ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 18:21
ޖަޕާނުގެ އެމްޕެރަރގެ ދަރިކަނބަލުން، ޕްރިންސެސް އައީކޯ
ޖަޕާނުގެ އެމްޕެރަރގެ ދަރިކަނބަލުން، ޕްރިންސެސް އައީކޯ
ގެޓީ އިމޭޖަސް
ޖަޕާނުގެ އިމްޕީރިއަލް ފެމިލީ
ޖަޕާނުގެ އެމްޕެރަރގެ ދަރިކަނބަލުން ރެޑްކްރޮސްގައި މަސައްކަތްކުރައްވަން ނިންމަވައިފި
 
ޕްރިންސެސް އައީކޯގެ މަންމާފުޅު، އެމްޕްރެސް މަސާކޯއަކީ ވެސް ކެރިއަރ ވުމަންގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭކަނބަލެއް

ޖަޕާނުގެ އެމްޕެރަރ ނަރުހީޓޯގެ ދަރިކަނބަލުން ޕްރިންސެސް އައީކޯ، ޔުނިވަރސިޓީން ގްރެޖުއޭޓް ވެވަަޑައިގަތުމަށްފަހު ޖަޕަނީސް ރެޑްކްރޮސް ސޮސައިޓީގައި މަސައްކަތް ކުރައްވަން ގަސްތުކުރައްވާކަން އިއުލާން ކުރައްވައިފިއެވެ.

އެމްޕެރަރ ނަރުހީޓޯއާއި އެމްޕްރެސް މަސާކޯއަށް ލިބިވަޑައިގެންނެވި ހަމަ އެކަނި ބޭފުޅާ ކަމަށްވާ ޕްރިންސެސް އައީކޯ، އެޕްރިލް މަހު ގްރެޖުއޭޓް ވެވަޑައިގަންނަވާއިރު، ރެޑްކްރޮސް ސޮސައިޓީގައި އެކަމަނާ އަދާކުރައްވާނެ ވަޒީފާއަކާބެހޭ ތަފްސީލް އަދި ހާމައެއް ނުކުރައްވައެވެ.

އުމުރުފުޅުން 22 އަހަރުގެ ޕްރިންސެސް އައީކޯއަށް އެމްޕެރަރކަމުގެ ތަޚުތު ވާރުތަވެވަޑައެއް ނުގަންނަވާނެއެވެ. އެހެނީ ޖަޕާންގެ ގާނޫނު އޮންނަ ގޮތުން، އެމްޕެރަރކަމުގެ ތަޚުތު ވާރުތަވެވަޑައިގަންނަވާނީ ހަމަ އެކަނި ފިރިހެން ބޭފުޅުންނަށް ކަމަށްވާތީއެވެ.

މިދިޔަ އޮކްޓޯބަރު މަހު ޕްރިންސެސް އައީކޯ، ރެޑްކްރޮސް ސޮސައިޓީގައި އޮތް މައުރަޒެއް ބައްލަވާލެއްވުމަށް، އެމްޕެރަރ ނަރުހީޓޯއާއި އެމްޕްރެސް މަސާކޯގެ އަރިހުގައި ވަޑައިގެންނެވިއެވެ. އެއީ އެ ސޮސައިޓީން ކުރާ މަސައްކަތްތަކާބެހޭ މައުރަޒެކެވެ. ޚާއްސަކޮށް 1923ގައި ޓޯކިޔޯއަށް އައި ބާރުގަދަ ބިންހެލުމާއި، އަދި އޭގެ ފަހުންވެސް ކުރިމަތިވި ގުދުރަތީ ކާރިސާތަކުގައި ޖަޕަނީސް ރެޑްކްރޮސް ސޮސައިޓީން އެހީގެ މަސައްކަތްތައް ކުރިޔަށް ގެންދިޔަގޮތް ދައްކުވައިދޭ މައުރަޒެކެވެ.

ޖަޕަނީސް ރެޑްކްރޮސް ސޮސައިޓީއާ ގުޅިވަޑައިގަންނަވަން ގަސްތުކުރައްވާކަން ހާމަކުރައްވައި، ނެރުއްވި ބަޔާނެއްގައި ޕްރިންސެސް އައީކޯ ވިދާޅުވީ، އެ ސޮސައިޓީން ކުރިއަށްގެންދާ މަސައްކަތްތަކަށް އަބަދުވެސް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ޖަޕަނީސް ރެޑްކްރޮސް ސޮސައިޓީގައި ވަޒީފާ އަދާކުރެއްވި ނަމަވެސް އިމްޕީރިއަލް ފެމިލީގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ރަސްމީ ޑިއުޓީތައް ޕްރިންސެސް އައީކޯ އަދާކުރައްވާނެއެވެ.

ޕްރިންސެސް އައީކޯގެ މަންމާފުޅު އެމްޕްރެސް މަސާކޯއަކީ ވެސް "ކެރިއަރ ވުމަން"ގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭކަނބަލެކެވެ. ޑިޕްލޮމެޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އެމްޕްރެސް މަސާކޯ އެތައް ބަހަކުން ފަރިތަކަމާއެކު ވާހަކަފުޅު ދައްކަވައެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް