ގއ.ވިލިނގިލީގައި ސްޓްރޯކެއް ޖެހުނު ކުއްޖާއާ މެދު އަމަލުކުރި ގޮތުން އެނގެނީ ދިވެހިންނަށް ކޮންމެ ގޮތެއް ވިޔަސް ސަރުކާރަށް ވަރިހަމަކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ ގއ. ވިލިނގިލީގައި ސްޓްރޯކެއް ޖެހި ހާލު ދެރަވި 13 އަހަރުގެ ކުޑަކުއްޖެއް ފަރުވާ ދިނުމަށް މާލެ ގެނައުން ލަސްވީ ސަރުކާރުގެ ސީދާ އިހުމާލުން ކަމަށެވެ. އަދި އެ ކުއްޖާ މާލެ ގެނައުން 16 ގަޑިއިރަށް ވުރެ ލަސްވެ އެ ކުއްޖާގެ ފުރާނަ ގެއްލިފައިވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެކަމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ. ދިވެހި ރައްޔިތަކު ބަލިވުމުން، އޭނާ އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ބޭނުންވާ ވަސީލަތްތައް ހުރެ އެ ވަސީލަތްތައް ބޭނުން ނުކުރަންވީ ކޮން ސަބަބަކާއި ހުރެތޯ ސައުދު ސުވާލު އުފެއްދެވިއެވެ.
ސައުދު ވިދާޅުވީ ކުއްލިއަކަށް ސިއްހީ ސަބަބުތަކާއި ހުރެ އެއްތަނުން އަނެއްތަނަށް މީހަކު ގެންދަން ޖެހޭ ނަމަ އަމަލުކުރާނެ ގޮތުގެ އެސްއޯޕީތައް އެކުލަވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެ މައްސަލައިގައި އަމަލުކޮށްފައި ވަނީ ސުވާލު އުފެދޭ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ އިހުމާލުން ކުޑަ ކުއްޖަކު ނިޔާވުމުން އެކަން ކުށްވެރިކުރައްވާ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
އިންޑިއާގެ އެހީތެރިކަމާ އެކު ޑޯނިއާ މަތިންދާ ބޯޓުގައި ބަލި މީހުން މާލެ ގެނައުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ދާހިލީ މައްސަލަ އެއް ދިމާވެފައި ނުވާއިރު އިންޑިއާގެ އެހީތެރިކަން ނުހޯދަން ސަރުކާރުން އެވަރަށް މަސައްކަތް ކުރާ ސަބަބާ މެދު ވެސް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. ސައުދު ވަނީ ކުއްޖާ މާލެ ގެނައުން ލަސްވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ބަލައިގަނެވޭ ވާހަކަ އެއް ނޫން ކަމަށް ވިދާޅުވެފައެވެ.
މިއަދު ވިލިގިލީގެ ކުއްޖެއް. އެއް ފްލައިޓް ކެންސަލްކޮށްފައި އަނެއް ފްލައިޓް ކެންސަލްކޮށްފައި އެއީ ޓެކްނިކަލް މައްސަލަ އެއް ކަމަށް ވިދާޅުވާއިރު، އޮން ޝެޑިއުލް ފްލައިޓެއްގައި ސްޓްރެޗަރ ހަރުނުކުރެވޭ. އޮކްސިޖަން ހަރެއް ނުކުރެވޭ. އެހެންވީމަ މާލެއިން މިކަހަލަ ކްރިޓިކަލް ސްޓްރެޗަރ ކޭސްތައް ރެޑީވެގެން ޕޭޝަންޓް ބަލާ އަންނަނީ.ރައްޔިތުންގެ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން
ސައުދު ވިދާޅުވީ މި މައްސަލައާ އެކު ރާއްޖޭގެ ސިއްހީ ނިޒާމް އޮތް ހާލަތު ވެސް ވަރަށް ބޮޑަށް އެނގިގެންދާ ކަމަށެވެ. އެ ކުއްޖާ ބަލިވެގެން އިންޑިއާ އާއި މޭލޭގައި ސިއްހީ ޚިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުން ދިޔަ ކަމަށާއި ރަނގަޅު ޑައިގްނޯސިސް އެއް ހެދިފައި ނުވާ ކަމަށް ސައުދު ފާހަގަކުރެއްވިއެވެ. އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ސައުދު ވިދާޅުވިއެވެ.