ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 16:55
ކެމަރޫންގައި ފެށުނު މެލޭރިއާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން
ކެމަރޫންގައި ފެށުނު މެލޭރިއާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން
އޭއެފްޕީ
ކެމަރޫންގައި މެލޭރިޔާ ވެކްސިން ޕްރޮގްރާމް ފެށުން
ކެމަރޫންގައި މެލޭރިއާ "މާސް" ވެކްސިން ޕްރޮގްރާމެއް ފަށައިފި
 
މެލޭރިޔާ ޖެހިގެން ކޮންމެ އަހަރަކު 600،000 މީހުން މަރުވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނޭ

މަދިރީގެ ޒަރީއާއިން ފެތުރޭ މެލޭރިޔާ ކޮންޓްރޯލް ކުރުމަށް ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ފުޅާދާއިރާއެއްގައި ކުރިޔަށްގެންދާ "މާސް" ވެކްސިން ޕްރޮގްރާމް، ކެމަރޫންގައި ފަށައިފިއެވެ. މިޕްރޮގްރާމުގެ އަމާޒަކީ އެފްރިކާ ބައްރުގައި މެލޭރިޔާ ޖެހިގެން މަރުވަމުންދާ އެތައްހާސް ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރުމެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، އެފްރިކާގައި މެލޭރިޔާ ޖެހިގެން ކޮންމެ އަހަރަކު 600،000 މީހުން މަރުވެއެވެ. އަދި މި އަދަދުގެ 80 އިންސައްތައަކީ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ކެމަރޫންގައި ހޯމަދުވަހު ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން އުމުރުން 6 މަހުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ހިލޭ މެލޭރިޔާ ވެކްސިން ދެވޭނެއެވެ. މި ޕްރޮގްރާމުގެ ދަށުން ހަތަރު ޑޯޒް ދޭން ޖެހޭއިރު، ހެލްތު އޮފިޝަލުން ހާމަކޮށްފައި ވާގޮތުގައި ބެލެނިވެރިންނަށް ފަސޭހަކުރުމުގެ ގޮތުން މި ޑޯޒްތައް ދެވޭނީ ގަވާއިދުން ދެމުން އަންނަ އެހެން ވެކްސިންތަކާ އެކުގައެވެ.

މެލޭރިޔާ ކޮންޓްރޯލް ކުރުމަށް ކާމިޔާބު ޕައިލެޓް ޕްރޮގްރާމްތައް ވަނީ ކެންޔާ، ގާނާ އަދި މަލާވީގައިވެސް މީގެ ކުރިން ކުރިއަށްގެންގޮސްފައެވެ. ޔުނިސެފުން ހާމަކޮށްފައި ވާގޮތުގައި މެލޭރިޔާ ޖެހިގެން މަރުވާ ކުޑަކުދިންގެ އަދަދު މި ޕައިލެޓް ޕްރޮގްރާމުގެ ސަބަބުން 13 އިންސައްތަ ވަނީ ދަށްކުރެވިފައެވެ.

މެލޭރިޔާ ޖެހިގެން މަރުވާ ކުދިންގެ އަދަދު މި ވެކްސިނުގެ ސަބަބުން މަދު ކުރެވުނު ނަމަވެސް، މެލޭރިޔާ މުޅިން ކޮންޓްރޯލް ކުރުމަށް އަދިވެސް އިތުރު ކަންކަން ކުރަންޖެހޭ ކަމަށް އޮފިޝަލުން ބުނެއެވެ. މިގޮތުން މަދިރިގެ ބޭނުންކުރުމާއި މެލޭރިޔާ ޓެބްލެޓް ދިނުންފަދަ ކަންކަން ހިމެނެއެވެ. ވެކްސިނާއެކު މި ދެކަންތައް ކުރެވޭނަމަ މަރުވާ ކުދިންގެ 90 އިންސައްތަ ސަލާމަތްކުރެވޭނެ ކަމަށް، އިނގިރޭސިވިލާތުގައި ހަދާފައިވާ ސްޓަޑީއެއްގައި ބުނެފައިވެއެވެ.

މިހާރު ދެވޭ ވެކްސިނުގެ ނަމަކީ އާރްޓީއެސްއެސްއެވެ. އިގިރޭސި ޑްރަގް މޭކަރ ޖީއެސްކޭއިން މި ވެކްސިން ފުރިހަމަކޮށް ތަރައްގީކުރުމަށް 30 އަހަރު ނަގާފައިވެއެވެ. މިވެކްސިން ފުޅާ ދާއިރާއެއްގައި ދިނުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ދީފައިވާއިރު، ކެމްރޫންގައި ހޯމަ ދުވަހު ފެށި ޕްރޮގްރާމަކީ ތާރީޚީގޮތުން މުހިންމު ހަރަކާތެއް ކަމަށް އެޖަމްއިއްޔާއިން ބުނެފައިވެއެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ކޭޕް ވަރޑް ވަނީ، ފާއިތުވި 50 އަހަރުތެރޭވެސް ފުރަތަމަ ފަހަރަށް މެލޭރިޔާ ނައްތާލެވިފައިވާ އެފްރިކާގެ ގައުމުގެ ގޮތުގައި ޑަބްލިއުއެޗްއޯއިން މިދިޔަމަހު އިއުލާން ކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް