އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމަށް ކުޅެމުން އަންނަ ފްރާންސްގެ ގޯލު ކީޕަރު ހޫގޯ ލޮރިސް، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަލަސް އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
ލިއޯން ދޫކޮށް، އުމުރުން 37 އަހަރުގެ ލޮރިސް ޓޮޓެންހަމަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. އެހެންކަމުން، އެއްބަސްވުމުގެ މުއްދަތު ހަމަވުނުން އޭނާ އެ ކުލަބު ދޫކޮށްލާނެ ކަމުގެ އަޑުތައް އޮތީ މީގެ ކުރިން ވެސް ފެތުރިފަ އެވެ. މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބުގެ ޕްރީ ސީޒަން ސްކޮޑުން ވެސް އުނިކޮށްފަ އެވެ. އެއީ އޭނާ ކުލަބު ދޫކޮށްލަން ބޭނުންވާތީ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އަލުން ޓީމުގައި ހިމެނިފަ އެވެ.
އެމެރިކާ ލީގުގެ ލޮސް އެންޖަލަސް އިން ވަނީ ލޮރިސް ހޯދުމުގައި ޓޮޓެންހަމާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އެ މަޝްވަރާތަކަށްފަހު، އެ ކުލަބަށް ބަދަލުވުމަށް ލޮރިސް އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިވަގުތު ލޮރިސް ހުރީ ވެސް ކުޅުމާ ދުރުގަ އެވެ. އެއީ އޭނާ އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އޭނާ ލޮސް އެންޖަލަސް އަށް ބަދަލު ވާނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ލޮރިސްއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނީ، ކުޅުންތެރިޔެއްގެ ކުރިމަގާމެދު، ގޮތެއް ނިންމާނީ އެ ކުޅުންތެރިޔަކު އަމިއްލަ އަށެވެ. ނުވަތަ ކުލަބުން ގޮތެއް ނިންމި ނަމަވެސް، އެކަމަށް އިޙުތިރާމް ކުރާނެ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.
ލޮރިސް ވަނީ މިހާތަނަށް 12 ސީޒަންގެ ތެރޭގައި، 447 މެޗެއްގައި ޓޮޓެންހަމްގެ ގޯލު ބަލަހައްޓައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅެފަ އެވެ. މީގެ އިތުރުން ކަރަބޯ ކަޕްގެ ފައިނަލެއްގައި ދެ ފަހަރު ވަނީ ކުޅެފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި، ޓޮޓެންހަމްގެ އެއްވެސް މެޗެއްގައި ލޮރިސް ކުޅެފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ޓޮޓެންހަމަށް މެޗެއް ކުޅުނީ މިދިޔަ ސީޒަންގަ އެވެ. އެއީ މިއަހަރުގެ އޭޕްރީލް މަހު އެވެ. ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމުން ކުޅުނު މެޗުގައި އޭނާ އަށް އަނިޔާވެ، ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ހުންނަނީ ކުޅުމާ ދުރުގަ އެވެ.