ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 13:49
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ޗާގޯސް މައްސަލަ
"ގެއްލުނު ކަނޑު" ހޯދުމަށްކަމަށް ބުނެ ކޮމިޓީއެއް ހަދައި، ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަނީ
 
އިޓްލޮސްއަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާކަމަށް ވިދާޅުވި
 
ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އޭޖީ އޮފީހުގެ ވަކީލުންނާއި، ޑިފެންސް އަދި ފޮރިން މިނިސްޓްރީގެ ޓީމެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން، އެންމެ ފުރަތަމަވެސް ކުރައްވާނެ އެއް ކަންތައް ކަމުގައި ވިދާޅުވި "ގެއްލުވާލި ކަނޑު" ހޯދުމުގެ މަސައްކަތް ކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިޓްލޮސްއަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާކަމަށެވެ.

އެކަމަށް ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށާއި، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އޭޖީ އޮފީހުގެ ވަކީލުންނާއި، ޑިފެންސް އަދި ފޮރިން މިނިސްޓްރީގެ ޓީމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޔޫކޭގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ޕްރޮފެސަރެއް މި މަސައްކަތުގައި އެކްސްޕާޓުންގެ ގޮތުގައި އެހީތެރިވެ، މި މަސައްކަތާ ގުޅޭ ފައިނަލް ރިޕޯޓު އެކުލަވާލައި އާންމު ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހުންނަށް ސަރުކާރުން ފީއެއްދޭތޯ ކުރި ސުވާލުގެ ޖަވާބުގައި ނާޒިމް ވިދާޅުވީ، މިފަދަ ކޮންމެ މަސައްކަތަކަށް ވެސް ޚަދަރެއް ހިނގާނެ ކަމަށާއި، ނަމަވެސް އެކަމާ ގުޅޭ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކުން ސާފު ކުރެއްވުމަށް އެދޭކަމަށެވެ.

ޗާގޯސް މައްސަލައާ ގުޅިގެން، ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވައިދެއްވާނެ ކަމަށް ސަރުކާރުން ބުނާއިރު، ޗާގޯސްގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މިހާރުގެ ސަރުކާރުން ދާދި ފަހުން ވަނީ އާންމުކޮށްފައެވެ.

އެހެންނަމަވެސް، ރައީސް މުޢިއްޒާއި އޭރުގެ އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވިދާޅުވިގޮތަށް ކަނޑު ވިއްކާލައްވަން އޭރުގެ ސަރުކާރުން ނިންމިކަމަށް ދަލާލަތު ކޮށްދޭނެ ވާހަކަތަކެއް އެ ސިޓީފުޅަކު ނެތެވެ.

އެ ސިޓީފުޅުގައި ފެންނާން އޮތީ، ރައީސް ޞާލިޙު އޭރު ވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވިދާޅުވި ވާހަކަތަކެވެ.

މި ސިޓީގެ މައްސަލަ ފެންމަތިވީ، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީގެ މެންބަރުން ރާއްޖޭގެ ކަނޑު ވިއްކާލުމަށް ރައީސް ޞާލިޙު މަސައްކަތް ކުރައްވާ ކަމަށް މަޖިލީހުގައި ވިދާޅުވެ، އެކަން ކުރެއްވީ އޭރު އެމަނިކުފާނު ސީޝެލްސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކުން ކަމަށް ވިދާޅުވުމުންނެވެ.

އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ، ރާއްޖެއިން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗެމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް