ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 11:23
އިސްރާއީލުން ފަލަސްތީނުގެ 25000 އަށްވުރެ ގިނަމީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައި
އިސްރާއީލުން ފަލަސްތީނުގެ 25000 އަށްވުރެ ގިނަމީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައި
ގެޓީ އިމޭޖަސް
ފަލަސްތީނުން މަރުވާ މީހުންގެ އަދަދުތައް
ޣައްޒާގެ މަރުތަކާ ބެހޭގޮތުން ފަލަސްތީނުން ނެރެފައިވާ ހިސާބުތައް ދިމާވާކަމަށް ޔަހޫދީން އެއްބަސްވެއްޖެ
 
އިސްރާއީލްގެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު ބެލުމުގައި އަސްކަރިއްޔާއިން ހަމައެކަނި ބަލަނީ ހަމާސްގެ ސީނިއާ ޓާގެޓްތައް އަމާޒުކޮށްދޭ ހަމަލާތައް

ޣައްޒާގެ މަރުތަކާ ބެހޭގޮތުން ފަލަސްތީނުގެ ރަސްމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތައް ދިމާވާ ކަމަށް ޔަހޫދީ އިސްރާއީލުން އެއްބަސްވެއްޖެއެވެ.

ހިބްރޫ ބަހުގެ ލޯކަލް ކޯލް ނިއުސް ވެބްސައިޓާ ވާހަކަ ދެއްކި އިސްރާއީލުގެ އިންޓެލިޖެންސްގެ ދެ އޮފިޝަލަކު ބުނީ، ޣައްޒާގައި މަރުވާ އާންމުން މީހުންގެ ތަފާސްހިސާބުތައް އެންމެ ރަނގަޅަށް ފޯރުކޮށްދެނީ ޣައްޒާގެ ހެލްތު މިނިސްޓްރީން ކަމަށެވެ. އަދި އެ މައުލޫމާތުތަކަކީ އިތުބާރު ކުރެވޭ ތެދު ޞައްޙަ މައުލޫމާތު ކަމަށެވެ.

އިސްރާއީލުގެ އިންޓެލިޖެންސް އޮފިޝަލުން އެ ނޫހަށް އިތުރަށް ބުނީ ޣައްޒާގައި ޝަހީދުވި އާންމުންގެ އަދަދާ ގުޅޭ މައުލޫމާތުތައް "އިތުބާރު ކުރެވޭ" ތޯ ބެލުމަށް އިސްރާއީލުގެ އިންޓެލިޖެންސް އިން ސިއްރުން ޣައްޒާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުންގެ ފަރާތުން މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަސްކަރިއްޔާއަށް ފެނުނީ އެ އަދަދުތަކަކީ އިތުބާރު ކުރެވޭ އަދަދުތަކެއް ކަމަށާއި މިހާރު އިންޓެލިޖެންސް ބްރީފިންތަކުގައި އެ އަދަދުތައް އިންޓާނަލްކޮށް ބޭނުން ކުރާ ކަމަށް ނޫސްވެރިޔާ ޔޫވަލް އަބްރަހަމް ބުދަ ދުވަހު އެކްސްގައި ބުންޏެވެ. މީގެއިތުރުން ޣައްޒާގައި މަރުވި މީހުންގެ ތަފާސްހިސާބުތަކަށް އިސްރާއީލުގެ އެއްވެސް ރަނގަޅު ވަސީލަތެއް ނެތް ކަމަށާއި އެހެންކަމުން ހަމައެކަނި ބަރޯސާވަނީ ފަލަސްތީނުގެ ޑޭޓާއަށް ކަމަށް ވެސް އިސްރާއީލުގެ އިންޓެލިޖެންސް އޮފިޝަލުން އެ ނޫހަށް ބުނެފައިވެއެވެ.

އިސްރާއީލުގެ މަސްދަރަކުން ލޯކަލް ކޯލްއަށް މައުލޫމާތު ދިން ގޮތުގައި ހަމާސްގެ އަމާޒުތަކަށް އިސްރާއީލުން ދިން އެތައް ސަތޭކަ ހަމަލާތަކަށް އިސްރާއީލު ސިފައިން ބޮމް ޑެމޭޖް އެސެސްމަންޓް (ބީޑީއޭ) ނުހަދާ ކަމަށާއި އޭގެ މާނައަކީ އާންމުން މަރުވާ ގޮތުގެ ހަމައެކަނި ޑޭޓާ ޞައްޙަ ގޮތުގައި ލިބޭނެ ހަމައެކަނި ވަޞީލަތަކީ ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ޢާއްމުކުރާ ތަފާސްހިސާބުތައް ކަމަށެވެ.

އިސްރާއީލްގެ އިންޓެލިޖެންސާއި ހަވާލާދީ އެގައުމުގެ އެހެން މީޑިއާއެއްގައި ވެސް ބުނެފައިވަނީ އިސްރާއީލްގެ އަސްކަރިއްޔާއިން ހިސާބުކުރަނީ ހަމާސްގެ ސީނިއާ ޓާގެޓްތަކަށް ދެވޭ ހަމަލާތަކުން މަރުވާ މީހުންގެ ނަމްބަރުތައް އެކަނި ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ ޢާއްމުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ނުވަތަ މަހެއްގެ މައްޗަށް މަރުވަނީ ކިތައް މީހުންކަމެއް އިސަރާއީލްގެ އޮފިޝަލުންނަށް އެނގޭނެ، އިސްރާއީލްގެ ޞައްހަ މަސްދަރެއް ނެތެވެ.

އެހެންވީމާ، މި ތަފާސްހިސާބުތަކަށް އައިޑީއެފް [އިސްރާއީލުގެ އަސްކަރިއްޔާ] އަށްވުރެ ބޮޑަށް ޣައްޒާގެ ހެލްތު މިނިސްޓްރީއަށް އަޅުގަނޑު އިތުބާރު ކުރަން، އަސްކަރިއްޔާގެ އަތުގައި އެ މައުލޫމާތެއް ނެތް
އިސްރާއީލްގެ އިންޓެލިޖެންސް

މިވާހަތަކަކީ ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ދިން މަރުގެ އަދަދާ މެދު ސުވާލު އުފައްދަމުން އަންނަ އިސްރާއީލުގެ އޮފިޝަލުންނާއި އެކުވެރިންގެ ރަސްމީ ބަޔާނާ ޚިލާފު ވާހަކަތަކެކެވެ.

އިސްރާއީލްގެ އިންޓެލިޖެންސް އިން މިހެން ބުނާއިރު، އޮކްޓޯބަރު މަހުގެ ފަހުކޮޅު ފަލަސްތީނުގެ 6،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް އިތުބާރު ނެތް ކަމަށް ވިދާޅުވެފައެވެ.

ރައީސް ބައިޑެން މިހެން ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތަފްސީލީ ލިސްޓެއް ހެލްތު މިނިސްޓްރީން އާންމުކުރިއިރު، އޭގެ ތެރޭގައި އެ ހިސާބާ ހަމައަށް ޝަހީދުވި 2900 ކުޑަކުދިން ވެސް ހިމެނެއެވެ.

ހުޅަނގުގެ މީޑިއާތަކުން ވެސް ވަނީ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކާ މެދު އިތުބާރު ނެއްކަމަށްބުނެ ޣައްޒާގެ ސިއްހީ އިދާރާތަކަށް ޝައްކުގެ ނަޒަރަކުން އަމަލުކޮށްފައެވެ. މި ފްރޭމިންއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އިސްރާއީލުގެ އޮފިޝަލުން ހަމާސްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބުނާއިރު، ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނަނީ މިހާތަނަށް ފަލަސްތީނުން މަރުވެފައިވާ 25،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

ޑިސެމްބަރު މަހުގެ ކުރީކޮޅު ޣައްޒާގައި މަރުވި މީހުންގެ އަދަދު 16،000 އަށް އަރާފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ހަމަލާތަކުގައި މަރުވި ހަމާސްގެ ކޮންމެ ހަނގުރާމަވެރިއަކަށް ފަލަސްތީނުން ޢާއްމުންގެ ދެމީހުންވަނީ ހަމަލާތަކުގައި މަރުވެފައެވެ.  

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޖޮނަތަން ކޮންރިކަސް ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި މި ވާހަކަތައް ކަށަވަރުކޮށްދެމުން އެ އަދަދު ސިފަކޮށްފައި ވަނީ "ވަރަށް ޕޮޒިޓިވް" އަދަދެއްގެ ގޮތުގައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ސަރަހައްދުގައި 25،000 އަށް ވުރެ ގިނަ މީހުން މަރުވެ، 63،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެތައް ހާސް ބަޔަކު މަރުވި އިރު، މި ހަމަލާގެ ސަބަބުން ޣައްޒާގެ ބޮޑު ބައެއް ވަނީ ސުންނާފަތިކޮށް ދިރިނޫޅެވޭނެ ގޮތް ހަދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް