ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 05:54
ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވޯޑް ދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ
ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވޯޑް ދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ
ރައީސް އޮފީސް
އެސްއީޒެޑްގެ ދަށުން ފުރަތަމަ ލިބުނު ޕްރޮޕޯޒަލް
އެސްއީޒެޑްގެ ދަށުން ފުރަތަމަ ލިބުނު ޕްރޮޕޯޒަލް ރައީސް އިޢުލާންކުރައްވައިފި، މާލީ ތަފްސީލެއް ނެތް
ދެމެހެއްޓެނިވި އެނަރޖީ، ދެމެހެއްޓެނިވި ތަރައްޤީ ރާއްޖެއަށް ހާސިލުކުރުމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އިން މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި
ސަރުކާރުން ވަނީ މިހިނގާ ޑިސެމްބަރުމަހުގެ ތެރޭގައި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަމިންވަރު ދަށްކޮށްފަ
އެސްއީޒެޑްގެ ދަށުން ލިބުނު ފުރަތަމަ ޕްރޮޕޯޒަލްއަކީ ރިނިއުބަލް އެނަރޖީގެ ދާއިރާއިން ސަތޭކަ ދިހަ މެގަވޮޓް ހާސިލުވެގެންދާ އެސް.އީ.ޒެޑް. ޕްރޮޕޯޒަލެއް

ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ލިބިފައިވާ ފުރަތަމަ ޕްރޮޕޯޒަލް އިއުލާންކުރައްވައިފިއެވެ.

ސަރުކާރުން ވަނީ މިހިނގާ ޑިސެމްބަރުމަހުގެ ތެރޭގައި އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަމިންވަރު ދަށްކޮށްފައެވެ. މިހާރު އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރެވެ. މީގެ ކުރިން އެންމެ ކުޑަ މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 150 މިލިއަން ޑޮލަރެވެ. މި ބަދަލަށް ފަހު އެސް.އީ.ޒެޑް. ޤާނޫނުގެ ދަށުން، އެސް.އީ.ޒެޑް. އިންވެސްޓްމަންޓް ތަކަށް މިހާރު ވަނީ ފުރުޞަތު ހުޅުވައިލާފައެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ "ބިލްޑަރ އެވޯޑްސް 2023" ހަފްލާގައި ރައީސް ވިދާޅުވީ އެސްއީޒެޑްގެ ދަށުން ލިބުނު ފުރަތަމަ ޕްރޮޕޯޒަލްއަކީ ރިނިއުބަލް އެނަރޖީގެ ދާއިރާއިން ސަތޭކަ ދިހަ މެގަވޮޓް ހާސިލުވެގެންދާ އެސް.އީ.ޒެޑް ޕްރޮޕޯޒަލެއް ކަމަށެވެ. މިއީ، ކޮޕް-28 އަށްފަހު އެއްވެސް ޤައުމަކުން ފުރަތަމަ އެ މަގުސަދު ހާސިލުކުރުމަށްޓަކައި ކުރާ ފުރަތަމަ މަސައްކަތް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ރިނިއުބަލް އެނަރޖީގެ ދާއިރާގައި ދެމެހެއްޓެނިވި އެނަރޖީ، ދެމެހެއްޓެނިވި ތަރައްޤީ ރާއްޖެއަށް ހާސިލުކުރުމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އިން މުހިންމު ދައުރެއް އަދާކުރަން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް އެ ޕްރޮޕޯޒަލް އާއި ގުޅުން ހުރި މާލީ އަދި ޕްރޮޕޯޒަލްގެ އިތުރު ތަފްސީލެއް ރައީސް ހާމައެއް ނުކުރައްވައެވެ. މި ސަރުކާރުން މިހާތަނަށް އައި އިރު އިންވެސްޓްމެންޓްތަކާއި ގުޅުން ހުރި ތަފްސީލްތައް ވަރަށް ބޮޑަށް ފޮރުވަން މަސައްކަތްކުރާ ކަމަށް އާއްމުން ތުހުމަތުކުރެއެވެ. އެގޮތުން ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށް ސަރުކާރުން ބުނާ ފުށިދިއްގަރުފަޅު ހިއްކުމުގެ މާލީ ތަފްސީލްތައް ހާމަނުކޮށްގެން އާއްމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުން ނެވެ. އެސްއީޒެޑްގެ ޕްރޮޕޯޒަލްގެ މައުލޫމާތު އިޢުލާންކުރެއްވި އިރު އެ އިންވެސްޓްމެންޓާއި ގުޅުން ހުރި މާލީ މައުލޫމާތުވެސް ރައީސް ހިއްސާކުރައްވާފައެއް ނުވެއެވެ.

- ކޮމެންޓް