ކ. މާލެ
|
22 ޖެނުއަރީ 2024 | ހޯމަ 21:15
ބޯޑަރު ސަރަޙައްދުގައި އިސްރާއީލްގެ ސިފައިން ޣައްޒާއަށް ހަމަލާދެނީ
ބޯޑަރު ސަރަޙައްދުގައި އިސްރާއީލްގެ ސިފައިން ޣައްޒާއަށް ހަމަލާދެނީ
ގެޓީ އިމޭޖަސް
އިސްރާއީލްގެ ގައިދީންތަކެއް މަރުވުން
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 60 ގައިދީން އިސްރާއީލްގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ހަމާސް އިން ބުނެފި
 
އިސްރާއީލުން ޣައްޒާގެ ހުޅަނގު އައްސޭރީގެ ގެތަކަށްދިން ބޮމުގެ ހަމަލާތަކުގައިވެސް އިސްރާއީލްގެ ވަޒަންވެރިން މަރުވެފައިވާ ކަމަށް ހަމާސް އިންބުނޭ

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ގައިދީންގެ ތެރެއިން 60 ގައިދީން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ހަމާސް އިން ބުނެފިއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް އިން އާދީއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ގާތްގަނޑަކަށް 60 ގައިދީން ޣައްޒާގައި މަރުވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކާއި ޣައްޒާގެ ޢާއްމުންނާއި ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގެ ސަބަބުން ޣައްޒާގެ ވަށައިގެންވާ އާބާދީތަކާއި އަސްކަރިއްޔާގެ ބެރެކްތަކުގައި ހިފަހައްޓާފައިވާ އިސްރާއީލުގެ އެތައް ބަޔަކު މަރުވެފައިވާކަން އިސްރާއީލުގެ ހެކިބަހާ ހަވާލާދީ ހަމާސްގެ އެ ލިޔުމުގައި ބުނެފައިވެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލް ސިފައިން ބޮމުގެ ހަމަލާތައް ދީ ޣައްޒާއާއި ހުޅަނގު އައްސޭރީގެ ގެތައް ހަލާކުކޮށްލުމުގެ ތެރޭގައިވެސް އިސްރާއީލުގެ ބައެއް ވަޒަންވެރިންނާއި ރެސިސްޓެންސް މެމްބަރުން ވަނީ މަރުވެފައި ކަމަށް އެލިޔުމުގައި ވެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމަލާތައް ބަދަލުކުރަމުން ދާއިރު، ދެފަހަރެއްގެ މަތިންވަނީ ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލައިފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހަތް ދުވަހުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލީ ދެފަރާތުގައި ހައްޔަރުވެފައިތިބި ގައިދީން މިނިވަން ކުރުމަށް ޝަރުތުކޮށްފައެވެ.

އެފަހަރުގެ ގައިދީން ބަދަލުކުރުމުގެ ތެރޭގައި ހަމާސްއިން ހައްޔަރުކުރި އިސްރާއީލްގެ މީހުންގެ ތެރެއިން 105 މީހުން ދޫކޮށްލިއެވެ. އޭގެ ތެރެއިން 80 މީހުންނަކީ އިސްރާއީލު މީހުން ކަމަށްވާއިރު، އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

އަނެއްކޮޅުން އިސްރާއިލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބަޔަކުވެސް ވަނީ އެފަހަރު ދޫކޮށްލައިފައެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 240 ގައިދީން އިސްރާއީލުން ވަނީ ދޫކޮށްލައިފައެވެ.

ހަނގުރާމައަށް ތިންމަހަށްވުރެ ގިނަދުވަސް ވެފައިވާއިރު، ޣައްޒާ އެކީއެކަށްވަނީ ސުންނާފަތިވެފައެވެ. ފަލަސްތީނުގެ 25،000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. 80 އިންސައްތައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އިންސާނީ ކާރިސާއެއްގެ ތެރެއަށް ޣައްޒާގެ 2.3 މިލިއަން ރައްޔިތުންވަނީ މިހާރު ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް