ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) ހުށަހެޅުއްވި ފޯމު ބަލައި ނުގަތުމަށް، އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީން ނިންމި ނިންމުން، ޓޮމްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅުއްވައިފި އެވެ.
އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީން މިދިޔަ ބުދަ ދުވަހު ނިންމީ، އެފްއޭއެމްގެ ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ޓޮމްގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ އޭނާ އަތުގައި އޮތް ކުލަބު ވެލެންސިއާގެ ތާއީދު ސިޓީ ބާތިލް ކަމަށް ނިންމުމުންނެވެ. އިލެކްޓޯރިއަލް ކޮމެޓީން އެހެން ނިންމީ، ވެލެންސިއާގެ ތާއީދު ސިޓީ ދެ ކެންޑިޑޭޓުންގެ އަތުގައި ވެސް އޮތުމުންނެވެ. ޓޮމްގެ އިތުރުން އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވި ކުލަބު އީގަލްސްގެ ވައިސް ޗެއާމަން, މުފާވިޒް ޙާޝިމް (މުފާ) އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. އިލެކްޓޯރިއަލް ކޮމެޓީން ނިންމީ، ވެލެންސިއާ އިން ދީފައިވާ ދެ ސިޓީ އަކީ ވެސް ޞައްޙަ ދެ ސިޓީ ކަމަށެވެ. އެހެން ނަމަވެސް، އެއް ކުލަބަކަށް ދެ ކެންޑިޑޭޓުންނަށް ތާއީދު ސިޓީ ނުދެވޭތީ، ކޮމެޓީން ނިންމީ ވެލެންސިއާގެ ދެ ސިޓީ ވެސް ބަލައި ނުގަތުމަށެވެ.
އެހެން ނިންމުމުން، ޓޮމް އަތުގައި އޮތީ ފުރަތަމަ ޑިވިޝަންގެ ދެ ކުލަބުގެ ތާއީދު ސިޓީ އެވެ. ނަމަވެސް، މުފާ އަތުގައި ފަސް ކުލަބެއްގެ ތާއީދު ސިޓީ އޮތެވެ. އެ ނިންމުން އިސްތިއުނާފަށް ހުށަހެޅުމަށް ޓޮމް އަށް ވަނީ ދެ ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެހެންކަމުން އެ މުއްދަތު ހަމަވާން އޮތީ ހުކުރު ދުވަހުގެ ނިޔަލަށެވެ. ހުކުރު ދުވަހު ޓޮމް ވަނީ އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވައިފަ އެވެ. ޓޮމްގެ އެޕީލާމެދު ގޮތެއް ނިންމަން ޖެހޭނީ، މައްސަލަ ހުށަހަޅާ ދުވަހުން ފެށިގެން ތިން ދުވަހުގެ ތެރޭގަ އެވެ. އެ މައްސަލަ ބަލަން ޖެހެނީ އެފްއޭއެމްގެ އެޕީލް ކޮމެޓީންނެވެ. ނަމަވެސް، މިހާތަނަށް އެފްއޭއެމްގައި އެޕީލް ކޮމެޓީއެއް ނެތްކަމުގެ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.
އެކަމާ ގުޅިގެން އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު)، "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ޓޮމް އަށް އެޕީލް ކުރުމުގެ ޙައްޤު ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން އެފްއޭއެމްގެ އެޕީލް ކޮމެޓީގެ ޞައްޙަކަން ވެސް ކަށަވަރު ކުރައްވާނެ ކަމުގައި ޖައު ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުޓުބޯޅައިގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، ޓޮމްގެ ކެންޑިޑެންސީ ޞައްޙަ ނޫން ކަމަށް އިލެކްޓޯރިއަލް ކޮމެޓީން ނިންމި ނިންމުން، އިންސާފުވެރިއެއް ނޫނެވެ. އެގޮތުން، ޓޮމްގެ ކެންޑިޑެންސީ ބާތިލު ކުރުމުގައި އިލެކްޓޯރިއަލް ކޮމެޓީން ބަލާފައިވާ، އޭއެފްސީ ކްލާސް ޕޯޓަލް އަކީ، ކެންޑިޑެންސީ ބާތިލު ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އަނެއްކޮޅުން، ވެލެންސިއާގެ ދެ ސިޓީ ވެސް ބަލައި ނުގަންނަން އިލެކްޓޯރިއަލް ކޮމެޓީން ނިންމީ، އެ ކުލަބުގެ ޗެއާމަނަކީ ޢަބްދުﷲ އަޒްމީން ކަމަށް ބަޔާންކޮށް، ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވެސް ސިޓީ ފޮނުވާފައި ވަނިކޮށެވެ. އެ ސިޓީގައި ކޮމިޝަނަރު އިތުރަށް ވިދާޅުވެފައި އޮތީ، ވެލެންސިއާގެ ޗެއާމަންކަމުން އަޒްމީން ވަކި ކުރަން ނިންމާފައި އޮތީ، ކުލަބުގެ ހިންގާ ޤަވާއިދާ ވެސް ޚިލާފަށް ކަމަށެވެ. އެހެންކަމުން، އެފަދަ ނިންމުމެއް ބަލައި ގަނެވެން ނެތް ކަމަށާއި، އެފްއޭއެމުން ވެސް އެފަދަ ނިންމުމެއް ބަލައި ނުގަތުމަށެވެ.
އެފްއޭއެމްގެ އިންތިޚާބު ބާއްވަން، އެ އެސޯސިއޭޝަނުން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އިންތިޚާބުގެ ކަންކަމުގައި މައްސަލަ ބޮޑުވެފައިވާއިރު، އިންތިޚާބުގެ ކަންކަން މަޑު ޖައްސާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ.