ކ. މާލެ
|
4 ޖެނުއަރީ 2024 | ބުރާސްފަތި 17:32
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު
ޕީޕީއެމް
ފްލެޓުގެ މައްސަލަ
ރާއްޖޭގެ ރައީސް ވިދާޅުވާ ބަސްފުޅު އެއްވެސް އަގެއް ނެތް އެއްޗަކަށްވެ ނިމެނީތޯ؟
ފްލެޓް ލިބުނު މީހުންނަށް ލިޔުން ދޭން ފަށާނީ އޭސީސީގެ ތަހުގީގު ނިންމައި، ވަކި ގޮތެއް އެންގުމުން ކަމަށް ވަޒީރު ވިދާޅުވެފައިވޭ
ދެ ހަފުތާތެރޭގައި ފްލެޓް ދޭނެކަމަށް ރައީސް ވިދާޅުވިނަމަވެސް ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދާފައިވޭ

ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ބޮޑު މައްސަލައަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ވަނީ ގޮތް ނިންމަވައި އެކަން ހާމަކުރައްވާފައެވެ. ގޯއްޗާއި، ފްލެޓު ދެއްވާނެކަމުގެ ޔަގީންކަން ގައުމުގެ ވެރިޔާ ދެއްވުމަކީ ގިނަ ރައްޔިތުން އެކަން ގަބޫލުކުރާނެ ކަމެކެވެ. 02 ޖެނުއަރީ 2024 ވީ ދުވަހު ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ފޯސްޓުގައި ވިދާޅުވެފައިވަނީ، ގޯތި އަދި ފްލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯއްޗާއި ފްލެޓް، ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކުރިއަށްދާނެ ކަމެއް ކަމަށެވެ. މި ހަފުތާއާއި މިއަންނަ ހަފުތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މައްސަލަ ނުނިމި ލަސްވާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެއްވެ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދިޔައީ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. އޭސީސީ މިމައްސަލަ ދިގުދަންމާތީ ގިނަ އަދަދެއްގެ ރައްޔިތުންގެ ހައްގު ގެއްލޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޕޯޓަލްގެ އެކްސެސް 10 ޑިސެންބަރު 2023ގައި ލިބިފައިވާއިރު، މިމައްސަލާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަންޖެހޭ ކަމަށާއި، ދިގުދެމިގެންދާ ކޮންމެ ދުވަހަކީ ހާލަތު ބަދަލުވާނެ ދުވަހެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ނަމަވެސް ދެ ހަފުތާތެރޭގައި ފްލެޓް ދޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު އެކަމާ އުފާކޮށް، އެކަން ގަބޫލުކުރިއެވެ. އަދި އެތައް ބަޔަކު އެކަމާ ސުވާލުވެސް އުފެއްދިއެވެ. އޭސީސީން މައްސަލަ ބަލަމުންދަނިކޮށް، ރައީސް މުއިއްޒު ވިދާޅުވިގޮތަށް ފްލެޓް ދޫކުރާނެތޯ ނުވަތަ ރައީސް އެކަން އެކްސްގައި ހިއްސާކުރެއްވިއިރު، އޭސީސީން މައްސަލަ ބަލަމުންދާކަން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވަނީތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ. މީގެ އިތުރުން ދެ ހަފުތާތެރޭގައި ފްލެޓުގެ މައްސަލަ އޭސީސީން ނިންމައި ފްލެޓުތައް ދޫކުރާނެ ކަމާމެދުވެސް ސުވާލު އުފައްދާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގެ ސްކްރީންޝޮޓެއް

ކަންމިހެން އޮތްނަމަވެސް ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމާގުޅޭ މަސައްކަތްތައް، ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މިމަހުގެ 03 ވަނަ ދުވަހު މި ވަނީ ފަށާފައެވެ. ރައީސް ވިދާޅުވި ފްލެޓްތަކުގެ މަސައްކަތްތައް ކުރިއަކަށް ނުގެންދެއެވެ.

ރައްޔިތުންތަކެއް ވާނުވާގައި ތިބިއިރު އިތުރަށް ގެދޮރުވެރިކަމާބެހޭ ވަޒީރު މި ވަނީ މިކަން އިތުރަށް ސާފުކޮށްދެއްވާފައެވެ. ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، ފްލެޓް ލިބުނު މީހުންނަށް ލިޔުން ދޭންފަށާނީ އޭސީސީގެ ތަހުގީގު ނިންމައި ވަކި ގޮތެއް އެންގުމުން ކަމަށެވެ. އެހެންކަމުން ރައީސް ވިދާޅުވިގޮތަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ދިޔަނަމަވެސް ފްލެޓުގެ މަސައްކަތްތައް ކުރިއަށް ނުދާނެކަން މިހާރު މި ވަނީ ކަށަވަރުކުރެވިފައެވެ.

މިފަދަ ހައްސާސީ މައްސަލައެއްގައި ރައީސް މުއިއްޒު ގިނަ އަދަދެއްގެ ރައްޔިތުންނަށް އުންމީދު ގެނެސްދެއްވުމަށްފަހު މިވަނީ ނާއުންމީދު ކޮށްލައްވާފައެވެ. ގިނަބަޔަކު މިކަމާ ނުރުހުން ފާޅުކުރަމުންދާއިރު، ރައީސް ވިދާޅުވާ ބަސްފުޅުގައި ނުވަތަ އެކްސްގައި ކުރައްވާ ޕޯސްޓެއްގައި އެއްވެސް ބުރަދަނެއް ނުހުންނަނީތޯއެވެ؟ އަނެއްކާވެސް ރައްޔިތުންނަށް އޮޅުވާލެއްވުމަށް މަސައްކަތް ކުރައްވަނީތޯއެވެ؟

ބައެއް މީހުން ބުނާގޮތުންނަމަ، ރައީސް މުއިއްޒު އެކްސްގައި ކުރެއްވީ ވަރަށް ދޯހަޅި ޕޯސްޓެކެވެ. އެހެންކަމުން މިހާރު އެމަނިކުފާނު ވިދާޅުވާ ބަސްފުޅުގެ ކަށަވަރުކަން ޔަގީންކުރުމަށް، ރައީސް އޮފީހުން ނުވަތަ އެކަމާގުޅޭ ވުޒާރާއަކުން ބަސް ހޯދައި، ޔަގީންކުރަންޖެއެވެ. ރައީސް މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން މިއަދު ރާއްޖޭގެ ރައީސް އެކްސްގައި ކުރައްވާ ޕޯސްޓުތަކުގެ ނުވަތަ ވިދާޅުވާ ބަސްފުޅުތައް އަގެއް ނެތް އެއްޗަކަށްވެ ނިމެނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް
6 ޖެނުއަރީ 2024 | ހޮނިހިރު 13:44
ކުޑޫ
މިވަގުތު މިރާއްޖޭގައި ވެރިކަމުގަ ހުރި ޑރ.މުއިއްޒު އަކީ ބުނާ އެއްޗަކާ އަމަލާ ދިމާވާނެ މީހެއްނޫން އެކަން މިހާރު މިރާއްޖޭގައި ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް އެގޭ ވަރު ޙުދު ރައީސް ވެސް އެބަސާބިތު ކޮށް ދެއްވަވާ! މަސްވެރިންނަށް ވީ ވައުދު އަލިގަދަ ހެއްކަކަށް ފުދޭ.48 ގަނޑި އިރު ތެރޭ ދޭންބުނި ފައިސާ ވެރިކަމަށް ދެމަސްވާން ކައިރިވާއިރުވެސް އެއްވެސް މަސްވެރި ދޯންޏަކަށް ލިބިފައި ނުވާތީ!
- ގުޅުންހުރި
ދައުލަތް ހުއްޓިއްޖެ، އެކަން ވީ ސިޔާސީ މުވައްޒަފުން ގިނަ ވެގެން ކޮށި އަރައިގެން - ޒިޔާދު
މަސްވެރިންނާއި ރައްޔިތުން ފެލައިގެން އުޅެނީ ރައީސް މުއިއްޒުގެ ލެގަސީ ހިފަހައްޓަން ޕްރޮޖެކްޓް ހިންގަން - އަނދުން ހުސައިން
ފްލެޓާއި ގޯތީގެ މައްސަލައިގައި އަމަލުކުރަމުންދާ ގޮތުން ފެންނަނީ ސަރުކާރުގެ ހާމަކަން ބޮޑުކަމެއް ނެތްކަން: ޔާސިރު
ފްލެޓް ދިނުމުގެ މަރުހަލާ އާއި މެދު އާއްމުންގެ އެތައް ސުވާލެއް! މިނިސްޓަރ ވިދާޅުވީ މިވަގުތު ޖަވާބެއް ނެތް ކަަމަށް!
ހިޔާ ފްލެޓުގެ ކޮރިޑޯރ ގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
ނޮވެމްބަރު 2023 ނިމުނުއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ގައި 141.1 މިލިއަން ޑޮލަރު ހުންނާނެ: ކުރީގެ މިނިސްޓަރ އަމީރު
"މަކަރާއި ހީލަތުން އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓުމެންޓަކަށް މީހުން ގެންގޮސް، ބްލެކްމެއިލް ކުރި މައްސަލައިގައި އިސްކޮށް ހުރީ އަންހެނެއް"
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ