ކ. މާލެ
|
15 ޖެނުއަރީ 2024 | ހޯމަ 16:41
އިސްރާއީލުގެ ނިރުބަވެރިންގެ ހަމަލަތައް ވަނީ އެމްބިއުލާންސްތަކަށްވެސް އަމާޒުކޮށްފައި
އިސްރާއީލުގެ ނިރުބަވެރިންގެ ހަމަލަތައް ވަނީ އެމްބިއުލާންސްތަކަށްވެސް އަމާޒުކޮށްފައި
ރޮއިޓާސް
ޣައްޒާގައި މިހާރުގެ ހާލަތު
ޣައްޒާގައި މިހާރު މަސައްކަތްކުރަނީ އެންމެ 6 އެމްބިއުލާންސް: ހެލްތު މިނިސްޓްރީ
 
ޣައްޒާގެ ޞިއްޙީ އޮފިޝަލުންނާއި ޖަމްޢިއްޔާތަކުން ތުހުމަތުކުރާގޮތުގައި، އިސްރާއީލުން ޣައްޒާގެ ޞިއްޙީ ނިޒާމަށް ސިސްޓަމެޓިކް ގޮތެއްގައި ދަނީ ބޮންއަޅަމުން

ޣައްޒާގައި މިވަގުތު މަސައްކަތް ކުރަނީ އެންމެ ހަ އެމްބިއުލާންސް ކަމަށް، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އައްޝިފާ މެޑިކަލް ކޮމްޕްލެކްސްގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ، މުޅި ޣައްޒާގައި މިވަގުތު އޮޕަރޭޓްކުރަނީ އެންމެ ހަ އެމްބިއުލާންސް ކަމަށެވެ.

އެކި މެޑިކަލް އެންޖީއޯތަކާއެކު އެ މިނިސްޓްރީން ވަނީ، އިސްރާއީލުން ޣައްޒާގެ ޞިއްޙީ ނިޒާމަށް ސިސްޓަމެޓިކްކޮށް ހަމަލަތައް ޓާގެޓް ކުރާކަމަށް ތުހުމަތުކޮށްފައެވެ. އޭގެތެރޭގައި މެޑިކަލް ކްރޫންނަށް ބޮން އެޅުމާއި، ޞިއްޙީ ޚިދުމަތްތެރިން ހިފެހެއްޓުން ހިމެނޭކަމަށް ވަނީ ބުނެފައެވެ. އަދި އިންޓެންސިވް ކެއަރ ޔުނިޓާއި ޗައިލްޑް ނަރސަރީ ފަދަ، ޒަރޫރީ ޚިދުމަތްތައް ހިންގުމުގައި ހުރި ދަތިތައްވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ، ޚާއްޞަކޮށް ރަފަޙްގެ ދެކުނު ސަރަހައްދުގައި ހާލަތު ވަރަށް ނާޒުކު ކަމަށެވެ. އަދި އެ ނާޒުކު ސިއްހީ ޚިދުމަތުގެ އިންފްރާސްޓްރަކްޗަރތަކުން، ގެދޮރު ގެއްލިފައިވާ 1.3 މިލިއަން މީހުންގެ ބޭނުންތައް ފުއްދުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ޚާއްޞަކޮށް، ގެދޮރު ގެއްލިފައިވާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރު ދީ، ޣައްޒާގެ މެޑިކަލް ޓީމުތައް ދޫކޮށްލުމަށް އިސްރާއީލަށް ޕްރެޝަރު ކުރުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ޞިއްޙީ ނިޒާމު އާރާސްތުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ޑިވައިސްތަކާއި، އާލާތްތަކާއި، ބޭހާއި، ޞިއްޙީ ސާމާނު ފޯރުކޮށްދިނުމަށް އެފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރިޕޯޓްކޮށްފައި ވާގޮތުގައި، ޣައްޒާގެ ހޮސްޕިޓަލްތަކުގެ އެނދުގެ ކެޕޭސިޓީ 3500އިން އެންމެ 1400އަށް ވަނީ ދަށްވެފައެވެ.

އިސްރާއީލުން ޣައްޒާގައި މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 23،843 މީހުން ޝަހީދުވެފައި ވާކަމަށާއި، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، 60،317 މީހުން ވަނީ ޒަޚަމްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް