ގއ ވިލިނގިލީ، ޒަމާނީވިލާ ޝިއުނާ ތައުފީގު ދިޔައީ ތިން ވަނަ ދަރިފުޅު ވިހެއުމަށް ތައްޔާރުވަމުންނެވެ. އެ އާއިލާ މެމްބަރުން ވެސް ތިބީ އެއާއިލާއަށް އިތުރުވާ އައު މެމްބަރަށް މަރުހަބާ ކިޔުމަށް ކެތްމަދުވެފައެވެ. ނަމަވެސް މުޅި އާއިލާއަށް އަނދިރިކަން ލިބިގެންދިޔައީ ޝިއުނާއާއި، ދުވަސް ނުފުރި ވިހެއި ކުއްޖާ މަރުވުމާއި ގުޅިގެންނެވެ.
މިހާދިސާ ހިނގި ގޮތް ޝިއުނާގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ސުނިލް ތައުފީގު ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.
ސުނިލް ކިޔައިދިން ގޮތުގައި ޝިއުނާ ގއ.އަތޮޅު ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައީ މިމަހުގެ 4 ވީ އަންގާރަ ދުވަހުގެ ރޭ ކަމަށާއި އަރިދަފުސް އަޅައި ނޭވަޔަށް އުނދަގޫ ވާތީ ކަމަށެވެ. ޝިއުނާގެ ބަނޑަށް ކިރިޔާ 8 މަސް ވެފައިވާތީ، އެޑްމިޓް ކޮށްގެން ފަަރުވާ ދިނުމަށް އާއިލާއިން ޑޮކްޓަރުންގެ ކިބައިން އެދުނެއެވެ. ނަމަވެސް އެތެރެ ހަށީގެ ޑޮކްޓަރު ބެލުމަށްފަހު މާ ބޮޑު މައްސަލައެއް ނެތް ކަމަށް ބުނެ، އެކަށީގެންވާ ފަރުވާ ނުދީ ޝިއުނާ ދޫކޮށްލި ކަމަށާއި، މާބަނޑު ނަމަވެސް ގައިނީ ޑޮކްޓަރަށް އަންގާފައިނުވާކަމަށް އޭނާ ބުންޏެވެ.
ޝިއުނާއަށް ފަރުވާ ދޭން ފަށާފައިވަނީ ނޭވާނުލެވި، ހޮސްޕިޓަލަށް ވެއްޓުމުންނެވެ.
އޭގެފަހުން އިތުރަށް ހާލު ސިރިއަސްވެ، ގދ.ތިނަދޫއިން ޑޮކްޓަރަކު އައުމުން ބުދަ ދުވަހުގެ ހަވީރު ސިޒޭރިއަން ހަދައި ދަރިފުޅު ނެގިއެވެ. ނަމަވެސް ހޮސްޕިޓަލްގައި ދަރިފުޅަށް ދޭނެ ފަރުވާ ނެތް ކަމަށާއި، އެއިރުން ފެށިގެން ވީހާވެސް އަވަހަށް މާލެއަށް ފޮނުވާ ދިނުމަށް އާއިލާއިން ދިޔައީ އެދެމުން ދިޔަ ކަމަށް ސުނިލް ބުންޏެވެ.
ނަމަވެސް އާސަންދަ ހަމަނުޖެހި ދިޔައީ ލަސްވަމުންނެވެ. އަވަހަށް ފުރޭނެ ގޮތެއް ނުވެ ލަސްވަމުންދާތީ އާއިލާއިން ގިނަ މަސައްކަތްތައްކޮށް، ބުދަ ދުވަހުގެ ރޭ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކޮށްގެން ގެންނަކަމުގެ މައުލޫމާތް ލިބުނެއެވެ. އެ ދެމައިން ފޮނުވާލުމުގެ މަސައްކަތްކޮށް، ބުދަ ދުވަހުގެ ރޭ ސިއްހީ ޚިދުމަތްތެރިންނާއެކު ކޫއްޑޫއަށް ގެންދިޔައެވެ. ނަމަވެސް އެއީ އެއަރ އެމްބިއުލޭންސްއެއް ނޫން ކަމަށާއި، އޭގައި ބަލި މީހާއަށް ފަރުވާ ދޭވޭނެ އެއްވެސް އިންތިޒާމެއް ހަމަޖެހިފައިނުވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ޝިއުނާ ވެސް އޭނާގެ ދަރިފުޅު ވެސް މަރުވެފައިވަނީ ރަންވޭގައި އޮކްސިޖަން ހުސްވުމުންނެވެ. އަދި އެކަން އާއިލާއަށް ސިއްރުކޮށްފައިވާ ކަމަށް ވެސް ސުނިލް ބުނެފައިވެއެވެ.
މާބޮޑަށް އޮކްސިޖަން ދައްވަނީއޭ ކިޔާފައި ނުފުރާ މަޑުކުރީ ރަންވޭގަ. އެކަމަކު އަސްލު އޮކްސިޖަން ހުސްވެފަ މި ހުރީ. އެހެންވީމަ އޮކްސިޖަންއެއް ނުލިބޭނެތާ. ބޭބީ ވެސް އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފަ. އަސްލު ބޭބީ ވެސް ނިޔާވީ މިކޮޅުގަ. އެކަމަކު އެކަން ވެސް ސިއްރުކޮށްފަ ބޭބީ އެގެންދިޔައީ ފްލައިޓުގަ އައިޖީއެމްއެޗަށް އަށް. ދެމައިން ވެސް މަރުވީ އިހުމާލުން. ފަރުވާއެއް ނުދެވޭޝިއުނާގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ސުނިލް ތައުފީގު![]()
ޝިއުނާ މަރުވިއިރު، އޭނާގެ 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިން ވެސް އެބަތިއްބެވެ. އެކުދިންގެ މަންމަގެ ކުއްލި މަރާއެކު، އެކުދިންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.
މީގެ އިތުރުން މިއީ ބޮޑު އިހުމާލެއް ކަމަށް ބުނެ، ވިލިނގިލީގެ ރައްޔިތުން ވެސް ދަނީ އިންސާފަށް ގޮވާލަމުންނެވެ.
މިމައްސަލައާ ގުޅިގެން ވިލިނގިލީ ހޮސްޕިޓަލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިމައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށެވެ.