ކ. މާލެ
|
22 ޖެނުއަރީ 2024 | ހޯމަ 14:27
އިސްރާއީލު ސިފައިން ކޮންނަމުންދާ ޣައްޒާގެ ޤަބުރުސްތާނެއް
އިސްރާއީލު ސިފައިން ކޮންނަމުންދާ ޣައްޒާގެ ޤަބުރުސްތާނެއް
ރޮއިޓާސް
ޣައްޒާގެ ޤަބުރުސްތާނުތައް ކޮންނަނީ
އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ގަބުރުސްތާނުތައް ކޮނެ، އިސްރާއީލުގެ މީހަކު ވަޅުލައިފައިވޭތޯ ބަލަނީ
 
އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ 16 ގަބުރުސްތާނެއް ބުލްޑޯޒަރު ބޭނުންކޮށްގެން ކޮނެ، ބަލައި ފާސްކޮށްފައިވޭ

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ 16 ގަބުރުސްތާނެއް ހަލާކުކޮށްލާފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކާއި ސޯޝަލް މީޑިއާ ފުޓޭޖްތަކާ ހަވާލާދީ އެމެރިކާގެ ނިއުސް އެޖެންސީ ސީއެންއެން އިން ރިޕޯޓުކޮޮށްފިއެވެ.

ސީއެންއެން އިން މިދިޔަ ހަފުތާ ބަންދުގައި ރިޕޯޓްކޮށްފައިވާ ގޮތުން ބުލްޑޯޒަރު ބޭނުންކޮށްގެން އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގި މި ޖަރީމާގައި ގަބުރުސްތާނުތައް ކޮނެ، ބައެއް ހަށިތައް ވެސް ނަގާފައިވެއެވެ.

ޤަބުރުސްތާނާއި، މިސްކިތްތައް ފަދަ ތަންތަން ގަސްދުގައި ހަލާކުކޮށް، އަސްކަރީ އަމާޒަކަށް ބަދަލުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، އިސްރާއީލުގެ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބެލެވިދާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށް ގާނޫނީ މާހިރުންނާ ހަވާލާދީ ވަނީ ފާހަގަކޮށްފައެވެ.

ސެޓެލައިޓް ފޮޓޯތަކާއި ވީޑިއޯތައް އެނަލިސިސް ހެދުމަށް ފަހު ސީއެންއެން އިން ބުނީ އަސްކަރިއްޔާއިން ގަބުރުސްތާނުތައް އަސްކަރީ އައުޓްޕޯސްޓްތަކެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ތަން ފެންނަ ކަމަށާއި އަދި ބުލްޑޯޒަރުން ބައެއް ގަބުރުސްތާނުތައް ކޮނެ ބިމާހަމަކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ސީއެންއެންއަށް ކަށަވަރުކޮށްދިން ގޮތުގައި، ޣައްޒާގެ ބައެއް ގަބުރުތައް ކޮނެގެން ބެލީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ހިންގި ހަމަލާގައި އަތުލައިގަތް އިސްރާއީލުގެ ރަހީނުކުރި މީހުން އެތަނުގައި ވަޅުލާފައިވޭތޯ ބެލުމަށް ކަމަށެވެ.

އޭނާ ތުހުމަތުކުރި ގޮތުގައި އެ ގަބުރުސްތާނުތައް ހަމާސް އިން ބޭނުން ކުރަނީ އަސްކަރީ ބޭނުމަށް ކަމަށާއި، ހަމާސް ނައްތާލެވެންދެން ޣައްޒާއަށް ޙަމަލާ ދިނުން ނޫންގޮތެއް އިސްރާއީލުގެ އަސްކަރިއްޔާއަށް ނެތް ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ވަނީ ޣައްޒާގެ ބައެއް ގަބުރުތައް ހުޅުވައި ހަށިތައް ނެގިކަން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

އަދި އެއީ ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ އިސްރާއީލު މީހުން އެތަނުގައި ވަޅުލާފައި ވޭތޯ ބެލުމަށް ކުރި ކަމެއް ކަމަށާއި، ރަހީނުކުރި ބައެއް މީހުން މެރުމަށްފަހު ގަބުރުސްތާނުތަކުގައި ވަޅުލައިފާވާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފަވާ ކަމަށްވެސް އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި މިއީ ރަހީނުކުރި މީހުން ސަލާމަތްކުރުމަށް އިސްރާއީލްގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން ކުރިކަމެއްކަމަށްވެސް އަސްކަރިއްޔާއިން ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ނުރައްކާތެރި ޙަމަލާތައް ދޭން ފެށީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ޙަމަލާއެއްގައި އިސްރާއީލުގެ ގާތްގަނޑަކަށް 1،200 މީހުން މަރާލައި 200 ވަރަކަށް މީހުން ރަހީނު ކުރުމާއި ގުޅިގެންނެވެ.

ހަމާސްގެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި މިހާތަނަށް ވަނީ ފަލަސްޠީނުގެ 25،105 މީހުން ޝަހީދުވެ 62،681 މީހުން ޒަޚަމްވެފައެވެ.

އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ އަދި ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗަރުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭ ވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް