ކ. މާލެ
|
19 ޖެނުއަރީ 2024 | ހުކުރު 13:43
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން
ރާއްޖެ އެމްވީ
މަޖިލިސް އިންތިޚާބު 2024
މަޖިލިސް އިންތިޚާބު 2024: ރަމަޟާންމަހު ރައްޔިތުންނާއި ގުޅުން އޮންނަ ކަމަކަށް އޮންނާނީ ވޯޓުލުން އެކަނި
 
މިމަހުގެ 21 ވަނަ ދުވަހުގެ ކުރިން ވޯޓާސް ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބަލައިގަނެ އިސްލާހުކުރާނެ
 
ވޯޓާސް ލިސްޓު ވަނީ އާންމުކޮށްފައި

ރަމަޟާން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވި ނަމަވެސް، އިންތިޚާބާ ގުޅިގެން އެ މަހުގައި ރައްޔިތުންނާއި ގުޅުން ހުރި ކަމަކަށް ހަމައެކަނި އޮންނާނީ ވޯޓުލުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބާއި ގުޅިގެން ރައްޔިތުންނާއި ގުޅުން ހުރި އެންމެ ކަމެއް ފިޔަވައި އިތުރުކަމެއް ރަމަޟާން މަހުގެ ތެރޭގައި ނުކުރާނެ ކަމަށެވެ. އެގޮތުން އިންތިޚާބާ ގުޅިގެން ރޯދަ މަހުގައި ރައްޔިތުން ކުރަންޖެހޭނެ ހަމައެކަނި ކަމަކީ ވޯޓުލުން ކަމަށާއި، އެހެން ހުރިހާ ކަމެއް ރަމަޟާން މަސް އައުމުގެ ކުރިން ނިންމާނެ ކަމަށެވެ.

ހަސަން ވިދާޅުވީ ރަމަޟާން މަހުގެ ތެރޭގައި އާންމު ރައްޔިތުންގެ އިންތިޚާބުގެ އެކި ކަންކަމުގައި އަދި އިލެކްޝަންސް ކޮމިޝަންގެ ޚިދުމަތް ހޯދުމުގައި އުޅެންވެއްޖެނަމަ ވަރަށް ބޮޑު ދަތިތަކެއް ދިމާވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ވަރަށް ދުރާލާ ރޯދަ މަހުގެ ކުރިން އާންމު ރައްޔިތުންނާއި ގުޅުންހުރި އިންތިހާބުގެ ހުރިހާ ކަމެއް ނިންމާލަން. އެގޮތުން ވޯޓާސް ލިސްޓް އަޅުގަނޑުމެން މިހާރު ވާނީ އާންމުކޮށްފައި. ޝަކުވާއަށް ހުޅުވާލާ ގެޒެޓްކުރެވިފައި. ވޯޓުލާ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް އޮތްތޯ މިމަހުގެ 21 ވަނަ ދުވަހުގެ 15:00 އާއި ހަމައަށް ހުށަހެޅޭނެ. އެ މުއްދަތަށް އެއްވެސް މައްސަލައެއް އުޅޭނަމަ އެކަމުގެ ޝަކުވާ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އަޅުގަނޑުމެން ލިސްޓް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން.
ހަސަން ޒަކަރިއްޔާ / އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް

ހަސަން ވިދާޅުވީ ރަށްވެހިކަން ބަދަލުކުރުމާއި، އެޑްރެސް ބަދަލުކުރުމުގެ ވަރަށް ގިނަ މަސައްކަތްތަކެއް ކައުންސިލްތަކުގައި ހިނގަމުންދާ ކަމަށެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތުތައް ކަމާގުޅޭ އިދާރާތަކުން ލިބެމުން އަންނަ ކަމަށާއި، އަދި ލިޔެކިޔުންތައް ވެސް ލިބެމުން އަންނަ ކަމަށެވެ.

ހަސަން ވިދާޅުވީ ލިސްޓު އާންމުކުރި ފަހުން އެއްވެސް މީހަކު ރަށްވެހިކަން ބަދަލުކޮށްފައި އޮތް ނަމަ ނުވަތަ ދިރިއުޅޭ އެޑްރެސް ބަދަލުކޮށްފައި އޮތްނަމަ އަދި ލިސްޓާ އަޅާކިޔާ މައުލޫމާތު ދިމާނުވާނަމަ، އެކަމަށް ބޭނުންވާ ރަސްމީ ލިޔެކިޔުމާއެކު އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަށެވެ. އޭނާ ވިދާޅުވީ ލިސްޓު އިސްލާހު ކުރެވޭނީ އެއިރުން ކަމަށާއި، އެހެން ނޫންނަމަ ލިސްޓު އާންމުކުރި އިރު އޮންނަ އެޑްރެހުގައި އަދި ރަށެއްގައި އެ މީހެއްގެ ނަން ވޯޓުލުމާ ހަމައަށް އޮންނާނެ ކަމަށެވެ.

ލިސްޓުގައި ހުރި ކަންކަން އިސްލާހުކުރުމަށް މި މުއްދަތުގައި އާންމު ރައްޔިތުން އެކަމަށް ސަމާލުކަން ދީގެން އެކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް. އޭގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވާނީ ހުޅުވާލާފައި އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ދުރާލާ ވަގުތު އޮއްވާ ކުށުގެ ރެކޯޑް ސާފްކުރުމުގެ ފުރުސަތާއި، ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަޅުގަނޑުމެން ވާނީ އާންމު އިއުލާނެއް ކޮށްފައި. ކުށުގެ ރެކޯޑްވެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނެ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ފަހުން ސާފުކުރެވިފައި ހުރި ކުށުގެ ރެކޯޑް އަޅުގަނޑުމެން ބަލައިގަންނާނެ.
ހަސަން ޒަކަރިއްޔާ / އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް

ހަސަން ވިދާޅުވީ ކެންޑިޑޭޓުންގެ ބޭންކް އެކައުންޓް ހުޅުވުމަށް މިހާރު އިއުލާންކޮށްފައިވާނެ ކަމަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުށުގެ ރެކޯޑް ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން ކުށުގެ ރެކޯޑް ސާފުކުރަމުން ގެންދެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް