ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 15:32
ޕާކް ކުރަން ޙާލުގައި އުޅޭ މީހުންނަށް ހާއްސަ ކާރު ދައްކާލަނީ
ޕާކް ކުރަން ޙާލުގައި އުޅޭ މީހުންނަށް ހާއްސަ ކާރު ދައްކާލަނީ
ރޮއިޓާރސް
ކަކުނި ކާރު
ޕާކް ކުރަން ޙާލުގައި އުޅޭ މީހުންނަށް 'ކަކުނި ހިނގުން'
 
360 ޑިގްރީޒްއަށް ނުވަތަ ވައްބުރެއްގެ ފުރިހަމަ ބައްޓަމަށް ކާރު އަނބުރާލަދޭ
 
މޯބިއޯން ފަރުމާ ކޮށްފައި ވަނީ ކުދި ޖާގަތަކުގައިވެސް ފަސޭހަކަމާއެކު ކާރު ޕާކްކުރަން އެހީވެދޭ ގޮތަށް

ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި އެއް ތަނުން އަނެއް ތަނަށް ފަސޭހަކަމާއެކު ގޮސް އުޅުމަށް އުޅަނދެއްގެ ބޭނުން ނުކުރާ މީހަކު މަދު ވާނެއެވެ. ވަކިން ޚާއްޞަކޮށް، ދުރު ރާސްތާތަކަށް، ގިނަ ބަޔަކު ގޮވައިގެން ދަތުރު ކުރަން ޖެހޭ މީހަކު ނަމަ، 4 ފުރޮޅަށް ބަރޯސާވެއެވެ. ނަމަވެސް، ހުންގާނާއި މަގުތަކަށް ކިތަންމެ ފަރިތަ މީހެއް ކަމުގައި ވީ ނަމަވެސް، ތޮއްޖެހިފައި ވާ އަދުގެ މާޙައުލުގައި ޤަވައިދާ އެއްގޮތަށް ޕާކްކުރުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭ ކަމަކަށް އޮންނަނީ ނުވެފައެވެ. މި ދައްކަނީ ކެތްތެރިކަން ނެތިގެން އެކަން ނުވާ ވާހަކައެއް ނޫނެވެ. ނޫނީ 2 ފޫޓަކަށް ހިނގާލަން ޖެހޭތީ ހިތު ހުރި ތާކު ޕާކްކުރާ މީހުންގެ ވާހަކައެއްވެސް ނޫނެވެ. އެކި ސަބަބުތަކާ ހެދި، ދަތި ދޭތެރެތަކުގައި ޕާކްކުރަން 'ޙާލެއްގައި' އުޅޭ މީހުންގެ ވާހަކައެވެ.

ޕާކްކުރުމަކީ ލަދަކާއި ބޮލުގެ ރިހުމަކަށް ވެފައި ތިބި މީހުންނަށް ހިޔުންދާއީ މޮބިއްސުއިން ދާދި ފަހުން ވަނީ އުންމީދުގެ ހުޅުކޮޅެއް ރޯކޮށްދީފައެވެ. ހިންޔުންދާއި މޮބިއްސުއިން 'ކަކުނި ހިނގުމުގެ' ނަމުގައި ތަޢާރަފު ކުރި 'މޮބިއޯން' އިލެކްޓްރިކް-ކަރގެ ފިކުރަކީ، ޕާކްކުރުމުގައި ތަކުލީފު އުފުލަމުން ދާ މީހުންގެ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ކަމުގައި ވެސް ވެދާނެއެވެ.

މޯބިއޯން ފަރުމާ ކޮށްފައި ވަނީ ކުދި ޖާގަތަކުގައިވެސް ފަސޭހަކަމާއެކު ކާރު ޕާކްކުރަން އެހީވެދޭ ގޮތަށެވެ. އެގޮތުން 360 ޑިގްރީޒްއަށް ނުވަތަ ވައްބުރެއްގެ ފުރިހަމަ ބައްޓަމަށް ކާރު އަނބުރާލަދެއެވެ. އަދި ލޭންތަކުގައި ހުރަހަށް ކާރު ދުއްވާލުމަކީ ފެންފަދަ ކަމަކަށް ހަދައިދެއެވެ. މި ކާރުގެ އެންމެ އީޖާދީ އެއް ބައި ހިއްސާ ކުރަނީ "އީ-ކޯނަރ ސިސްޓަމް"އެވެ. އަދި 360 ޑިގްރީ ސްޕެކްޓްރަމް މެދުވެރިކޮށް ބިމަށް ތަސްވީރުތައް ޕްރޮޖެކްޓްކޮށް، ކާރު ދާން ގަސްތުކުރާ މިސްރާބު، އެހެން މީހުންނަށް އަންގައި، ސަމާލުކަމަށް ގެނެސްދެއެވެ.

މި ނިޒާމުގެ އެހީގައި ކާރުގެ 4 ފުރޮޅުވެސް އޭގެ އަމިއްލަ ޒާތުގައި، މިނިވަން ކަމާއެކު 90 ޑިގްރީޒްއަށް އަނބުރާލެވެއެވެ. އެހެން ކަމުން، ކޮންމެ ފަދަ ގޮތަކަށްވެސް ކާރު ދުއްވާލުމުގެ ފުރުޞަތު ތަނަވަސްވެއެވެ. ކަކުނި ހިނގާ އުޅޭ ގޮތަށް، އަރިއަކަށްވެސް ކާރު ދުއްވެއެވެ. ނޫނީ ކަންކުއްޗަށް ވާ ގޮތަށްވެސް ކާރުގެ މިޞްރާބު، ފަސޭހަކަމާ އެކީ ބަދަލުކޮށްލެވެއެވެ.

ޕެރެލަލް ޕަރކިންގް ނުވަތަ ޒޯންގެ ހުރަހަށް ކާރު ވައްދައިގެން ޕާކްކުރަން ޖެހޭ ޖެހުމަށް އިންތިހާ ލުއި ފަސޭހަކަން ހޯދައިދިން މި ޓެކްނޮލޮޖީ ތަޢާރަފު ކޮށްފައި ވަނީ، ޓެކްނޮލޮޖީ ދުނިޔޭގެ އެންމެ ވަރުގަދަ އެއްވުމުގެ ގޮތުގައި ސިފަ ކުރާ ކޮންޒިއުމަރ އިލެކްޓްރޯނިކްސް ޝޯވގެ މި އަހަރުގެ އިވެންޓްގައެވެ.

ހިޔުންދާއީ މޮޓޯރ ގްރޫޕުގެ ގޮތްޕެއް ކަމަށް ވާ ހިޔުންދާއީ މޮބިއްސު އިން 'ކަކުނި ހިނގުން' ޓެކްނޮލޮޖީއެއްގެ ގޮތުގައި ތަރައްޤީ ކުރަމުގެ މަސައްކަތް ކުރަމުން ދާ ތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް މިއީ، ޢާންމުކޮށް މި އީޖާދު ދައްކާލު ފުރަތަމަ ފަހަރެވެ.

މި ޓެކްނޮލޮޖީ އަދިވެސް މި އޮތީ ތަރައްޤީ ކުރުމުގެ މަރުޙަލާގަ. އަހަންނަށް ހީވަނީ، މޮބިއްސުގެ މި މަސައްކަތްތައް، 2025 ވަނަ އަހަރަށް ނިންމާލެވޭ ވަރު ވާނެހެން.
ލީ ސިއަންގް-ފާން؛ ހިޔުންދާއީ މޮބިއްސުގެ ނައިބު ރައީސް

ދެން އުފެދޭ ސުވާލަކީ، ހިޔުންދާއީ މޮބިއްސުގެ 'ކަކުނި ހިނގުމުގެ' ކާރަކީ ދުއްވަން ފަސޭހަ ކާރެއް ތޯ ކުރެވޭ ސުވާލެވެ. ހިޔުންދާއީ މޮބިއްސުގެ ނައިބު ރައީސް އަދި އެޑްވާންސްޑް އިންޖިނޭރިންގްގެ އިސްވެރިޔާ ލީ ސިއަންގް-ފާންގެ ޖަވާބު އައީ، ހީކުރި ގޮތުގައި މުޅިން ޚިލާފަށެވެ. ލީ ބުނާ ގޮތުގައި، މި ކާރަކީ ދުއްވަން މާ ފަސޭހަ ކާރަކަށް ނުވާނެއެވެ.

އާނ، މީ އަސްލު ވަރަށް ދުއްވަން އުނދަގޫ ކާރެއް. އެއީ މި ކާރުގެ ހަރަކާތްތަކަކީ ވަރަށް ޚާއްޞަ ހަރަކާތްތަކަކަށް ވާތީ. ޢާންމު ކަރާކާ ވަރަށް ބޮޑު ތަފާތުތަކެއް ހުންނާނެ މި ކާރުގަ. އެކަމަކު އަހަންނަށް ހީވަނީ... މި ޓެކްނޮލޮޖީއާއި، މިނިވަން ކަމާއެކު ދުއްވުމުގެ ޓެކްނޮލޮޖީއާއި އެއްކޮށްލައިފި ކަމަށް ވަންޏާ، މި ކާރު ދުއްވަން އައު ހުނަރެއް ދަސްކުރާކަށް ނުޖެހޭނެ ކަމަށް ޤަބޫލު ކުރެވެނީ.
ލީ ސިއަންގް-ފާން؛ ހިޔުންދާއީ މޮބިއްސުގެ ނައިބު ރައީސް

އެންމެ ގިނަ ބަޔަކު އެންމެ ހިތް ނުތަނަވަސް ކުރުވާ ޕެރެލަލް ޕަރކިންގްގެ މައްސަލައަށް އިންޤިލާބީ ޙައްލެއް ހޯދައިދިން ކާރުގެ ފެންވަރު ދައްކާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ހަމަ އެހާ ގިނަ ޢަދަދެއްގެ ބަޔަކު، އެ މަޝްރޫޢަށް ތަޢުރީފުވެސް ކުރިއެވެ.

{ލޫނާ ކިމް،22} "މީ އަހަރެން ކަހަލަ، ޕަރކް ކުރަން ނޭނގޭ މީހުންނަށް ވަރަށް ރަނގަޅު އީޖާދެއް. ވަރަށް ފަސޭހައިން ޕާކްކޮށްލެވޭނެ. މަގުތައް މަތީގަ މިހުންނަ ޕަރކިންގް ޒޯންތަކުގަވެސް ޕާކްކޮށްލެވޭނެ. އަހަންނަށް ހީވަނީ ވީ ވަރަށް ފައްކާ ޓެކްނޮލޮޖީއެއްހެން." {އެލެކްސް ޔުއާން} "ހަމަ އަސްލުވެސް މީ ވަރަށް ބޭނުންތެރި ޓެކްނޮލޮޖީއެއް. ވަކިން ޚާއްޞަކޮށް ޕާކްކުރުމުގެ ކަންކަމަށް. މިސާލަކަށް، ޕެރެލަލް ޕަރކިންގްއާއި، ހަނި ޖާގަތަކުގަ ޕަރކް ކުރަން ޖެހޭ ޙާލަތްތަކަށް ވަރަށް މުހިންމު. މި ކާރަށް އެ ގެނެވޭ ހަރަކާތްތަކަށް ބަލާއިރު، މިއީ ވަރަށް ބޭނުންތެރި ކާރެއް ކަމަށް އަހަންނަށް ޤަބޫލު ކުރެވެނީ... އާނ"
ސީއީއެސް ފެއަރއަށް ޒިޔާރަތް ކުރި މީހުން

ކާރުތަކުގެ ފަހުގެ ބައެއް އުފެއްދުންތަކަށް ބަލާއިރު 4 ފުރޮޅަށްވެސް ހުންގާނުން ކޮންޓްރޯލް ކުރުމުގެ ބާރު ދީފައި އެބަހުއްޓެވެ. ނަމަވެސް ހިޔުންދާއީ މޮބިއްސުގެ 'ކަކުނި ހިނގުމުގެ' ކާރަކީ، އޭގައި އާދަޔާ ޚިލާފު ޓެކްނޮލޮޖީއަކާ ވިސްނުމެއް ބޭނުން ކޮށްގެން ފަރުމާ ކޮށްފައި ވާ ކާރެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް