މި މަހުގެ ފަހުކޮޅު އޮންނަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް)އަށް ތާއީދުކުރަން ނިންމީ، ކުލަބުގެ ވެލެންސިއާގެ ފައިދާއަށް ކަމަށް، އެ ކުލަބުގެ ޗެއަރމަން ޢަބްދުﷲ އަޒްމީން ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެ ރޭ އަޒްމީން ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ، ވެލެންސިއާއިން ޓޮމްއަށް ތާއީދުކުރަން ނިންމި ސަބަބު ސާފުކޮށްދެއްވާފައެވެ.
އެގޮތުން އިންތިޚާބުގައި ވެލެންސިއާއިން ތާއީދުކުރާނެ ފަރާތެއް ނިންމުމަށް، ނިމުނު ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކުލަބުގެ ހިންގާ ކޮމެޓީއެއް ބާއްވައި، ވަނީ މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުުމުގައި ބައިވެރިވި ފަސް މެމްބަރުން ވެސް ނިންމާފައިވަނީ "ވެލެންސިއާއިން ތާއީދުކުރާނީ ކުލަބަށް އެންމެ ފައިދާހުރި ގޮތަކަށް" ކަމަށް އަޒްމީން ވިދާޅުވިއެވެ. އަދި އެފްއޭއެމްގެ ރައީސްކަމަށް ކޮންމެ ބޭފުޅަކު އިންތިޚާބުވެވަޑައިގަތް ނަމަވެސް، އެ ބޭފުޅަކަށް އެއްބާރުލުން ދިނުމަށްވެސް ނިންމިކަމަށް އަޒްމީން ވަނީ ވިދާޅުވެފައެވެ.
އެގޮތަށް ވެލެންސިއާއިން ނިންމީ އެ ކުލަބު އޮތް ހާލަތުގެ ސަބަބުން ކަމަށް އެ ބަޔާނުގައި އަޒްމީން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ވެލެންސިއާއަކީ ދިވެހި ކުޅުންތެރިން އަދި ބިދޭސީ ކުޅުންތެރިން ވެސް ރަޖިސްޓަރީ ނުކުރެވޭގޮތަށް، 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ޓްރާންސްފާ ބޭންކޮށްފައިވާ ކުލަބެއް ކަމަށް ފާހަގަކޮށްފައެވެ. ކުލަބުގެ ހާލަތު ދުވަހުން ދުވަހަށް ދަށްވެ، މިދިޔަ ސީޒަން ވަކި ހިސާބަކުން ހުއްޓާލަން ޖެހުނުކަން ފާހަގަކުރައްވައި އަޒްމީން ވިދާޅުވީ، އެއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ކުލަބުގެ ހާލަތު އޮންނަންވީ ގޮތް ނޫން ކަމަށް ސަޕޯޓަރުން ގަބޫލުކުރާ ކަމަށެވެ.
އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާ ވެސް ވެލެންސިއާގެ ފަރާތުން ބައްދަލުކޮށް، ވެލެންސިއާގެ ހާލަތު ވަނީ ބުނެދީފައެވެ. އިންތިޚާބުގައި ވާދަކުރައްވާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ޙާޝިމް (މުފާ) ވިދާޅުވެފައިވަނީ، އެފްއޭއެމްގެ ރައީސްކަމަށް އޭނާ އިންތިޚާބު ވެވަޑައިގެންފިނަމަ، ކުލަބަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކަމަށް ބަޔާނުގައިވެއެވެ. އަދި ޤައުމީ ޓީމާއި ވެލެންސިއާގެ ކުރީގެ ފޯވާޑް ޓޮމް ވިދާޅުވީ، ވެލެންސިއާގެ ހާލަތު ރަނގަޅު ކުރުމަށް ވަގުތުން ޢަމަލީގޮތުން މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންވެ، އަޒްމީންގެ ޖެނެރަލް ސެކްރެޓަރީގެ ކަމުގައި، ޑިސެމްބަރު 26 ވަނަ ދުވަހު ޓޮމްއަށް ތާއީދު ސިޓީ ދެއްވާފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެ ސިޓީގައި ސޮއިކުރެއްވި ފަސް މެމްބަރުންނަކީ އަޒްމީންގެ އިތުރުން، ނައިބު ރައީސް އިލްމާއު ޙުސައިން އިބްރާހީމް (މައު)، ސްޕޯޓްސް ޑައިރެކްޓަރު އިސްމާޢީލް ޢާޞިފް (ކުޑަހީނާ)، ބޯޑު މެމްބަރު މުޙައްމަދު ރާފިޢު އަދި ބޯޑު މެމްބަރު ޔޫސުފް ރަމީޒެވެ. ނަމަވެސް އޭގެ ފަހުން، ވެލެންސިއާގެ މަސްލަހަތު އޮންނަ ބައެއް ފަރާތްތަކުން އެ ނިންމުން ބަދަލުކުރުމަށް ބާރުއަޅައި ކުލަބުގެ ބޯޑަށް ނޭނގި ތާއީދު ސިޓީއެއް އުފައްދައި، ހިންގާ ކޮމެޓީގެ މެމްބަރުން ލައްވައި ސޮއިކުރިކަމަށް ބަޔާނުގައިވެއެވެ.
ވެލެންސިއާގެ އިތުރު ތާއީދު ސިޓީއެއްގައި ސޮއިކޮށް، އެހެން ފަރާތަކަށް ދޭން މަސައްކަތް ކުރުމުން އަޒްމީން އެކަމާ ދެކޮޅުހެއްދެވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އިތުރު ސިޓީއެއްގައި ފަސް މެމްބަރުން ސޮއިކުރެއްވީ، ޓޮމްއަށް ތާއީދު ސިޓީ ދިންފަހުން ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެ ސިޓީގައި ސޮއިނުކުރެއްވީ އަޒްމީންގެ އިތުރުން ކުޑަހީނާއާއި ރާފިޢު ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަޅުގަނޑަކީ ގެއެއް ދެ މީހަކަށް ހިބަކޮށްދޭނެ މީހެއްނޫން.ޢަބްދުﷲ އަޒްމީން / ކުލަބު ވެލެންސިއާގެ ޗެއަރމަން
އިތުރަށް އަޒްމީން ވިދާޅުވީ، އޭނާ ސޮއިކުރައްވައި، ދެ މީހަކަށް ތާއީދު ސިޓީ ދެއްވާފައި ނުވާނެކަމަށެވެ. އަދި ހުރިހާ ކަމެއް ކުރައްވާފައިވަނީ ވެލެންސިއާގެ ބޯޑު މެމްބަރުންނާ ވާހަކަ ދައްކައި، މަޝްވަރާކުރައްވާފައި ކަމަށް ވެސް އަޒްމީން ވިދާޅުވިއެވެ.
އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރައްވާ ޓޮމްއާއި މުފާ އަތުގައިވެސް ވެެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. ނަމަވެސް، ވެލެންސިއާއިން ވަނީ އެކަމުގެ ތާއީދު އޮތީ ޓޮމްއަށް ކަމަށް ވެސް ބުނެފައެވެ. އަޒްމީން ސޮއިކުރައްވައި، ވެލެންސިއާއިން ވަނީ އެކަން އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީއަށް ވެސް އަންގާފައެވެ.
ވެެލެންސިއާގެ ތާއީދު ސިޓީ ދެ ކެންޑިޑޭޓުންގެ އަތުގައި އޮތުމުން، އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީން ވަނީ ފީފާ އަދި އޭއެފްސީގައި އެކަމުގެ ލަފަޔަކަށް އެދިފައެވެ. ކެންޑިޑޭޓުންގެ ކެންޑިޑެސީއާމެދު މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެއެވެ.