ދަރިއެއް ލިބެން އުޅޭ ކަމުގެ ޚަބަރަކީ ކޮންމެ ދެމަފިރިއަކަށްވެސް ލިބޭނެ އެންމެ އުފާވެރި އެއް ޚަބަރެވެ. މައިމީހާގެ ބަނޑުގައި ދަރިފުޅު ނުވަތަ އެއް ދަރިއަށް ވުރެ ގިނަ ދަރިން ޣަރުބަގަންނަމުންދާ ދުވަސްވަރަކީ އެ ލިބޭ އުފަލާ އެއްވަރަށް، އިންތިހާ ބަދަލުތައް، ބަލިވެއިން އަންހެން މީހާގެ ހަށިގަނޑަށް އަންނަ ދުވަސްވަރެކެވެ. ކެއުންބުއިމުގެ ވައްޓަފާޅިއާއި އެނޫންވެސް އެތައް އާދައަކަށް ބަދަލު ގެންނަންޖެހެއެވެ. ނަމަވެސް އެއީ ކޮންމެކޮންމެ މީހަކަށް ކުރެވޭ ކަމަކަށް އޮންނަނީ ނުވެފައެވެ. ދިރިއުޅެން ޖެހިފައި އޮތް ގޮތުންނެވެ. ދައްކަން މިއުޅެނީ ނިރުބަވެރި ޔަހޫދީންގެ ޝިކާރައަކަށް ހަދާފައި އޮތް ޣައްޒާގައި ތިބި މާބަނޑު މީހުންނާއި، 3 މަސްވީ ޤަތުލުޢާންމުގެ ތެރޭގައި ވިހޭ އަންހެނުން އުފުލަމުން ދާ، އިންތިހާ ގަދަ ވޭނުގެ ވާހަކައެވެ.
އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ އޮތީ ހަފުސްކޮށްފައެވެ. އިޒްރޭލުގެ ޢުދުވާންތަކުން ފުރާނަ ސަލާމަތް ވިއެއް ކަމަކު، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގައި ޖީލެއް ފަނާވެ ދަނީއެވެ. ވަކިން ޚާއްޞަކޮށް، ޣައްޒާގެ މާބަނޑު މީހުން އުފުލަމުންދާ ވޭނަކީ، އެހެން ވެއްޓެއްގައި ތިބި ބަޔަކަށް ވަޒަން ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. މުޅި ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ އިނދަޖެހިފައެވެ. ކިރިޔާ ހިނގާލެވޭ ވަރުގައި ހުރި ދެތިން ހޮސްޕިޓަލެއް ހުރި އިރު، އެތަންތަންވެސް އޮތީ ފުރި ބާރުވެފައެވެ. ބޭސް ލިބުން އިންތިހާއަށް ދައްޗެވެ. ޞިއްޙީ ޚިދުމަތްތެރިންގެ ޢަދަދު އެހާމެ މަދެވެ.
ބާވެގެން ގޮސް ދެފުށްޖެހިފައި އޮތް ގޮދަޑިގަނޑެއްގައި އިށީނދެލައިގެން އެ އިނީ ޢުމުރުން 29 އަހަރުގެ އީމާން އަލް-މަސްރީއެވެ. އޭނާ ގާތުގައި އޮތް 3 ކުދިންނަކީ، ނުސައިރާތު ރެފިއުޖީ ކޭމްޕުގައި ހުންނަ އަލް-އަވްދާ ހޮސްޕިޓަލުގައި ސިޒޭރިއަން ހަދައިގެން އޭނާއަށް ލިބުނު އެއްމާބަނޑު 4 ބެއިންގެ 3 ކުދިންނެވެ. ޔާޞިރު، ތިއާ އަދި ލީންއެވެ. 4 ވަނަ ދަރިފުޅު، މުޙައްމަދު، އަދިވެސް އޮތީ ހޮސްޕިޓަލުގެ ނަރސަރީގައެވެ.
އީމާންއާއި އޭނާގެ ފިރިމީހާ، އައްމާރު ޔާޞިރު ދިރިއުޅެމުން ދިޔައީ ޣައްޒާގައި އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕުގައެވެ. އިޒްރޭލުގެ ޢުދުވާންތައް ގަދަވެގެން އެ ސަރަޙައްދުން އެ މީހުން ފޭބީއެވެ. މިހާރު އެ ޢާއިލާ ދިރިއުޅެމުން ދަނީ ދީރް އަލް-ބަލާޙްގައި ހުންނަ ރުފައިދާ ސްކޫލުގައެވެ. ޣައްޒާގައި ހިންގާ ސްކޫލުތަކަކީ މިއަދު އެތައް ހާސް ބައެއްގެ ވަގުތީ ހިޔާވައްސެވެ.
ދަރިންގެ ސަލާމަތާއި، އަންހެނުންގެ ބަލި ޙާލަތަށް ބަލާފަ އަހަންނަށް މަޖުބޫރުވި ގެދޮރު ދޫކޮށް ނުކުންނަން. ކަން ދިމާކުރި ގޮތުން އަހަރެމެންގެ ޢާއިލާއާ ވަކިން ދާން ޖެހުނީ. އަހަރެންގެ ބައްޕަ މަޑުކުރީ ގޭގަ، އަހަރެން ގެ ދޫކޮށްލާފަ ނުކުތް އިރު. ބައްޕައާ ދެތަން ވުމަކީ، އަހަންނަށް ބަރުދާސްތު ކުރެވޭނެ ވަރުގެ ވޭނެއް ނޫން. އެތަނަށް ބައްޕަ ދޫކޮށްލާފަ ހުރުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމެއް. ވަރަށް އުނދަގޫ، ހިތްދަތި ކުރުވާ ކަހަލަ އިޙްސާސެއް ކުރެވެނީ.އައްމާރު ޔާޞިރު؛ އީމާންގެ ފިރިމީހާ
ނިރުބަވެރި ޔަހޫދީންގެ ޢުދުވާންތައް ވަރުގަދަ ކުރަން ފެށުމާއެކު އަމިއްލަ ގެދޮރު ދޫކޮށް ނުކުތުމަށް މަޖުބޫރުވިއިރު އީމާންގެ ބަނޑަށް 6 މަހެވެ. މާބަނޑު ޙާލުގައި ގެއިން ނުކުމެ، ދީރް އަލް-ބަލާޙްއަށް ދަތުރުކޮށްދޭނެ ކާރެއް ފެނުނީ 5 ކިލޯމީޓަރަށް ހިނގި ފަހުންނެވެ. ނަތީޖާއަކަށް ވީ ދުވަސް ނުފުރާ ވިހަން މަޖުބޫރުވުމެވެ. ބަނޑަށް 8 މަސް ވީ ތާ ފުރަތަމަ ހަފުތާގެ ތެރޭގައި ޞިއްޙި ޢާލާތްތައް ބޭނުންކޮށްގެން ވިއްސުވަން ޑޮކްޓަރުން ނިންމިއެވެ. ނުވަތަ އިންޑިއުސް ކުރަން ނިންމިއެވެ. އީމާންގެ ބަނޑުގައި އޮތް 4 ކުދިން އެންމެ ފަހުން ނަގަން ޖެހުނީ ސިޒޭރިއަން ހަދައިގެންނެވެ. އެއީ ނިމި ދިޔަ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވީ ހޯމަ ދުވަހެވެ.
މާބަނޑު ދުވަސްވަރުވެސް އަހަރެން ވަރަށް ވޭނުގަ އުޅުނީ. ގެއިން ނުކުމެގެން، އެއްތަނުން އަނެއް ތަނަށް ބަދަލުވާން ޖެހުނީ. އިންތިހާއަށް ނުރައްކާ މަގުތައް މަތީގަ އުޅެން ޖެހުނީ. އެހެންވެ ވަރަށް ބޮޑަށް ވަރުބަލިކަން އިޙްސާސް ކުރެވެން ފެށި. ނަތިޖާއަކަށް ވީ، ދުވަސް ނުފުރާ ވިހަން ޖެހުން. 8 މަހުގަ، ސިޒޭރިއަން ހަދާފަ ނެގީ ދަރިންކޮޅު. އެއް ދަރި އަދިވެސް ވީ އިތުރު ފަރުވާއަށް، ނަރސަރީގަ.އީމާން އަލް-މަސްރީ؛ ޤަތުލުޢާންމުގެ ތެރޭގައި ސިޒޭރިއަން ހެދި ޒުވާނެއް
ސިޒޭރިއަން ހެދުމަކީ ދަރިއަކު އުފަން ކުރަން އޮތް އެންމެ ފަސޭހަ ގޮތް ކަމަށް ބައެއް މީހުން ވަކާލާތު ކުރި ކަމުގައި ވީ ނަމަވެސް، އެ ކަމުގައި ހުރި ވޭނާއި، ސިޒޭރިއަންއަށް ފަހު އެތައް އަހަރެއް ވަންދެން އަންހެން މީހާ އުފުލަމުން ދާ ވޭން އެނގޭނީ އެކަން ތަޖުރިބާ ކުރި މީހަކަށެވެ. މިފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައި ނުވާ ފަދަ ލާއިންސާނީ ޤަތުލުޢާންމެއްގެ ތެރޭގައި، އެކަށީގެންވާ ޞިއްޙީ ފަރުވާގެ ނިޒާމެއްވެސް ނެތް ތަނެއްގައި ސިޒޭރިއަން ހަދައިގެން މީހަކު އުޅޭނެ ގޮތް ޚިޔާލަށް ގެންނަންވެސް ދައްޗެވެ.
އީމާން ކިޔައިދިން ގޮތުގައި، ސިޒޭރިއަން ހަދައިގެން ކުޑަކޮށް ރަނގަޅުވެލަންދެން މަޑުޖެހިލާނެ ވަގުތުވެސް އޭނާއަކަށް ނުލިބުނެވެ. ހޮސްޕިޓަލަށް ބާރު ބޮޑުވަމުން ދިއުމުގެ ސަބަބުންނެވެ. ހޮސްޕިޓަލުން ނުކުތުމަށް އީމާންއަށް މަޖުބޫރުވީއެވެ. އިތުރު ޞިއްޙީ ފަރުވާ ބޭނުންވާ ތުއްތު ދަރިފުޅު، މުޙައްމަދު، އެ ތަނަށް ދޫކޮށްލުމަށް ފަހުގައެވެ.
ޢުމުރުން 30 އަހަރުގެ ޞަބްރީން އަބޫ ވަރުދާއަކީވެސް އިޒްރޭލުގެ ޤަތުލުޢާންމުގެ ސަބަބުން އިންތިހާ ވޭނުގައި އުޅެމުންދާ މީހެކެވެ. އޭނާގެ 15 ދުވަހުގެ ދަރިފުޅުވެސް އޮތީ ހަމަ އެފަދަ ޙާލެއްގައެވެ. ވިހެއުމާ އެކުގައިހެން ޑޮކްޓަރުން ވަނީ އޭނާގެ ހަށިގަނޑުގައިވާ ކާތަކެތި ދަތުރުކުރާ ހޮޅީގެ އޮޕަރޭޝަނެއް ކޮށްފައެވެ. ނަމަވެސް، އެކަށީގެންވާ ގޮތެއްގައި ޑޮކްޓަރަށް ދައްކައިގެން ފޮލޯ އަޕް ހަދާނެ ފުރުޞަތު ނެތުމާއި، ބޭސް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ދަރިފުޅުގެ ޙާލަށް އެދެވޭ ބަދަލެއް އަންނަމުން ނުދާކަން ފާހަގަ ކުރަން ޖެހެއެވެ.
އަހަރެމެން މި އުޅެނީ ހަނގުރާމައެއްގެ ތެރޭގަ. ކައިބޮއެ ހަދާލަން މި ލިބެނީ މަދު މިންވަރެއް. ކަލޭމެންނަށްވެސް ފެންނަން މިއޮތީ، އަހަރެންގެ ދަރިފުޅު މިއޮތީ ބަލިވެ. ބަލިވެ މި އޮތް ތުއްތު ދަރިފުޅަށް، ގާތުން ކިރު ފޮދެއްގެ މިންވަރުވެސް ނުދެވޭ އަހަންނަކަށް. އަހަރެމެންނަށް އުޅެންޖެހިފަ މިއޮތީ ޢާންމު އުސޫލުން ބޭރު ވެއްޓެއްގަ. އިންތިހާ ބިރުވެރިކަމެއްގެ ތެރޭގަ. ޢަރަބި ކޮންމެވެސް ޤައުމަކުން، މި ދަރިފުޅު އެ ޤައުމަކަށް ގެންގޮސް، އެ ތަނެއްގެ ހޮސްޕިޓަލުގަ ފަރުވާ ދެވޭނެ ގޮތެއް ވާން ވަރަށް އުންމީދު ކުރެވޭ.ޞަބްރީން އަބު ވަރުދާ؛ ޣައްޒާގެ މައެއް
މާބަނޑު ދުވަސްވަރަކީ ފައިދާ ހުރި ކާނާ ކައި އުޅުމަށް އިންތިހާއަށް މުހިންމު ދުވަސްވަރެއް ނަމަވެސް، އެ ނަޞީބެއްވެސް ޣައްޒާގައި މިއަދު ތިބި މާބަނޑު މީހުންނަކަށް ނެތެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބޭނެ ގޮތެއް ނެތެވެ. ޤަތުލުޢާންމުގެ ތެރޭގައި ވިހޭ މީހުންގެ ޙާލަކީވެސް އެއީއެވެ. ދަރިއަކު އުފަންވާތާ ފުރަތަމަ 6 މަސް ދުވަހަކީ ގާތުން ކިރު ދިނުން އިންތިހާއަށް މުހިންމު ދުވަސްވަރަކަށް ވީ ނަމަވެސް، ދަރިފުޅަށް ބޭނުންވާ މިންވަރަށް މައިންގެ ހަށިގަނޑުގައި ކިރުއުފައްދާ ނުދިނުމުގެ މައްސަލަ ދަނީ ބޮޑުވަމުންނެވެ. މައިމީހާގެ ހަށިގަނޑުގައި ކިރު އުފެދޭ މިންވަރަކީ، އެ މައިމީހާގެ ޖިސްމާނީ އަދި ނަފުސާނީ ޞިއްޙަތާ ގުޅިފައި އޮތް ކަމަށް ވާ އިރު، އެކަށީގެންވާ ރަނގަޅު ކާބޯތަކެތި ނުލިބުމާއި، ތާ އަބަދުމެ ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ މައިން އުފުލާ ވޭނުގެ ލިސްޓަށް އަނެއްކާވެސް ކަމެއް އިތުރު ވީއެވެ.
އެއްގަމާއި، ކަނޑާއި، ވައިގެ މަގުން އިޒްރޭލުގެ ޙަމަލާތައް ޣައްޒާގައި ވަރުގަދަ ކުރަމުން ދާ އިރު، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީގެ ސާމަނު އެތެރެ ކުރުމަށްވެސް އިޒްރޭލުން ވަނީ ހުރަސް އަޅާފައެވެ. ވަކި މިންވަރަކަށް ހުއްދަ ދިނެއް ކަމަކު، އެއީ ޣައްޒާއަށް ބޭނުން ޖެހިފައި އޮތް މިންވަރާ އަޅާ ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. ތުއްތު ކުދިންނަށް ދޭ ފޯމިއުލާއާއި ކިރުގެ އިތުރުން ޑައިޕަރއާއި، ގައިން ތާހިރުވުމަށް ބޭނުން ކުރާ ސާމާނު ލިބުން ވަނީ ޣައްޒާގައި އިންތިހާއަށް ދަތިވެފައެވެ. ނަތީޖާއަކަށް ވީ، އަލަށް އުފަންވި ތުއްތު ކުދިންގެ މެދުގައިވެސް އެކި ކަހަލަ ބަލިތައް ފެތުރިގެން ދިއުމެވެ.