ކ. މާލެ
|
25 ޖެނުއަރީ 2024 | ބުރާސްފަތި 11:53
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ޞިއްޙަތާ ބެހޭ ވުޒާރާ ހުންނަ އިމާރާތް
ޞިއްޙަތާ ބެހޭ ވުޒާރާ
ޞިއްޙަތާ ބެހޭ ވުޒާރާ އިން މަޢުލޫމާތު ހޯދުން: އަނބޮއް މަނޭ، ދަނބޮއް މަނޭ!
 
ހޯއް ގޮވާ ކެއްސުމުގެ ބައްޔާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް، ކަމާ ގުޅުން ހުރި ޞިއްޙީ ވުޒާރާތައް ވަނީ ނުކުޅެދިފައި

ބުރާސްފަތި ދުވަހު ރާއްޖެ ޓީވީން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގުޅާލީ، ރާއްޖެ އިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ، ހޯއް ގޮވާ ކެއްސުމުގެ ބަލީގެ ކޭސްތަކެއް، ގއ.ވިލިނގިލިން ފެނިފައިވާތީ، އެކަމުގެ އެންމެ ފަހު މައުލޫމާތެއް ހޯދުމަށެވެ. އެގޮތުން މިހާތަނަށް ތިން ކޭސްއެއް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފައިވާ ކަމަށާއި، އެ ތިން ކޭސްއާ ގުޅުން ހުރި ކޮންޓެކްޓް ޓްރޭސިން ހެދިފައިވޭތޯ ރާއްޖެ ޓީވީން ވަނީ ސުވާލުކޮށްފަ އެވެ. އެހެން ނަމަވެސް، އެޗްޕީއޭގެ ފަރާތުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ، މަަޑުކޮށްލުމަށެވެ.

އެއަށްފަހު އެދުނީ ރާއްޖެ ޓީވީން މައުލޫމާތު ސާފު ކުރުމަށް ބޭނުންވާ ފަރާތެއްގެ ނަންބަރު ޙިއްސާ ކުރުމަށެވެ. އެއަށްފަހު އަޕްޑޭޓެއް ބެއްލެވުމަށް ފަހު ގުޅުއްވާނެ ކަމަށެވެ. އެހެން ނަމަވެސް، ގިނަ ފަހަރު މިގޮތަށް ނަންބަރު ނެންގެވުމަށްފަހު، މައުލޫމާތު ލިބުމަކީ ވުމަށް ވުރެ، ނުވުން ގާތް ކަމެކެވެ. ކޮންމެ އަކަސް، އެޗްޕީއޭ އިން އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ބޭފުޅާ ދެއްވީ، އެކަމާ ގުޅޭ ގޮތުން ގުޅޭނެ ނަންބަރެކެވެ.

ނަމަވެސް އެ ބޭފުޅާ ދެއްވި ނަންބަރުން ފޯނަށް ޖަވާބުނުދޭތީ، އަނެއްކާ ވެސް ޖެހުނީ ހަމަ އެ ބޭފުޅާ އަށް ގުޅުމަށެވެ. ގުޅުމަށްފަހު އެ ވާހަކަ ދެންނެވުމުން އޭނާ ވިދާޅުވީ، ކުރިން ވެސް ދެންނެވި ފަދައިން ނަންބަރު ޙިއްސާ ކުރެއްވުމަށެވެ. އެއީ، ސީދާ އެކަމާ ގުޅުން ހުރި ފަރާތްތަކަށް ނަންބަރު ދެއްވައިގެން، ގުޅުއްވުމަށް ކަމަށް ވިދާޅުވި އެވެ. ނަންބަރު ހިއްސާ ކުރަން އެދުނީ ސީދާ އެކަމާ ގުޅުން ހުރި ތަނަށް ނުގުޅިދާނެތީ ކަމަށް ވެސް ވިދާޅުވި އެވެ. ދެން އުފެދެނީ ސުވާލެކެވެ. އެ ވިދާޅުވަނީ ދައުލަތުގެ އިދާރާ އަކުން ނުވަތަ ކަމާ ގުޅުން ހުރި ފަރާތަކުން ފޯނަށް ޖަވާބު ނުދެއްވާނެއޭ ތޯއެވެ؟

ދެން ރާއްޖެ ޓީވީން އެދުނީ، މައުލޫމާތު ދެވޭނެ ބޭފުޅަކަށް ނުވަތަ ސެކްޝަނަކަށް ފޯނު ޕާސްކޮށްދެއްވުމަށެވެ. ބަދަލުގައި އެނާ ދެއްވީ ރުންކުރު ޖަވާބެކެވެ. ވިދާޅުވީ ތިމަންނާމެންގެ ނެޓްވޯޓުގެ މައްސަލައެއް އުޅޭތީ ޕާސް ކުރި ނަމަވެސް، ފޯނު ކެނޑޭނެ ކަމަށެވެ. ކުރިން ދެއްވި ނަންބަރުން ވެސް ފޯނު ނުނަންގަވާ ކަމަށް ދެންނެވުމުން، ފުލު ފުލުން އައީ އަދި މާ ރުންކުރު ޖަވާބުތަކެކެވެ. ދެން ދައްކަވަން ފެށީ ބަހަނާ އެވެ. ބައްދަލުވުމެއްގައި ތިއްބެވި ކަމެއް ނުވަތަ އެހެން ކޯލަކަށް ޖަވާބު ދެއްވަނީ ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އޭނާގެ ފަރާތުން މައުލޫމާތު ސާފުކުރެވޭ ގޮތް ނުވުމުން، ދެން ގުޅީ ސީދާ ޞިއްޙީ ވުޒާރާއަށެވެ. ޞިއްޙީ ވުޒާރާގެ ފޯނު ކެނޑެން ދެން ވެސް އިވުނީ، ހިތަށް ފިނިކަން ގެނުވާ ކަހަލަ މިއުޒިކެކެވެ. ނަމަވެސް ފޯނަށް ޖަވާބު ދޭ ގޮތެއް ނުވި އެވެ. ޞިއްޙީ ވުޒާރާ އިން ފޯނަށް ޖަވާބު ނުދިނުމުން، ދެން ގުޅީ ގއ.އަތޮޅު ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގެ ރިސެޕްޝަނަށް ގުޅުމާއެކު، ހަމަ އެއް ސުވާލެއް ކުރުމުން ވިދާޅުވީ، ގުޅާލަން ބޭނުންވަނީ ކޮން ބޭފުޅަކާތޯ އެވެ؟ ޖަވާބުގައި އެކަމާ ގުޅުން ހުރި މައުލޫމާތު ދެއްވޭނެ ބޭފުޅަކާ ގުޅާލަން ބޭނުންވާ ކަމަށް ދެންނެވުމުން، ދެއްވީ ޕަބްލިކް ހެލްތު އޮފިސަރުގެ ނަންބަރެވެ.

ކޮންމެއަކަސް ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައި ޕަބްލިކް ހެލްތު އޮފިސަރަށް ގުޅާލުމުން ދެއްވީ، މާޔޫސް ޖަވާބެކެވެ. ވިދާޅުވީ ތިޔަ ކަމުގައި އަޅުގަނޑު ވާހަކަ ދެއްކުން ރަނގަޅު ނުވާނެ ކަމަށެވެ. އެއަށްފަހު ވިދާޅުވީ، ހޮސްޕިޓަލުގެ މެނޭޖަރަށް ގުޅުމަށެވެ. އެއަށްފަހު މެނޭޖަރުގެ ނަންބަރު ދެއްވުމުން ގުޅާލީ މެނޭޖަރަށެވެ. އެހެނެއް ކަމަކު، މިކަމުގައި މެނޭޖަރަށް ވެސް ބަސް ކިޔޭ ކަމަކަށް ނުވި އެވެ. ވިދާޅުވީ ހެލްތު މިނިސްޓްރީގެ ފޯކަލް ޕޮއިންޓާ ގުޅާލުމަށެވެ. އެ ހިސާބުން ދެން މައުލޫތު ނުލިބޭނެ ކަމަށް ބަަލައި، ފޯނު ބޭއްވީއެވެ.

ރާއްޖެ އިންް ނައްތާލާފައިވާ ބައްޔެއް ފެނިގެން އުޅޭއިރު، މިއީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމެކެވެ. ނަމަވެސް، މިކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރު ކޮށްދިނުމަށް ކަމާ ގުޅުން ހުރި އިދާރާތައް ވަނީ ނުކުޅެދިފަ އެވެ. އެންމެ ކުޑަ މިނުން، އެ ބަލީގެ ކޭސްތައް ފެނިފައިވާ ވިލިނގިލީގެ ރައްޔިތުންނަށް ވެސް އެކަމުގެ މައުލޫމާތު ދީފައެއް ނުވެ އެވެ. މިކަމުގައި ރަށު ތެރޭގައި އާންމު ރައްޔިތުން ދައްކާ ވާހަކައެއް ވެސް އޮވެ އެވެ. ޞިއްޙަތާ ބެހޭ ވުޒާރާ އިން ވަރަށް ބޮޑަށް ކަންކަން ސިއްރު ކޮށްގެން މަސައްކަތް ކުރާ ވާހަކަ އެވެ.

ޞިއްޙީ ކަންކަމުގައި އެންމެ ފުރިހަމަ މައުލޫމާތެއް ދެވޭނީ އެކަމާ ގުޅުން ހުރި ޞިއްޙީ އިދާރާތަކަށް ވީއިރު، އެކަން ވެސް މިދިޔައީ، "އަނބޮއް މަނޭ، ދަނބޮއް މަނޭ" އުސޫލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް