ކ. މާލެ
|
18 ޖެނުއަރީ 2024 | ބުރާސްފަތި 09:03
ޣައްޒާ ބޭހާއި އިންސާނީ އެހީ ހިފައިގެން ޓްރަކްތައް ކަރްމް އަބޫ ސަލީމް ކޮމާޝަލް ކްރޮސިން މެދުވެރިކޮށް އެތެރެވަނީ
ޣައްޒާ ބޭހާއި އިންސާނީ އެހީ ހިފައިގެން ޓްރަކްތައް ކަރްމް އަބޫ ސަލީމް ކޮމާޝަލް ކްރޮސިން މެދުވެރިކޮށް އެތެރެވަނީ
ރޮއިޓާސް
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން
އިސްރާއީލުގެ ސިފައިން ބަލައިފާސްކުރުމަށްފަހު އިންސާނީ އެހީގެ 5 ޓްރަކް ޣައްޒާއަށް ވަދެއްޖެ
 
ޣައްޒާގެ އެހީ ވެއްދުމުގެ ފުރުޞަތު ލިބިފައިވަނީ ފަރަންސޭސިވިލާތާ ގުޅިގެން ގަތަރުން ކުރި މަސައްކަތުން

އިސްރާލުގެ ސެކިއުރިޓީ އިންސްޕެކްޝަނުން ބަލައިފާސްކުރުމަށްފަހު އިންސާނީ އެހީ ހިފައިގެން 5 ޓްރަކް ޣައްޒާއަށް ވަދެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއަކުން ބުނެފިއެވެ.

ޔެޑިއޯތު އަހްރޯނޯތު ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި ޓްރަކްތައް އެންކްލޭވްއަށް ވަދެފައިވަނީ އިސްރާއީލާއި ފަލަސްތީނުގެ ހަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ގަތަރު މެދުވެރިވެގެންނެވެ.

އިސްރާއީލްގެ އަސްކަރިއްޔާއިން ފުރަތަމަ ޓްރަކްތައް އިންސްޕެކްޓް ކުރީ ކަރްމް އަބޫ ސަލީމް ކްރޮސިންގައެވެ. ދެން އެމީހުން ދިޔައީ މިސްރާއި ގުޅޭ ރަފާ ބޯޑަރު ކްރޮސިންއަށެވެ. އަދި އެތަނުން ޣައްޒާއަށް ކަމަށް އެނޫހުގައި ބުނެފައިވެއެވެ.

ޣައްޒާއަށް ވަނުމުގެ ކުރިން ބޭސް ހިފައިގެން ދަތުރުކުރާ ޓްރަކްތައް އިންސްޕެކްޓް ކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަސްކަރިއްޔާއަށް އަންގަވާފައި މިވަނީ އިސްރާއީލުން އިންސްޕެކްޓް ކުރުމަކާ ނުލައި އެންކްލޭވްއަށް ޓްރަކްތައް ވަނުމުގެ ހުއްދަ ދިނުމަށް ކުރިން އެއްބަސްވުމުން ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ކަމަށް ޔެޑިއޯތު އަހްރޯނޯތު ނޫހުގައި ބުނެފައިވެއެވެ.

ނަތަންޔާހޫ މިގޮތަށް އަންގަވާފައި މިވަނީ އިސްރާއީލުގެ ބަންދުގައި ތިބޭ މީހުންނަށް ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ އެއް ޝަރުތަކީ އަސްކަރިއްޔާއިން ބޭސް ޝިޕްމަންޓްތައް އިންސްޕެކްޓް ކުރުން ހުއްޓުވުން ކަމަށް ހަމާސްގެ ލީޑަރު މޫސާ އަބޫ މަރުޒޫގު އެކްސް ގައި ވިދާޅުވުމާ ގުޅިގެން އިސްރާއީލުގައި ބަހުސެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ޣައްޒާއަށް ވެއްދުމުގެ ފުރުޞަތު ލިބިފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމަކަށް އައުމަށް ފަރަންސޭސިވިލާތާ ގުޅިގެން ގަތަރުން ކުރި މަސައްކަތުނެވެ.

މި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ތިބި އިސްރާއީލުގެ ރަހީނުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމާއެކު ޣައްޒާގެ އާންމުންނަށް، ހާއްސަކޮށް އެންމެ ބޮޑަށް ގެއްލުން ލިބުނު އަދި ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށް ބޭސް ވަނުމާއި އިންސާނީ އެހީގެ ޝިޕްމަންޓެއް ގެނައުން ހިމެނެއެވެ.

އިސްރާއީލުން އެންމެ ފުރަތަމަ މި އެއްބަސްވުން އިއުލާނުކުރީ އެ ޝިޕްމަންޓްތަކުގެ ތެރޭގައި ފަލަސްތީނަށް ބޭނުންވާ ބޭސް ވެސް ހިމެނޭ ކަން ހާމަކުރުމެއް ނެތިއެވެ.

އިސްރާއީލުން ބުނަނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހަމާސް އިން ޣައްޒާގައި އިސްރާއީލުގެ 136 މީހުން ހިފަހައްޓާފައިވާކަމަށެވެ. އަނެއްކޮޅުން ހަމާސް އިން ގޮވާލާފައި ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށާއި އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ވަރުގަދަ ހަނގުރާމައެއް ހިންގަމުން އަންނައިރު ބުދަ ދުވަހުގެ ނިޔަލަށް 24،448 މީހުން ޝަހީދުވެ، 61،504 މީހުން ވަނީ ޒަޚަމްވެފައެވެ.

ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކާއި އދ.ގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ހަމަނުޖެހުންތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް