ކ. މާލެ
|
22 ޖެނުއަރީ 2024 | ހޯމަ 06:56
ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)
ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)
ސަރުކާރު ޖަވާބުދާރީކުރުން
ސަރުކާރަށް ޖެއްސުން ނުކޮށް، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރާނެ - މެންބަރު ހަލީމް
 
ސަރުކާރަށް ޖެއްސުން ނުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވައިގެން، ރައްޔިތުންނަށް ރަނގަޅު ނަތީޖާއެއް ނެރެދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން
 
މިހާރު ހުރި ކަންބޮޑުވުންތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕުގެ ތެރޭގައި މިހާރުވެސް މަޝްވަރާކުރެވެމުންދޭ

މިހާރު އޮތް ސަރުކާރަށް ޖެއްސުން ނުކޮށް، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޙަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޙަލީމް ވިދާޅުވީ އެމްޑީޕީން މެދުނުކެނޑި ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިހާރު ހުރި ކަންބޮޑުވުންތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕުގެ ތެރޭގައި މިހާރުވެސް މަޝްވަރާކުރެވެމުންދާ ކަމަށެވެ. މެންބަރު ހަލީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި މަޝްވަރާތައްކޮށް، ސަރުކާރަށް ޖެއްސުން ނުކޮށް، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އޭގެ ތެރޭގައި، މުހިންމު ގަރާރު މަޖިލީހަށް ވައްދާނެ. އަދި އޭގެ އިތުރުން މަޖިލީހަށް ހާޒިރުކުރަންޖެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށްގެން، ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަރުކާރަށް ޖެއްސުން ނުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވައިގެން، ރައްޔިތުންނަށް ރަނގަޅު ނަތީޖާއެއް ނެރެދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެވާނީ ސަރުކާރަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް.
ބިލެތްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޙަލީމް

މެންބަރު ހަލީމް ވިދާޅުވީ މިދިޔަ 5 އަހަރަކީ ވަރަށް ބައިވަރު މަސައްކަތް ކުރަމުން ދިޔަ 5 އަހަރު ކަމަށެވެ. ނަމަވެސް މިއާއި ބަދަލާއެކު ރާއްޖޭގެ ކަންކަން ވަރަށް ބޮޑު ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. ހާއްސަކޮށް ތަރައްގީގެ މަޝްރޫއުތައް ވަރަށް ބޮޑަށް ހުއްޓިފައިވާ ކަމަށް މެންބަރު ހަލީމް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ކަންކަން ހުއްޓިފައި އޮތުމުން، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ހޯދާ ސަރުކާރު ޖަވާބުދާރީކުރުމާއެކީގައި، ސަރުކާރާއެކު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ސަރުކާރެއް އިންތިހާބުކުރަނީ 5 އަހަރަށް ކަމަށާއި، އެ 5 އަހަރުގެ ތެރޭގައި ސަރުކާރުގެ ތެރެއިން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ދާނެހާގޮތަކަށް ދާން ދޫކޮށްލައިގެން އޮވެއްޖެނަމަ، އެ ސަރުކާރަކަށް ރަނގަޅަށް ކަންކަން ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް