އަތޮޅު ފިހާރައިން ލިބޭ ފައިސާ އެ އަތޮޅަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްދުދެއްވައިފިއެވެ.
އަތޮޅު ފިހާރައިން ލިބޭ ފައިސާ އެ އަތޮޅަކާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކައުންސިލް މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމާ ގުޅޭގޮތުން އަމީރު ވިދާޅުވީ، 2022 ވަނައަހަރު ރައީސް ސާލިހު ނިންމެވީ ކުރިން %50 ދެމުން އައި އާމްދަނީގެ ބަދަލުގައި ލިބޭ އާމްދަނީ އެއްކޮށް ކައުންސިލްތަކާ ހަވާލުކުރުމަށް ކަމަށެވެ.
އެ ނިންމެވުމާއެކު 2022 ވަނަ އަހަރުން ފެށިގެން ސަރުކާރުން އައީ އަތޮޅު ފިހާރަތަކުގެ ޖުމްލަ އާމްދަނީ ކައުންސިލްތަކަށް ޖަމާކުރަމުންދާކަން ވެސް އަމީރު ފާހަގަ ކުރެއްވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީން ސަރުކާރާއި ހަވާލުވި އިރު، އަތޮޅު ފިހާރަތަކަށް 2014 ވަނަ އަހަރުގެ ފަހުން ލިބުނު އާމްދަނީ ކައުންސިލްތަކާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.
އެހެންނަމަވެސް، 2019 އަހަރުން ފެށިގެން ސަރުކާރުން އައީ ކުރިން ނުދެވި ހުރި ކައުންސިލް އާމްދަނީ ވެސް، އަތޮޅު ކައުންސިލް މެދުވެރިކޮށް ދެމުންކަމަށް އަމީރު ވިދާޅުވިއެވެ.
އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީގެ އިތުރުން، މުޅިން އައު ވެހިކަލްތަކުން ލިބޭ ފީ، އެ ވެހިކަލް ދުއްވާ ރަށަކަށް ނުވަތަ ސިޓީއަކަށް ދޭން ފެށުނުކަން ވެސް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.
މާލެ ނޯތު ހާބަރު ސަރަހައްދުގައި ހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ކުރީ ސަރުކާރުން ނިންމީ 2022 ވަނަ އަހަރުއެވެ. އެއީ އުކުޅަހުގައި ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެގޮތުން ގިނަ ކައުންސިލްތަކުން ވަނީ އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ނުލިބޭތީ އެ ކަންބޮޑުވުން އޭރު ފާޅުކޮށްފައެވެ.
އެކަމަށް ހައްލެއްގެ ގޮތުގައި އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލާ ހާވާލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ވަނީ ނިންމަވައިފައެވެ. މި ނިންމެވުމާއެކު 2018 ވަނަ އަހަރު އަތޮޅު ފިހާރަތަކުން ލިބުނު 34 މިލިއަން ރުފިޔާ އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދޭން ސަރުކާރުން އޭރު ނިންމައި އެ ފައިސާ ދިޔައީ ދޫކުރަމުންނެވެ.