ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 06:42
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަދި ފެރާން ޓޮރޭސް
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އަދި ފެރާން ޓޮރޭސް
ރޮއިޓާސް
ބާސެލޯނާ
ޒަވީގެ ތައުރީފު ޓޮރޭސް އަށް!
 
ޒަވީ ބުނީ، ޓޮރޭސް އަކީ ހިތްވަރާއެކު މަސައްކަތް ކުރާ ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފެރާން ޓޮރޭސް އަށް، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ތައުރީފު ކޮށްފި އެވެ.

ޓޮރޭސްގެ ކުޅުމަށް ޒަވީ ތައުރީފު ކުރީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮރޭސް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެ މެޗުގައި ޓޮރޭސް ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަ ކޮށްފަ އެވެ.

އެމެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ، ބާސެލޯނާ އަަށް ބަދަލުވެ ޓޮރޭސް އަންނަނީ މޮޅަށް ކުޅެމުން ކަމަށެވެ. ޓޮރޭސް، އޭނާގެ ކުޅުމުގެ މުޅި ވައްޓަފާޅި އަމިއްލަ އަށް ބަދަލުކޮށްލައިފިކަން ފާހަގަކޮށް ޒަވީ ބުނީ، އޭނާ ދައްކަމުން އަންނަ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އިތުރަށް ޒަވީ ބުނީ މީގެ ކުރިން ޓޮރޭސްއާ ވަކިން ވާހަކަ ދައްކާފައި ވާނެ ކަމަށާއި، ޓޮރޭސް ދިނީ ބޮޑު ބަދަލެއް ފެންނާނެ ކަމުގެ ޔަޤީންކަން ކަމަށެވެ. އެކަން މިހާރު ފެނިގެންދާ ކަމަށާއި، ބެޓިސް މެޗުގައި ފެނުނީ ތަފާތު ކުޅުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޒަވީ ބުނީ، ޓޮރޭސް އަކީ ހިތްވަރާއެކު މަސައްކަތް ކުރާ ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށެވެ. އަދި ބާސެލޯނާގައި އޭނާގެ ކުރިމަގު އުޖާލާ ވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށާއި، އުންމީދަކީ ޓޮރޭސް އެގޮތުގައި ދެމި ހުރުން ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، މެޗުގައި ބާސެލޯނާގެ އެހެން ކުޅުންތެރިން ދެއްކި ހިތްވަރާއި، ކުޅުމަށް ވެސް ޒަވީ ވަނީ ތައުރީފު ކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީ ދޫކޮށްލުމަށްފަހު، ޓޮރޭސް ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓޮރޭސް ބާސެލޯނާގައި ހުންނާނެ އެވެ. ޓޮރޭސް ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 100 މެޗުން 25 ލަނޑު ޖަހައިފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި އޭނާ ވަނީ ބާސެލޯނާ އަށް ޖުމުލަ 11 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ހަތް ލަނޑަކީ ސްޕެނިޝް ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް