ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 16:29
އަނިޔާވި އިސްރާއީލު ސިފައިންގެ މީހަކު އަށިގަނޑެއްގައި ގެންދަނީ
އަނިޔާވި އިސްރާއީލު ސިފައިންގެ މީހަކު އަށިގަނޑެއްގައި ގެންދަނީ
ރޮއިޓާސް
ޣައްޒާގައި އިސްރާއީލު ސިފައިންތަކެއް މަރުވުން
ހަމާސްގެ ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ 24 މީހުން މަރާލައިފި
 
މިއީ އެއް ދުވަހެއްގައި އިސްރާއީލު ސިފައިންގެ އެންމެ ގިނަ މީހުން މަރުވި ފަހަރު
 
އިސްރާއީލު ސިފައިންތަކެއް މަރުވިކަން އިސްރާއީލު އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައި

ޣައްޒާގައި އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ހަމާސްގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ 24 މީހުން މަރާލައިފިއެވެ. މިކަން ވަނީ އިސްރާއީލު އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެވެ.

އިސްރާއީލުން ބުނީ، ޣައްޒާގައި ހިނގި ކުރިމަތިލުންތަކެއްގައި އިސްރާއީލު ސިފައިންގެ 24 މީހުން މަރުވެފައިވާކަމަށާއި، މިއީ އެއް ދުވަހެއްގައި އިސްރާއީލު ސިފައިންގެ އެންމެ ގިނަ މީހުން މަރުވި ފަހަރު ކަމަށެވެ. ފަލަސްތީނުން ބުނީ މިއީ ޣައްޒާގެ ދެކުނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހަމާސްއިން ދިން އެންމެ ވަރުގަދަ ބޮމުގެ ހަމަލާ ކަމަށެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު، ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަމަލާއަކީ އިދިކޮޅު ހަނގުރާމަވެރިން ދީފައިވާ ކުއްލި ބޮމުގެ ހަމަލާއެއް ކަމަށާއި، ހަނގުރާމަވެރިންގެ އެ ހަމަލާގައި އިސްރާއީލު ސިފައިން ބޭނުންކުރަމުންދިޔަ ދެ އިމާރާތެއްވެސް ވެއްޓިފައި ވާކަމަށެވެ. ގިނަމީހުން މަރުވީ ވެއްޓުނު އިމާރާތުގެ ދަށުވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާގެ ދެކުނުގައި ދިން ހަމަލާއެއްގައި ސިފައިންގެ ތިން މީހަކު މަރުވެފައިވާކަމަށެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކިދްރާ ރޮއިޓަރސްއަށް ވިދާޅުވީ، އިސްރާއީލު ސިފައިންނަށް އެ ހަމަލާ ދީފައިވަނީ ޣައްޒާގެ ހުޅަނގު ޚާން ޔޫނިސްއަށް، ވައިގެ މަގުންނާއި ކަނޑު މަގުގެ އިތުރުން އެއްގަމު މަގުން ބޮމުގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ކިދްރާ ވިދާޅުވީ، އާދީއްތަ ދުވަހުގެ ރޭ ޚާން ޔޫނިސްގައި އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި 50 މީހުން ޝަހީދުވެފައިވާއިރު، އެތައް ބަޔަކު ޒަޚަމްވެފައި ވާކަމަށެވެ. އަދި މެޑިކަލް ފެސިލިޓީތައް ވަށާލުމުގެ ސަބަބުން، ޒަޚަމްވި އެތައް ބަޔަކަށް ފަރުވާ ދިނުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

އިސްރާއީލު ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކުގައި އާއްމުންގެ ގިނަބަޔަކު މަރުވަމުންދާތީ އެމެރިކާއިން ވަނީ، ކުށެއް ނެތް ފަލަސްތީނު ރައްޔިތުންނާއި މެޑިކަލް ސްޓާފުން ހިމާޔަތްކުރުމަށް އިސްރާއީލަށް ގޮވާލާފައެވެ.

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ، އިސްރާއީލަށް ދިފާއުވުމުގެ ހައްގު ލިބިގެންވާކަމަށާއި، ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކުގައި ތިބި ކުށެއް ނެތް މީހުންނާއި މެޑިކަލް ސްޓާފުންނާއި ބަލި މީހުން ވެސް ވީހާވެސް ބޮޑަށް ހިމާޔަތް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމާސްގެ ހަނގުރާމަވެރިން ހޮސްޕިޓަލްތައް ބޭނުންކުރަނީ ހަނގުރާމަވެރިންގެ މަރުކަޒުތަކެއްގެ ގޮތުގައި ކަމަށް އިސްރާއީލުން ބުނަމުން އަންނައިރު، ހަމާސްއާއި މެޑިކަލް ސްޓާފުން އެކަން ދޮގުކުރެއެވެ.

މިދިޔަ ހަފުތާގައި އިސްރާއީލުން ޚާން ޔޫނިސް ހިފުމަށް ހަމަލާދޭން ފަށާފައިވާއިރު، އިސްރާއީލު ސިފައިން ހަމަލާތައް ދެމުން އަންނަނީ ހަމާސްގެ ހަނގުރާމަވެރިންގެ މައި މަރުކަޒަށް ކަމަށް އިސްރާއީލުން މިހާރު ވަނީ ބުނެފައެވެ. ނަމަވެސް އެވާހަކަ އެއްވެސް މަސްދަރަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ޣައްޒާގައި ވެރިކަންކުރާ، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ނައްތާލާނެ ކަމަށް އިސްރާއީލުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގެ 25،295 މީހުން އިސްރާއީލްގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާބެހޭ އިދާރާތަކުން ހޯމަ ދުވަހު ނެރުނު އަޕްޑޭޓެއްގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް