ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 05:25
އިންޓަ މިއާމީގެ ފަރިތަކުރުންތަކުގައި މެސީ އަދި ސުއަރޭޒް
އިންޓަ މިއާމީގެ ފަރިތަކުރުންތަކުގައި މެސީ އަދި ސުއަރޭޒް
ރޮއިޓާރސް
އިންޓަ މިއާމީ
މެސީ އާއި ސުއަރޭޒް އެކުގައި އިންޓަ މިއާމީގެ ފަރިތަކުރުންތަކަށް
ސްޕެއިންގެ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު، ދެ ކުޅުންތެރިންގެ މެދުގައި ގާތް ގުޅުމެއް ވަނީ އުފެދިފައި

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އުރުގުއޭގެ ލުއިސް ސުއަރޭޒް، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ އިންޓަ މިއާމީގެ ފަރިތަކުރުންތަކަށް ނުކުންނަން ފަށައިފި އެވެ.

މެސީ އާއި ސުއަރޭޒް އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ކުޅުންތެރިންނެވެ. ޚާއްސަކޮށް، ސްޕެއިންގެ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު، ދެ ކުޅުންތެރިންގެ މެދުގައި ގާތް ގުޅުމެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން ސުއަރޭޒް ވަނީ، ބާސެލޯނާ ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ. މެސީ ބަދަލުވީ ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. ދެ ކުޅުންތެރިން ބާސެލޯނާ ދޫކޮށްލި ފަހުން ވެސް، ދެ ފަހަރު މަތިން ވަނީ ބައްދަލު ވެސް ކޮށްފަ އެވެ.

ޕީއެސްޖީގައި ދެ އަހަރު ދުވަަސް ހޭދަކުރުމަށްފަހު، މިދިޔަ އަހަރު މެސީ ވަނީ އިންޓަ މިއާމީ އަށް ބަދަލުވެފަ އެވެ. މެސީ މިއާމީ އަށް ބަދަލުވުމާއެކު، އެ ކުލަބުން ސުއަރޭޒް ގެންނަން މަސައްކަތް ކުރާނެ ކަމުގެ އަޑުތައް ވެސް އޮތީ ފެތުރިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މިއާމީން ވަނީ ސުއަރޭޒް އެ ކުލަބަށް ގެނެސްފަ އެވެ. އެ ކުލަބަށް އޭނާ ގުޅުނީ އެއް ސީޒަނުގެ ނިޔަލަށެވެ. މިއާމީއާއެކު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް، އެއަށްފަހު ވެސް ކުލަބުން ބޭނުންވެއްޖެ ހިނދެއްގައި، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތުވެސް އޮވެ އެވެ.

މިއާމީން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ދެ ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން، ކުރިން ބާސެލޯނާ އަށް ކުޅުނު ޖޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެޓްސް ވެސް އަންނަނީ މިއާމީގައި ކުޅެމުންނެވެ. އެހެންކަމުން، މިވަގުތު މިއާމީގައި ކުރިން ބާސެލޯނާ އަށް ކުޅުނު ހަތަރު ކުޅުންތެރިން ހިމެނެ އެވެ.

އިންޓަ މިއާމީން މިހާރު ތައްޔާރުވަމުން އަންނަނީ އައު ސީޒަންގެ ކުރިން އެ ޓީމު ކުޅުމަށް ހަމަޖެހިފައިވާ ރަޙުމަތްތެރިކަމުގެ މެޗުތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް