ކުރިއަށް އޮތް އެފްއޭއެމުގެ އިންތިޚާބުގައި ކްލަބް ވެލެންސިއާއިން ތާއީދުކުރަނީ އެ ކުލަބުގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް)އަށް ކަމަށް ވެލެންސިއާއިން ބުނެފިއެވެ.
ވެލެންސިއާގެ ހިންގާ ކޮމިޓީގެ އަށް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަދި ގައުމީ ޓީމުގެ ކުރީގެ ފޯވަޑަށް ތާއީދުކުރަން ނިންމާފައެވެ.
ނަމަވެސް އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންވެސް ވަނީ ވެލެންސިއާގެ ތާއީދު އޮތްކަމަށް ބުނެ ސިޓީ ހުށަހަޅާފައެވެ. ނަމަވެސް ވެލެންސިއާގެ ބޯޑު މެމްބަރުން ސޮއިކޮށްފައިވާ ސިޓީއެއް އޮތީ ނިއުރޭޑިއަންޓުން ވީދާލުމަށްފަހު ފަހުން ވެލެންސިއާއާއި ވީބީއަށްވެސް ކުޅުނު ޓޮމް އަތުގައި އެކަންޏެވެ. މި ގޮތުން ވެލެންސިއާގެ ހިންގާ ކޮމިޓީގެ ސީނިއަރ ހުރިހާ ބޭފުޅުންގެ ތާއީދު އޮތީވެސް ޓޮމްއަށެވެ. އޭގެ ތެރޭގައި ހިންގުންތެރިންނާއި ކޯޗިން ސްޓާފުންވެސް ހިމެނެއެވެ. މިކަން ޔަގީންކޮށްދިނުމަށް ޓޮމްގެ ކެންޑިޑެސީ ފޯމް ހުށަހެޅުމަށް، އޭނާގެ ޓީމާއެކު ވެލެންސިއާގެ ރައީސް އަބްދުﷲ އަޒްމީން ވަޑައިގަތެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ވެލެންސިއާއިން ބުނީ، އެކުލަބުގެ އެންމެ ފުރަތަމަ ސިޓީ ދިނީވެސް ޓޮމްއަށް ކަމަށެވެ. އަދި ބޯޑު މެމްބަރުން ސޮއިކޮށް ޓޮމްއަށް ތާއީދު އޮތްކަމަށް ބޯޑުގެ ނިންމުމެއް ފާސްކުރަން ޖެހުނީ، ވެލެންސިއާގެ މެމްބަރަކު ލައްވައި ގަދަކަމުން ސޮއިކުރުވި މައްސަލާގައެވެ. އަދި ޓޮމްއާ ވާދަކުރައްވާ މުވާފިޒް ހާޝިމަށް ތާއީދުކޮށްދޭކަމަށް އެކުލަބުން ސޮއިކުރި މެމްބަރުވެސް، އެ ނިންމުން ބަދަލުކޮށް ޓޮމްއަށް ތާއީދުކުރުމަށް ފާސްކުރީ ބޯޑުގެ ނިންމުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މިނޫހަށް ވަނީ މި ލިޔުމުގެ ކޮޕީއެއްވެސް ލިބިފައެވެ.
އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންގެ އެކްސްކޯއަށް ބަލާއިރުވެސް، ވެލެންސިއާގެ ބައިވެރިވުމެއް ފެންނަނީ ޓޮމްގެ އެކްސްކޯއިންނެވެ. ޓޮމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްހަމީދު އަބްދުލްޣަފޫރު (އައްޑޯ)އަކީ ވެސް ވެލެންސިއާގެ އުފެއްދުމުގެ އެއް ބައިވެރިޔާއެވެ. އޭނާ ވަނީ ވެލެންސިއާއަށް ކުޅުއްވައި، ކޯޗުކަންވެސް ކޮށްދެއްވައި، ހިންގާ ކޮމިޓީގެ އެކިމަގާމުތައްވެސް ފުރުއްވާފައެވެ.