ސަރުކާރުގެ ނަން ބޭނުންކޮށްގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުމަކީ ގޯހެއް ކަމަށް، އެ އިންތިޚާބުގައި ވާދަކުރައްވާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަންގެ އިންތިޚާބު މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމައިފަ އެވެ. އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅީ ދެ ފަރާތަކުންނެވެ. އެއީ މުފާގެ އިތުރުން، އެފްއޭއެމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤް (ޓޮމް) އެވެ. އޭގެ ފަހުން ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ޠަލާލް ވަނީ، އެފްއޭއެމްގެ އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އަންގަވާފަ އެވެ. ނަމަވެސް، އެފްއޭއެމުން މަސައްކަތް ކުރަމުން އަންނަނީ އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މުފާ ވިދާޅުވީ، މިހާރު ފެންނަމުން ދަނީ ސަރުކާރުން އެފްއޭއެމްގެ އިންތިޚާބުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުން އަންނަ މަންޒަރު ކަމަށެވެ. ނަމަވެސް، އެއީ އެކަން ކުރެވިގެން ވާނެ ގޮތް ނޫން ކަމަށާއި، ފުޓުބޯޅަ އަދި ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވަދެގެން ވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. މުފާ ފާހަގަކުރެއްވި ގޮތުގައި، އެފްއޭއެމްގެ އިންތިޚާބުގެ މައްސަލައިގައި ސްޕޯޓްސް ކޮމިޝަނަރު ވެސް ވަކި ގޮތަކަށް ކަންކަން ބައްޓަން ކުރަން މަސައްކަތް ކުރާ ކަމަށް ސިފަކުރެއްވޭކަމަށް ވިދާޅުވި އެވެ.
މިހާރު މި ކަންތަކުގައި ފެންނަމުން މި ދަނީ ކޮމިޝަނަރު (ސްޕޯޓްސް ކޮމިޝަނަރު) ވަކި ފަރާތަކަށް ޖެހިގެން އުޅޭ މަންޒަރު. ބައެއް ފަހަރު ކޮމިޝަނަރުގެ ޒިންމާ ވެސް އޮޅޭހެން ހީވާ ކަހަލަ. މި ދެންނެވީ ކުލަބުތަކުގެ ސިޓީގައި ސޮއި ކުރާނީ ކާކުތޯ ނުވަތަ އިންތިޚާބުގައި ކުލަބުތަކުގެ ފަރާތުން ވޯޓުލާނީ ކާކުތޯ ވެސް ކޮމިޝަނަރު ނިންމަން އުޅޭހެން، ނުވަތަ ހީވަނީ އެ މަގުން މަސައްކަތް ކުރަން އޮތް މަގާމެއްހެން އެއީ. އެއްބައި ފަހަރު އިންތިޚާބު ބޭއްވޭ، އަނެއް ބައި ފަހަރު ނުބޭއްވޭ.މުފާވިޒް ހާޝިމް (މުފާ) / ކުލަބު އީގަލްސްގެ ވައިސް ޗެއާމަން
މިހާރު ވެސް އެފްއޭއެމްގެ ހިންގާ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މުފާ ވިދާޅުވީ، ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ވެސް އެފްއޭއެމްގެ އިންތިޚާބުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރެއްވުމަށް އޭނާ ނިންމެވި ހިސާބުން، ބައެއް ފަރާތްތަކުން އެކަމުގެ ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުން ތާއީދު ކުރަނީ ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެފައިވާ ކަމަށް ވެސް މުފާ ވަނީ ވިދާޅުވެފަ އެވެ.
އަޅުގަނޑު ކުރިމަތިލާން ނިންމީމަ، ސަރުކާރުގެ ވަޒީރަކު އަޅުގަނޑު ގެންގޮސްފައި ވިދާޅުވަނީ، ސަރުކާރުގެ ތާއީދު އޮތީ އަނެއް ކެންޑިޑޭޓަށް (ޓޮމް) ކަމަށް، އެދުނީ އަޅުގަނޑުގެ ނަން ނަގަން. އަޅުގަނޑު ދެންނެވިން މިސާލަކަށް މި ސަރުކާރު ގެންނަން މިނިސްޓަރު ނުކުރައްވާ ވަރަށް އަޅުގަނޑު މަސައްކަތް ކުރީމޭ. އެހެންވީމާ މިނިސްޓަރަށްވުރެ، އަޅުގަނޑު ރައީސް މުއިއްޒާ ގާތްވާނެޔޭ. ރައީސް ނުޖެހޭނެ އަޅުގަނޑު ގާތު މިނިސްޓަރު މެދުވެރިކޮށް އެއްވެސް ވާހަކައެއް ބުނާކަށް. އަޅުގަނޑަށް ޤަބޫލު ކުރެވެނީ ރައީސްގެ ނަން ބޭނުންކޮށްގެން ބައެއް ބޭފުޅުން ކުޅުއްވާ ކުޅިވަރެއްހެން މިއީ. ރައީސް ވަކި އަތަކަށް ޖެހޭނެ ކަމަށް ޤަބޫލެއް ނުކުރަން، އަދި ރައީސް ކުޅިވަރު ސިޔާސީ ނުކުރައްވާނެކަން ވެސް ޔަގީން.މުފާވިޒް ހާޝިމް (މުފާ) / ކުލަބު އީގަލްސްގެ ވައިސް ޗެއާމަން
އިތުރަށް މުފާ ވިދާޅުވީ މިވަގުތަށް އެ ވަޒީރެއްގެ ނަން ދަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ. ނަމަވެސް، އެކަން ކުރަން ޖެހިއްޖެ ހާލަތެއްގައި، އެ ވަޒީރެއްގެ ނަން ވެސް ހާމަކުރައްވާނެ ކަމަށް މުފާ ވަނީ ވިދާޅުވެފަ އެވެ. މުފާ ސިފަ ކުރެއްވި ގޮތުގައި އެފްއޭއެމްގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނެވެ.
އިންތިޚާބަށް ކުރިމަތިލެއްވުމަށް ކުލަބު ވެލެންސިއާގެ ސޮއި ފޯޖުކުރެއްވި ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭނާ ވިދާޅުވީ، މައްސަލަ ބަލައި، ތަހުގީގު ކުރުމުން ހަގީގަތް ސާފުވާނެ ކަމަށެވެ. އަދި އެއްވެސް ކަމެއް އޮޅުވާލައިގެން، ނުވަތަ ސިއްރުން ކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމުގައި ވެސް ވަނީ ވިދާޅުވެފަ އެވެ.
އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރެއްވުމަށް މުފާ ފޯމު ހުށަހެޅުއްވީ ފުރަތަމަ ޑިވިޝަންގެ ހަ ކުލަބެއްގެ ތާއީދު ސިޓީ އާއެކު އެވެ. އެއީ މުފާ ވައިސް ޗެއާމަންކަން ކުރައްވަމުން އަންނަ އީގަލްސްގެ އިތުރުން، ބުރު ސްޕޯޓްސް ކުލަބު، ކުލަބު ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް)، ޔުނައިޓެޑު ވިކްޓަރީ (ޔޫވީ) އަދި ކުލަބު ވެލެންސިއާ އެވެ. ނަމަވެސް، ވެލެންސިއާ އިން ވަނީ އެ ކުލަބުގެ ތާއީދު އޮތީ ޓޮމް އަށް ކަމަށް ބަޔާންކޮށް، އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އަދި ވެލެންސިއާގެ ނަމުގައި ޞައްޙަ ނޫން ސިޓީއެއް ބޭނުންކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.