ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 16:29
ރަފާ ސިޓީގައި އިސްރާއީލުގެ ހަމަލާތައް ދެމުންދާއިރު، ފަލަސްތީމީހުން އާންމު ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް މަސައްކަތް ކުރަނީ އުނދަގޫ ހާލަތްތަކުގައި
ރަފާ ސިޓީގައި އިސްރާއީލުގެ ހަމަލާތައް ދެމުންދާއިރު، ފަލަސްތީމީހުން އާންމު ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް މަސައްކަތް ކުރަނީ އުނދަގޫ ހާލަތްތަކުގައި
ރޮއިޓާސް
ޣައްޒާގައި ދުވަސްނުފުރާ ވިހެއުން
ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ އެތައް ސަތޭކަ އަންހެނަކު ދުވަސް ނުފުރާ ވިހާފައިވޭ: އޮފިޝަލުން
 
އިސްރާއީލުގެ ހަމަލާގެ 104 ވަނަ ދުވަހަކަށް އިރުއަރާފައިވާއިރު، އިސްރާއީލުން ކުރި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 24،620 އަށް އަރާފައިވޭ

އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ގެދޮރުގެއްލި ފައިވާ އެތައްސަތޭކަ އަންހެނަކު ބިރުވެރިކަމާއި މަޖުބޫރީ ޙާލަތުގައި ދުވަސްނުފުރާ ވީހާފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.  

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ބުރާސްފަތި ދުވަހު ވިދާޅުވީ، އިސްރާއީލުގެ އަނިޔާވެރި ބޮމުގެ ހަމަލާތަކުގެ ސަބަބުން ނުތަނަވަސްކަމާއި ބިރުވެރިކަމާއި މަޖުބޫރުން ގެދޮރު ގެއްލުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މިސްކެރޭޖްވެ، ދުވަސް ނުފުރާ ވިހެއުމުގެ އެތައް ސަތޭކަ މައްސަލައެއް އެ މިނިސްޓްރީން ރެކޯޑްކޮށްފައިވާ ކަމަށެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްގައި ހުންނަ ތަލް އަލް ސުލްތާން މެޓާނިޓީ ހޮސްޕިޓަލް ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލް-ކުދްރާ ވިދާޅުވީ "މީހުން ދިރިއުޅޭ ތަންތަނުގައި ސިއްހީ ފަރުވާ ނުލިބުމާއި ހޮސްޕިޓަލްތަކަށް ދާން އުނދަގޫވުމުގެ ސަބަބުން ގާތްގަނޑަކަށް 60،000 މާބަނޑު އަންހެނުންގެ ފުރާނަ ނުރައްކަލަށް ހުށަހޮޅިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި އާއިލާތަކާ ދެކޮޅަށް ހިންގި ޖަރީމާތކަގައި 15 ޢާއިލާއަކުން 172 މީހުން މަރާލައި 326 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު މީހުން ތިބީ ކުނިތަކުގެ ދަށުގައި އަދި މަގުމަތީގައި ތާށިވެފައި ކަމަށާއި އެމްބިއުލާންސާއި ސިވިލް  ޑިފެންސްގެ އެހީތެރިންނަށް އެ މީހުންނާ ހަމައަށް ނުދެވޭނެ ކަމަށެވެ.

އިސްރާއީލުގެ ހަމަލާގެ 104 ވަނަ ދުވަހަކަށް އިރުއަރާފައިވާއިރު، ވަށާލާފައިވާ އެންކްލޭވްގައި އިސްރާއީލުން ކުރި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 24،620 އަށް އަރާފައިވާއިރު، 61،830 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ މަސްދަރަކުން ބުނެއެވެ.

އަލް-ކުދްރާ ފާހަގަކުރެއްވި ގޮތުގައި ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހެޕަޓައިޓިސް އޭ ޖެހިފައިވާ 8،000 އަށްވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވަނީ މީހުން ގިނަވެ، މީހުން ދިރިއުޅޭ ތަންތަނުގައި ފަރުދީ ސާފުތާހިރުކަން ދަށްވުމުގެ ސަބަބުން ކަމަށާއި، ވަށާލާފައިވާ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު ދެގުނަ އަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ ހުރިހާ ފަރާތްތަކަކުންވެސް އެއްބަސްވެފައިވާ ގޮތުގެ މަތިން ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އާ ހަރުދަނާ ނިޒާމުތަކެއް ޤާއިމުކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މިޞްރާއި ޢަރަބި ޤައުމުތަކާއި މިނިވަން ދުނިޔެއަށް އޭނާ ގޮވާލެއްވީ، ޒަޚަމްވެ ސީރިއަސް ހާލަތައް ގޮސްފައިވާ 6500 އަށްވުރެ ގިނަ މީހުން އަވަހަށް ޣައްޒާޢިން ނުކުމެވޭނެ އާ ނިޒާމުތަކެއް ހޯދުމަށާއި، އެމީހުންނަށް އެޤައުމުތަކުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް