ކ. މާލެ
|
21 ޖެނުއަރީ 2024 | އާދީއްތަ 14:36
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ރާއްޖެއެމްވީ
ގއ.ވިލިނގިލީ ކުޑަކުއްޖާ މާލެ ގެނައުން ލަސްވުން
ގއ.ވިލިނގިލިން ކުޑަކުއްޖާ މާލެ ގެނައުން ލަސްވި މައްސަލަ ބަލާ، ކަމާއި ގުޅުން ހުރި އިދާރާތައް މަޖިލީހަށް ހާޒިރުކުރަނީ
 
މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ވިދާޅުވެފައި
 
މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލު ސާފުކޮށް އެނގެން ޖެހޭ ކަމަށް މެންބަރުން ފާހަގަކުރެއްވި
 
އެސްއޯޕީތަކަކީ ކޮބާތޯ އާއި އެކަންކަން ފޮލޯ ކުރެވިފައިވޭތޯ ބެލުމަށް ވަނީ ހުށަހަޅާފައި

ގއ.ވިލިނގިލީ އުމުރުން 13 އަހަރުގެ ކުއްޖާ މާލެ ގެނައުން ލަސްވި މައްސަލަ ބެލުމަށާއި، ކަމާއި ގުޅުން ހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މަޖިލީހުން އެގޮތަށް ނިންމާފައި ވަނީ އާދިއްތަ ދުވަހު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވަނީ ސްޓްރޯކެއް ޖެހުނު ކުޑަކުއްޖަކު މާލެ ގެނައުން ލަސްވެ، އެ ކުއްޖާ ނިޔާވެފައިވާތީ އާއިލާ އަށް ތައުޒިއްޔާ ވިދާޅުވެފައެވެ. ޖީހާން ވިދާޅުވީ މި ހާދިސާ ހިނގީ ކިހިނެތްކަން ދެނެގަތުމަކީ މަޖިލީހުގެ ވާޖިބެއް ކަަމަށާއި އެއީ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު އެ ކުއްޖާ ނިޔާވީ އެމަރޖެންސީ އިވެކިއޭޝަންގެ މުއްދަތު ލަސްވުމުންކަމަށް ތުހުމަތުކުރެވޭކަން ޖީހާން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މައްސަލައާ ގުޅިގެން އާސަންދައިން ނެރުނު ބަޔާނުގައި ޓައިމްލައިނެއް ހިމަނާފައިވާއިރު އެ ކުއްޖާ މާލެ ގެނައުން ލަސްވީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މޯލްޑިވިއަންގެ ބޯޓު ގއ.ވިލިނގިއްޔާއި ހަމައަށް ދިއުން ލަސްވުމުން ކަަމަށް ފާހަގަކޮށްފައިވާ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ. ޖީހާން ވަނީ އާއްމު އުސޫލެއްގެ ގޮތުން ބަލި މީހުން ކުއްލި ހާލަތުތަކުގައި މާލެ ގެނައުމަށް އިންޑިއާގެ ހެލިކޮޕްޓަރުގެ އެހީތެރިކަން ހޯދަމުން އައި ނަމަވެސް އެކަން ސަރުކާރުން މިހާރު ހުއްޓާލާފައިވާތީ އެކަމުގެ ކަންބޮޑުން ހިއްސާކުރައްވާފައެވެ.

މިއީ ސަރުކާރުގެ އަމަލުތަކުގެ ސަަބަބުން މިފަދަ ކަމެއް ހިނގި ދެވަނަ ފަހަރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އައްޑޫ ސިޓީގައި ފުރާވަރުގެ ކުއްޖަކު މޫދަށް ގެއްލުމުން އެ ކުއްޖާ ހޯދަން ވެސް އިންޑިއާގެ އެހީތެރިކަން ނުހޯދަން ނިންމާފައިވާކަން ޖީހާން ވަނީ ފާހަގަކުރައްވާފައެވެ.

ގއ.ވިލިނގިލީގައި ސްޓްރޯކެއް ޖެހުނު ކުޑަކުއްޖާ މާލެ ގެނައުން ލަސްވި މައްސަލައިގައި ކަންހިނގައި ދިޔަ ގޮތް ބެލުމަށް އިންކުއަރީ އެއް ކުރިއަށް ގެންދަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ޖީހާން ވިދާޅުވިއެވެ.

އެ މައްސަލައިގައި ވާހަކަދެއްކެވި މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލު ސާފުކޮށް އެނގެން ޖެހޭ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. އާދިއްތަ ދުވަހުގެ ކޮމިޓީގައި ދެ ކަމެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އެއީ މައްސަލަ ބެލުމުގެ ގޮތުން އިންކުއަރީ ކުރިއަށް ގެންދިއުމަށް ކަމާއި ގުޅުން ހުރި ފަރާތްތައް ހާޒިރުކުރުމެވެ. އަދި އެކަމުގައި އިސްކަން ދޭނީ މެޑިކަލް އެމަރޖެންސީ އިވެކުއޭޝަން ނިޒާމް ދެނެގަތުމަށް ވެސް އެ ކޮމިޓީން ބުނެފައިވެއެވެ. އަދި މިހާރު މި ސަރުކާރުން ޑޯނިއާ އޮޕަރޭޓް ކުރޭތޯއާއި ބޭނުންނުކުރާ ނަމަ ބަދަލުގައި ހުށަހަޅާ ޚިދުމަތެއް ވޭތޯ ސާފުކުރުމަށް ކޮމިޓީން ހުށަހަޅާފައިވެއެވެ. ހަމައެހެންމެ މިކަމުގައި އަމަލުކުރާ އެސްއޯޕީތަކަކީ ކޮބާތޯ އާއި އެކަންކަން ފޮލޯ ކުރެވިފައިވޭތޯ ބެލުމަށް ވަނީ ހުށަހަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް