ޖަޕާނަށް، ހޯމަ ދުވަހު އެ ގައުމުގެ ގަޑިން 4 ޖަހާ އެހާކަންހާއިރު ބިންހެލުންތަކެއް އައިސްފައިވާއިރު، މިކަމާ ގުޅިގެން ނިއުކްލިއަރ ޕަވަރ ޕްލާންޓަކުން އާދަޔާ ޚިލާފު ހަރަކާތެއް އަދި ނުފެންނަކަމަށް އެގައުމުގެ ނިއުކްލިއަރ ރެގިއުލޭޝަން އޮތޯރިޓީން ބުނެފިއެވެ.
ބިންހެލުން އައި ހިސާބުގައި 5 "އެކްޓިވް" ނުވަތަ ބޭނުން ކުރަމުން އަންނަ ރިއެކްޓަރު ހުރެއެވެ. އެއީ ކަންސާއީ އިލެކްޓްރިކް ޕަވަރސްއިން ހިންގާ ރިއެކްޓަރުތަކެކެވެ. މިތަނުން ދެ ރިއެކްޓަރު ހުރީ ބިންހެލުން އައުމުގެ ކުރިންވެސް، ގަވާއިދުން ކުރާ އިންސްޕެކްޝަނަށްޓަކައި ބަންދުކޮށްފައެވެ.
ޖަޕާނުގެ މެދުތެރޭގެ ސަރަހައްދުތަކަށް އެތައް ބިންހެލުންތަކެއް އައިސްފައިވާއިރު، 7.6ގެ ބާރުމިނުގައި އިޝިކާވާ ޕްރިފެކްޗަރަށް އައިސްފައިވާ ބިންހެލުމަކީ މިއަދު އައި އެންމެ ބާރުގަދަ ބިންހެލުންކަމަށް، ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެފައިވެއެވެ.
ބިންހެލުމާ ގުޅިގެން އިޝިކާވާ ޕްރިފެކްޗަރަށް ވަނީ އެއް މީޓަރުގެ ސުނާމީ ރާޅެއްވެސް އަރާފައެވެ. ކުރިން އިދާރާތަކުން ބުނެފައިވަނީ 5 މީޓަރުގެ ރާޅު އެރުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. ނަމަވެސް ފަހުން ވަނީ އިންޒާރުގެ މިންވަރު ދަށްކޮށްފައެވެ.
ބިންހެލުމާ ގުޅިގެން އިޝިކާވާ ޕްރިފެކްޗަރުގެ ނޯޓޯ ސަރަހައްދުން އެތައް އިމާރާތެއް ވެއްޓިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން، އިމާރާތްތައް ވެއްޓިފައިވާކަމުގެ 30 ރިޕޯޓް ލިބިފައިވާކަމަށް ފަޔަރ ފައިޓަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. ވެއްޓިފައިވަނީ ދުވަސްވީ އިމާރާތްތަކެވެ. އަދި ބައެއް އިމާރާތްތަކުގެ އަޑީގައި މީހުން ތިބިކަމުގެ ރިޕޯޓްތަކެއްވެސް ވަނީ ލިބިފައެވެ. ބިންހެލުމުގެ ސަބަބުން ބައެއް މަގުތަކާއި ބްރިޖްތައް، އަދި ރޭލްވޭ ސްޓޭޝަނަށްވެސް ބޮޑެތި ގެއްލުން ލިބިފައިވާއިރު، އިޝިކާވާ ޕްރިފެކްޗަރުގެ ވަޖީމާ ސަރަހައްދުގައި ވަނީ އަލިފާންގަނޑެއްވެސް ރޯވެފައެވެ.
ބިންހެލުންތަކާ ގުޅިގެން މިހާރުވަނީ މޯޓަރވޭތައް ބަންދުކޮށްފައެވެ. އަދި އިޝިކާވާއާ ޓޯކިޔޯއާ ދެމެދު ބުލެޓް ރޭލުގެ ޚިދުމަތްވެސް ވަނީ މެދުކަނޑާލާފައެވެ.
ޖަޕާނުގެ އިތުރު ޕްރީފެކްޗަރުތައް ކަމަށްވާ ނީގާޓާ، ނަގާނޯ އަދި ޓޮޔާމާއަށްވެސް ވަނީ ބިންހެލުމުގެ އިންޒާރު ނެރެފައެވެ.
މިއަދު ވަނީ 3.6އާ 7.6އާ ދެމެދުގެ ފަންސާހަކަށް ބިންހެލުން ޖަޕާނުގެ މެދުތެރޭގެ ސަރަހައްދުތަކަށް އައިސްފައިކަމަށް ޖަޕާންގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
2011 ވަނަ އަހަރު 9.0ގެ ބާރުމިނުގައި ޖަޕާނުގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެރި ބިންހެލުމުގައި ބޮޑު ސުނާމީއެއް އަރައި، އަށާރަ ހާހެއްހާ މީހުން މަރުވެފައިވެއެވެ. އަދި ފުކުޝީމާ ނިއުކްލިއަރ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެކަމުގެ އަސަރު މިއަދުވެސް ދަނީ ފެންނަމުންނެވެ.
ބިންހެލުމާބެހޭ ފަހުގެ ޚަބަރުތައް ބުނާގޮތުން، އެ ގައުމުގެ ގަޑިން މިރޭ 11 ޖެހިއިރު ނޯޓޯ ސަރަހައްދަށް އިތުރު ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ. އަދި އެކަކު މަރުވިކަން ވަނީ ޔަގީން ކުރެވިފައެވެ.