ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 10:55
ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލް
ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް ސާމީ އަޤީލް
ރާއްޖެއެމްވީ
ސާމީ އަގީލް
ބަސްތަކުގެ މައްސަލާގައި ސާމީ އަގީލަށް ކުރާ ދައުވާގައި ދެން އޮތީ ޝަރީއަތް ފަށައި ހެކިބަސް ނެގުން
 
އޭނާގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ
 
މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ދައުލަތުގެ ޝަރީއަތުުގެ ކުރީގެ ހުށަހެޅުން ބަލައިގަންނަން

އެއްބަސްވުމާ ހިލާފަށް، ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމި މައްސަލައިގައި ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

އެއީ ސާމީ އަޤީލްގެ ފަރާތުން ހުށަހެޅި ދިފާއީ ހެއްކެއް ކަމަށްވާ އަލީ ނާޖިހު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ.

ދިފާއުން އޭނާ ހެެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ މައްސަލައިގައި ހިމެނޭ ބަސްތަކުގެ އިންސްޕެކްޝަން ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ހެކިބަސް ދިނުމަށެވެ. ނަމަވެސް އިންސްޕެކްޝަނާ ބެހޭ އެއްވެސް މަސައްކަތެއް އޭނާ ކޮށްފައިނުވާނެކަމަށް އޭނާ ވަނީ މި މައްސަލައިގެ ތަހުގީގުގައި އޭސީސީން ސުވާލު ކުރުމުން އޭސީސީއަށް ކިޔާދީފައެވެ.

އެހެންކަމުން އެއީ ޝަރީއަތަށް ބަލައިގަނެވޭނެ ހެއްކެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް ދައުލަތުން ވަނީ އެދިލައްވާފައެވެ. ސަބަބަކީ އޭނާ ހުށަހެޅި ސަބަބާއި، އޭނާ ތަހުގީގަށް ދީފައިވާ ބަޔާނާ ދިމާނުވާތީއެވެ.

އެ ހުށަހެޅުމާ ގުޅޭގޮތުން ދިފާއީ ވަކީލު ވަނީ ރައްދު ދެއްވާފައެވެ. ވަކީލު ވިދާޅުވީ، ތަހުގީގު މަރުޙަލާގައި ކަމެއް ސާބިތުވާން ޖެހޭނަމަ އިތުރަށް ޝަރީއަތް ކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށެވެ.

އަދި ދިފާއުން ހުށަހަޅާފައިވަނީ ދައުލަތުން އެ ހެކިވެރިޔާ ހުށަހެޅި ސަބަބާ ފުށުއަރާ ސަބަބެއް ނޫންކަންވެސް ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.  

ދިފާއުން އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އޭނާއާ ވާހަކަވެސް ދެއްކުމަށްފަހުކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ ސްޓޭންޑް ބަދަލުވެގެން އެ ހެކިވެރިޔާގެ ހެކިބަސް ނުނަގަން ނިންމާ ޙާލަތުގައި ދިފާއަށްވެސް އެ ފަރާތާއި ސުވާލު ކުރުމުގެ ފުރުސަތު ގެއްލޭނެކަމަށް ވަކީލު ވިދާޅުވިއެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ އެ ހެކިވެރިޔާ ޝަރީއަތަށް ބަލައިނުގަތުމަށެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނެގުމެވެ.

ދައުލަތުން  އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ އެއްބަސްވުމާއި ޚިލާފަށް ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމައި، އެ ބަސްތައް ބަލައިގަތުމަށް އެންގެވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.  

އޭސީސީން ބުނީ ރީޖަނަލް އެއަރޕޯޓްސްއަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު، ވެފައިވާ އެއްބަސްވުމުގައި ބަސްތަކުގައި ހުންނަންވާނެ ކަމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަވެފައިނުވާއިރު، އެއްބަސްވުމަށް ރިއާޔަތްކުރުމެއްނެތި، އެ ބަސްތައް ބަލައިގަންނަން ސާމީ އަގީލް އަންގާފައިވާކަން އޭސީސީގެ ތަހުގީގުން އެނގޭކަމަށެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް