއްލަ ފުޅަށް ވޯޑިއޯ ކުރައްވަމުން، މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރަކަށް ހުންނެވި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިންޓަވިއު ގެނެސް ދެއްވި އެވެ. އޭގެ އިތުރުން އެހެން ބައެއް މެމްބަރުންގެ އިންޓަވިއުތައް ވެސް ގެނެސް ދެއްވިއިރު، ލައިވް ކުރައްވަމުން ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުންނަށް ރޮޒައިނާގެ ބަހުގެ ހަމަލާތަކާއި ފާޑުކިޔުންތައް އަމާޒުކުރުން ވެގެން ދިޔައީ ލައިވް ކަވަރޭޖްގެ ރަހަ ހެޔޮވަރުވެގެން ދިޔަ ކަމަކަށެވެ.
ރޮޒައިނާ އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވީ ޕީޕީއެމްގެ ޕީޖީ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނަށެވެ.
ރޮަޒައިނާގެ މި މަސައްކަތަށް ސާބަހެވެ. މިއަދުގެ ޖަލްސާގައި ނޫސްވެރިއެއްގެ ދައުރު ރޮޒައިނާ އަދާކުރެއްވިއިރު، ޖުލައި 24 ވަނަ ދުވަހު ނޫސްެވެރިއެއްގެ ދައުރު އަދާކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު އެވެ. މި ބޭފުޅުންނަށް ސާބަހެވެ. އެ ބޭފުޅުން ވިދާޅުވަނީ މަޖިލީހުގެ ކެމެރާ މަތީގައި މަސާހު އަތް އެޅި ނަމަވެސް، ރައްޔިތުންނަށް ހަގީގަތް ދެެއްކުން ނުހުއްޓުވޭނެ ކަމަށެވެ. ސާބަހެވެ.