ކ. މާލެ
|
20 ޖެނުއަރީ 2024 | ހޮނިހިރު 07:30
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ، ޖޯސެފް ބޮރެލް
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ، ޖޯސެފް ބޮރެލް
ރޮއިޓާސް
ހަމާސްއަށް އިސްރާއީލުން ފައިސާދިނުން
އިސްރާއީލުން ހަމާސްއަށް ފައިނޭންސްކުރީ ފަލަސްތީނު އޮތޯރިޓީ ބަލިކަށިކުރަން: ޖޯސެފް ބޮރެލް
 
ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ހޯދައިދޭނެ ދެ ދައުލަތުގެ ހައްލަކީ، ހަނގުރާމައަށްފަހު ޣައްޒާގައި ހުޅަނގުގެ ބައިވެރިން އެދޭ އެންމެ ބޮޑު އަމާޒު

އިސްރާއީލުން ހަމާސްއަށް ފައިނޭންސްކުރީ، ފަލަސްތީނުގެ ފަތަހަ ޖަމާއަތް ބަލިކަށިކުރުމަށް ކަމަށް، ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ތުހުމަތު ކުރައްވައިފިއެވެ.

ސްޕެއިންގެ ޔުނިވަރސިޓީ އޮފް ވަލަޑޮލިޑްގައި ތަގުރީރު ކުރައްވަމުން ބޮރެލް ވަނީ، އިސްރާއީލާއި ފަލަސްތީނުގެ މެދުގައި ޒަމާނުއްސުރެ ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތެއް އަމިއްލަފުޅަށް ފުނޑުފުނޑު ކުރައްވާކަމަށް ތުހުމަތު ކުރައްވާފައެވެ.

ސުލްހައިގެ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް 10 ނުކުތާގެ މަގުޗާޓެއް އެކުލަވާލާފައިވާ ޑިޕްލޮމެޓް ބޮރެލް އެހެން ވިދާޅުވިނަމަވެސް އޭނާގެ މި ވާހަކައަށް ތާއީދުކުރާނެ ހަރުދަނާ ހެތްކެއް ނުދެއްވައެވެ.

ނުބައި ޚަބަރަކީ އިސްރާއީލުން (ވަކިން ޚާއްސަކޮށް އެ ގައުމުގެ ސަރުކާރުން) މުޅިން ދެކޮޅު ހަދަމުން އަންނަ ވާހަކަ. އަދި ފާއިތުވި 30 އަހަރު ވަންދެން އޭނާ އަމިއްލަފުޅަށް ބޮއިކޮޓް ކުރަމުން އަންނަ (ދެ ދައުލަތުގެ) ހައްލެއް ގަބޫލުކުރައްވަން އިއްޔެ ނަތަންޔާހޫ އަނެއްކާވެސް މި ވަނީ ދެކޮޅު ހައްދަވާފަ.
ބޮރެލް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ،  ހަނގުރާމައަށްފަހު ފަލަސްތީނުގެ ދައުލަތެއް ގާއިމުކޮށް ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ އަސްކަރީ ހަމަލާތައް ހުއްޓުވުމަށް ވޮޝިންޓަނުން ގޮވާލި ގޮވާލުންތަކަށް ނަތަންޔާހޫ ވަރަށް ބޮޑަށް ފާޑުވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

ސުލްހަ ގާއިމުކުރުމަށް ބޭރުން ދެ ދައުލަތުގެ ހައްލެއް ގެންނަންޖެހޭ ކަމަށް ގަބޫލުކުރަން. އެކަމަކު އަޅުގަނޑު ދަންނަވާނީ، އިސްރާއީލުން މި ހައްލަށް ދެކޮޅު ހަދާއިރު، އަމިއްލައަށް ހަމާސް އުފައްދަން މަސައްކަތް ކުރަމުން އަންނަ ކަމަށް. އާދެ، ހަމާސްއަށް އިސްރާއީލު ސަރުކާރުން ފައިނޭންސް ދީފަ ވަނީ ފަތަހް ޖަމާއަތް އިސްވެ އޮތް ފަލަސްތީނު އޮތޯރިޓީ ބަލިކަށި ކުރުމުގެ ގޮތުން.
ބޮރެލް ތަފްސީލުކޮށްދެއްވިއެވެ.

ފަލަސްޠީނަށް ދައުލަތެއްގެ ދަރަޖަ ހޯދައިދޭނެ ދެ ދައުލަތުގެ ހައްލަކީ ހަނގުރާމައަށްފަހު ޣައްޒާގައި ހުޅަނގުގެ ބައިވެރިން އެދޭ އެންމެ ބޮޑު އަމާޒެވެ.

ބޮރެލް މީގެ ކުރިން ވަނީ އެ މަގުސަދަކީ އިސްރާއީލުގެ "ބެސްޓް ސެކިއުރިޓީ ގެރެންޓީ"ގެ ގޮތުގައި ސިފަކޮށްފައެވެ.

މި މަހުގެ ކުރީކޮޅު ލުބުނާނަށް ކުރެއްވި ދަތުރުފުޅުގައި، އެ ބްލޮކްގެ އެންމެ އިސް ޑިޕްލޮމެޓް ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަކީ އިސްރާއީލާއި ފަލަސްތީނަށް ސުލްހައާއި އަމާންކަން ގެނެވޭނެ ހަމައެކަނި އެކަށީގެންވާ ހައްލެއް ކަމަށެވެ.

ހުކުރު ދުވަހުގެ ތަގުރީރުގައި ބޮރެލް ވަނީ "އިސްރާއީލުގެ ސަރުކާރު ފިޔަވައި އެހެން އެންމެން" މިކަމަށް ހައްލެއް ގެނައުމަށް ގޮވާލަމުންދާއިރު، އިސްރާއީލުން ގެންގުޅޭ ވިސްނުމާމެދު ހިތާމަ ފާޅުކުރައްވާފައެވެ.

މިދިޔަ އޮކްޓޫބަރު މަހު މެދުއިރުމަތީގައި ހަމަނުޖެހުންތައް އުފެދުނު ފަހުން ބޮރެލް ވަނީ އީޔޫއިން ހަމަނުޖެހުންތައް ނައްތާލުމަށް ގޮވާލާ އެންމެ އިސްކޮށް ހަރަކާތްތެރިވެފައެވެ. އަދި  ވަށާލާފައިވާ ޣައްޒާގައި އިންސާނީ ފިޔަވަޅުތައް މަޑުޖައްސާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

ސްޕެއިންގައި ތިބި އޯޑިއެންސާ މުޚާތަބުކުރައްވައި ބޮރެލް ވިދާޅުވީ، ހަރުކަށިކޮށް ނުފޫޒު ނުފޯރުވައިފިނަމަ، މިއަދު ޣައްޒާގައި އުފެދެމުންދާ ނަފްރަތުގެ ބިސް ބޮޑުވާއިރު، ޖީލަކުން ޖީލަކަށް، ޖަނާޒާއިން ފެށިގެން ޖަނާޒާއާ ހަމައަށް ނަފްރަތާއި ހަމަނުޖެހުންތައް ދެމިއޮންނާނެ ކަމަށެވެ.

ޑޮކްޓަރ އޮނޮރިސް ކައުސާގެ ލަގަބު ލިބިވަޑައިގަތުމާއެކު ދެއްވި ތަގުރީރުގައި ބޮރެލް ވަނީ ހުޅަނގު އައްސޭރީގައި ހަރުކަށި ފިކުރުގެ އިސްރާއީލު ވަޒަންވެރިންނަށް ވެސް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން ދެކެނީ އެމީހުން ވަޒަންވެރިކުރުވަނީ ގާނޫނާ ޚިލާފަށް ކަމަށާއި، އެކަމަކު މި ގާނޫނާ ޚިލާފު ކަންކަމަށް ހައްލެއް ގެނައުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް ބޮރެލް ވިދާޅުވިއެވެ. އަދި އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމަނުޖެހުން އުފެދުމުގެ ކުރިން ވެސް ވަޒަންވެރިވި މީހުން ތިބީ "ހަރުކަށި"ވެފައި ކަމަށް ބޮރެލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް