މި މަހުގެ ފަހުކޮޅު އޮންނަ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ތާއީދު ކުރައްވަނީ ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) އަށް ކަމަށް ކުލަބު ވެެލެންސިއާގެ ބޯޑު މެންބަރު އިސްމާއީލް އާސިފް (ކުޑަހީނާ) ވިދާޅުވެއްޖެ އެވެ.
ކުޑަހީނާ މިހެން ވިދާޅުވީ، ވެލެންސިއާ އިން ޓޮމް އަށް ތާއީދު ސިޓީ ދީފައި ވަނިކޮށް، ކުލަބުގެ ތެރޭގައި ޖެހިފައިވާ މައްސަލަތަކާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ. ވެލެންސިއާގެ ސްޕޯޓްސް ޑައިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން އަންނަ ކުޑަހީނާ ވިދާޅުވީ، އިންތިޚާބުގައި ޓޮމް އަށް ތާއީދު ކުރަން ނިންމެވީ ވެލެންސިއާ އަށް ފައިދާވާނެ ގޮތަކަށް ވިސްނަވާފައި ކަމަށެވެ. އަދި އޭނާގެ ސޮއި ލިބޭނީ ވެސް، ވެލެންސިއާ އިން ފައިދާވާނެ ފަރާތަކަށް ކަމަށް ކުޑަހީނާ ވިދާޅުވިއެވެ.
އެގޮތުން މިވަގުތު ވެލެންސިއާ އަށް އެންމެ ފައިދާވާނެ ގޮތަކީ، ޓޮމް އަށް ތާއީދު ކުރުން ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ. އިތުރަށް ކުޑަހީނާ ވިދާޅުވީ، ޓޮމްގެ ތާއީދު ސިޓީގައި އެ ކުލަބުގެ ބައެއް ބޯޑު މެންބަރު ސޮއި ކުރެއްވީ، އޭނާގެ ވެސް ހާޟިރުގައި ކަމަށެވެ.
އަޅުގަނޑު އެންމެ ފުރަތަމަ ވެސް ބުނިން، ސޮއި ލިބޭނީ ވެލެންސިއާ އަށް އެންމެ ފައިދާވާނެ ފަރާތަކަށޭ. މިވަގުތަށް ވެލެންސިއާ އަށް އެންމެ ފައިދާ ވާނީ ޓޮމް އަށް ތާއިދު ކޮށްގެން ކަމަށްވާތީ، އަޅުގަނޑު ސޮއި ދިނީ ޓޮމް އަށް. އޭގައި ބޯޑުގެ ބައެއް މެންބަރުން ސޮއި ކުރީ އަޅުގަނޑު ވެސް ހާޟިރުގައި.އިސްމާއީލް އާސިފް (ކުޑަހީނާ) / ކުލަބު ވެލެންސިއާގެ ބޯޑު މެންބަރު
ވެލެެންސިއާ އިން ޓޮމް އަށް ތާއީދު ކުރަން ނިންމިއިރު، އިންތިޚާބުގައި ވާދަކުރައްވާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. ނަމަވެސް ފަހުން ވެލެންސިއާ އިން ވަނީ އެ ކުލަބުގެ ތާއީދު އޮތީ ޓޮމް އަށް ކަމަށް ބުނެ، އެކަން އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީ އަށް ވެސް އަންގައިފަ އެވެ.
މައްސަލަ ބޮޑުވެ، ވެލެންސިއާ ދެބައިވެފައިވާއިރު، ކުލަބުގެ ބޯޑުން ވަނީ ޗެއާމަން ޢަބްދުﷲ އަޒްމީންގެ އިތުބާރު ނެތް ކަމަށް ވެސް ފާސްކޮށްފަ އެވެ.