ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 11:35
އިސްރާއީލްގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންތަކެއް އައްޝިފާ ހޮސްޕިޓަލަށް ގެންދަނީ
އިސްރާއީލްގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންތަކެއް އައްޝިފާ ހޮސްޕިޓަލަށް ގެންދަނީ
ރޮއިޓާސް
ޢައްޒާގެ ސިއްހީ ނިޒާމް ހަލާކުވުން
ޣައްޒާގައި 2 މިލިއަނެއްހާ މީހުންނަށް ޚިދުމަތްދެމުން ދަނީ އެންމެ 2 ރެފަރަލް ހޮސްޕިޓަލުގައި
 
ރެޑްކްރޮސްއިން ބުނީ ޣައްޒާގެ ކޮންމެ ހޮސްޕިޓަލެއްގައި ވެސް މީހުން ތޮއްޖެހިފައިވާ ކަމަށާއި ސިއްހީ ސާމާނާއި ތެލާއި ކާބޯތަކެއްޗާއި ފެނުގެ ދަތިކަން އެބަހުރި ކަމަށް

ޣައްޒާގައި ދިރިއުޅޭ 2 މިލިއަނަށްވުރެ ގިނަމީހުންނަށް ޚިދުމަތް ދެނީ އެންމެ ދެ ރެފަރަލް ހޮސްޕިޓަލުން ކަމުގައި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް އިން ބުނެފިއެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން ބުރާސްފަތި ދުވަހު ބުނީ ޣައްޒާގައި ފުރާނަ ސަލާމަތްކުރުމަށާއި އިމަޖެންސީ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ޣައްޒާގައި ހުންނަ އައިސީއާރްސީގެ އޮފީހުގެ ވެރިޔާ ވިލިއަމް ޝޮމްބާގް ޖެނީވާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޣައްޒާގެ ކޮންމެ ހޮސްޕިޓަލެއްގައި ވެސް މީހުން ތޮއްޖެހިފައިވާ ކަމަށާއި ސިއްހީ ސާމާނާއި ތެލާއި ކާބޯތަކެއްޗާއި ފެނުގެ ދަތިކަން އެބަހުރި ކަމަށެވެ.

ގެދޮރު ގެއްލިފައިވާ އެތައް ހާސް އާއިލާތަކެއް ދިރިއުޅެމުންދަނީ ހޮސްޕިޓަލްތަކާއި، ސްކޫލްތައް ފަދަ ފެސިލިޓީތަކުގައި ކަމަށާއި، އަދި މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން އެފަދަ އިތުރު ދެ ފެސިލިޓީއެއް ގެއްލުމުގެ ބިރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ސިއްހީ ނިޒާމަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑު ކަމަށާއި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޝޮމްބާގް ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލްގެ ސިފައިން ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ 25،700 އަށްވުރެ ގިނަމީހުން ޝަހީދުވެ، 63،740 މީހުން ވަނީ މިހާތަނަށް ޒަޚަމްވެފައެވެ.

އައިސީއާރުސީން ބުނީ ގާތްގަނޑަކަށް ދެ މިލިއަން މީހުންނަށް ޚިދުމަތްދެނީ ނާސިރު މެޑިކަލް ކޮމްޕްލެކްސް އާއި ޔޫރަޕިއަން ގާޒާ ހޮސްޕިޓަލް (އީޖީއެޗް) އިން ކަމަށެވެ. އެ ދެ ހޮސްޕިޓަލަކީ ޣައްޒާގެ ދެކުނުގައި އޮންނަ ދެ ރެފަރަލް ހޮސްޕިޓަލް ކަމަށާއި އެ ދެ ހޮސްޕިޓަލަކީ އެނދުގެ ބޮޑެތި ކެޕޭސިޓީތަކާ އެކު އެޑްވާންސް ސާޖިކަލް އަދި މެޑިކަލް އިމަޖެންސީ ގެ ހިދުމަތް ފޯރުކޮށްދޭ ދެ ރެފަރަލް ހޮސްޕިޓަލް ކަމަށް އެ އެޖެންސީން ބުނެއެވެ.

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީން ހިންގާ ތިން ވަނަ ފެސިލިޓީ، އަލް އަމާލް ހޮސްޕިޓަލް މިހާރު އޮތީ ހަމަނުޖެހުންތަކުގެ ތެރޭގައި ގެއްލުމުގެ ތުންފަތްމަތީގައި
ޣައްޒާގައި ހުންނަ އައިސީއާރްސީގެ އޮފީހުގެ ވެރިޔާ ވިލިއަމް ޝޮމްބާގް ޖެނީވާއިން ނެރުނު ބަޔާން

އައިސީއާރުސީން ބުނީ ޣައްޒާގެ ސިއްހީ މަރުކަޒުތައް ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރެޑްކްރޮސް އިން ބުނީ އެ ގައުމުގެ މެޑިކަލް ފެސިލިޓީތައް، ހާއްސަކޮށް ނާސިރު އަދި އީޖީއެޗްގެ މަސައްކަތް ހުއްޓިއްޖެ ނަމަ، އާބާދީގެ ބޮޑުމިނާއި ދިރިއުޅުމުގެ ހާލަތު މިހާރު އޮތް ގޮތުންނާއި ސިއްހީ ނިޒާމު ފުނޑުފުނޑުވެ، ހަނގުރާމައިގެ ހަރުކަށިކަމަށް ބަލާއިރު، އެތައް ހާސް ބަޔަކު މަރުވެފައިވާތަން ދުނިޔެ އަށް ފެންނާނެ ކަމަށެވެ.

އަދި ހަމަނުޖެހުންތަކުގައި ބައިވެރިވާ ފަރާތްތަކާއި އެފަރާތްތަކަށް ނުފޫޒު ފޯރުވާ އެންމެން ވެސް ހޮސްޕިޓަލްތަކާއި އެތަންތަނުގެ ތެރޭގައި ތިބި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތްތެރިންނާއި ޒަހަމްވެފައިވާ މީހުންނާއި ބަލި މީހުންނާއި އެމްބިއުލާންސްތަކަށް ރައްކާތެރިކަމާއެކު ހޮސްޕިޓަލްތަކަށް ވަދެ، ބޭހާއި ތެލާއި ކާބޯތަކެއްޗާއި ފެން ފަދަ ހޮސްޕިޓަލްތައް ހިންގުމަށް ވަގުތުން ވަގުތަށް ރީސަޕްލައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ރެޑް ކްރޮސް އިން ގޮވާލައިފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް