ކ. މާލެ
|
22 ޖެނުއަރީ 2024 | ހޯމަ 05:07
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ
ރޮއިޓާސް
ބަޔާ ލެވަކޫސަން
ލެވަކޫސަންގެ ފުރިހަަމަ ރެކޯޑާއެކު، އަލޮންސޯ އަށް ހިތްހަމަ ޖެހުން
 
މި ސީޒަންގެ ޖަރުމަނު ލީގުގައި، މެޗަކުން ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލެވަކޫސަން

ޖަރުމަނުގެ ބަޔާ ލެވަކޫސަން އިން ނެރެމުން އަންނަ ނަތީޖާ އާއެކު، މި ސީޒަނުގައި އެ ޓީމަށް އޮތް ރެކޯޑުގެ ސަބަބުން ހިތްހަމަ ޖެހުން ލިބޭ ކަމަށް ޒަބީ އަލޮންސޯ ބުނެފި އެވެ.

މި ސީޒަންގައި މިހާތަނަށް ލެވަކޫސަން ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ. ޖަރުމަނު ލީގުގެ އެއް ވަނައިގައި އެ ޓީމު އޮތީ ވެސް ފުރިހަމަ ރެކޯޑަކާއެކު އެވެ.

ޖަރުމަނު ލީގުގައި ލެވަކޫސަނުން އާރްބީ ލައިޕްޒިގް ބަލި ކުރި މެޗަށްފަހު ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، އެ މެޗަކީ ވަރަށް ވާދަވެރި މެޗެއް ކަމަށެވެ. ޚާއްސަކޮށް ރަށުން ބޭރުގައި ކުޅުނު އެ މެޗުގައި، ލައިޕްޒިގްގެ ކުޅުންތެރިން ވެސް ދެއްކީ ވަރަށް ވަރުގަދަ ކުޅުމެއްކަން އޭނާ ފާހަގަ ކުރި އެވެ. އެހެން ނަމަވެސް، ލެވަކޫސަންގެ ކުޅުންތެރިންނަކީ އަބަދު ވެސް ގަދަ އަޅާ މަސައްކަތް ކުރާ ބައެއް ކަމަށާއި، އެ މެޗުން މޮޅުވެވުނީ ވެސް ކުޅުންތެރިން ކުރި މަސައްކަތާއި، ދެއްކި ހިތްވަރުން ކަމަށް އޭނާ ބުންޏެވެ.

މި ސީޒަންގައި ލެވަކޫސަންގެ ނަތީޖާ ރަނގަޅުއިރު، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަލޮންސޯ ބުނީ ހުރިހާ ވެސް ކަމަކީ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުންގެ ވިސްނުން ކަމަށެވެ. އަދި ވިސްނުމާއެކު، ރަނގަޅު މަސައްކަތެއް ކުރުމުން، އެ ނަތީޖާތައް ލިބެމުން އަންނަ ކަމަށް އޭނާ ފާހަގަ ކުރި އެވެ. އަލޮންސޯ ޤަބޫލު ކުރާ ގޮތުގައި އެ ގޮތުގައި ލެވަކޫސަން ދެމި އޮވެއްޖެ ނަަމަ، އެ ޓީމަށް ނަތީޖާތައް ތަކުރާރު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.

މި ސީޒަންގައި ލެވަކޫސަންގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަން ފާހަގަކޮށް އަލޮންސޯ ބުނީ، ޓީމާ އެކު ބޭނުންވާ މިސްރާބުގައި ކުރިއަށް ދެވޭ ކަމަށެވެ. އަދި މަސައްކަތް ކުރާނީ އެންމެ ފުރިހަމަ ކާމިޔާބެއް ހޯދުމަށް ކަމަށާއި، އެ ދިމާލަށް ދެވޭ ކަމުގެ އިޙުސާސް ކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ސީޒަންގެ ޖަރުމަނު ލީގުގައި ލެވަކޫސަން ވަނީ މިހާތަނަށް 18 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން 15 މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި، މެޗަކުން ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލެވަކޫސަން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް