ފުށިދިއްގަރުފަޅު ހިއްކުމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހުރުމުން، އެކަންކަމާއި މެދު ސަރުކާރު ޖަވާބުދާރީކުރަން މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާކޮށްފިއެވެ.
ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުއަކީ އެންމެ ފުރަތަމަ މި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިމެނި ކަމެކެވެ. އެގޮތުން އެ ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނިއެވެ. ނަމަވެސް އެކަމާއި ގުޅޭ މާލީ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވާތީ އެ މަސައްކަތް ބަޖެޓުން ވަނީ އުނިކޮށްފައެވެ. އެހެންނަމަވެސް ބަޖެޓުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް އުނިކޮށްފައި ވަނިކޮށް، މި ހިނގާ 18 ޑިސެންބަރު 2023ގައި މިމަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތް ހަވާލު ކުރީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި އެވެ. އާބަންކޯގެ މަސައްކަތެއްގެ ގޮތުގައި ކަމަށް ބުނެ މި މަސައްކަތް ކުރިއަށް ގެންދާއިރު މި މަޝްރޫޢު އާއި މެދު އެނގެން ހުރި ތަފްސީލްތައް ވަރަށް މަދުކަން ފާހަގަކޮށްލެވެއެވެ.
އެ މަޝްރޫޢު އާއި މެދު މަޖިލީހުގައި ސަރުކާރު ޖަވާބުދާރީކުރުވަން މަޝްވަރާކޮށްފައި ވަނީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައެވެ. މި މައްސަލަ އާއި ގުޅޭގޮތުން މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށާއި، މި މަހުގެ 31ގެ ކުރިން އިތުރު ޖަލްސާތައް ބޭއްވުމާއި މެދު ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމާއި މެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ.
މިއީ މިހާތަނށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢުކަމަށް ސަރުކާރުން ބުނެފައިވާއިރު އެ މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާއި ނުލައެވެ. ފުށިދިއްގަރު ފަޅު ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު، އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސީއެމްސީއަށް ދޭގޮތަށް ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ވިދާޅުވެފައެވެ. މި މަސައްކަތް ސީއެމްސީ އާއި ހަވާލުކުރި ނަމަވެސް މަސައްކަތް ފެށީ އެމްޓީސީސީ އިން ގެނެސްފައިވާ ޑްރެޖަރެއްގެ އެހީގައެވެ. މި މަސައްކަތުގެ ސްކޯޕާއި މަސައްކަތުގެ ތަފްސީލްތައް ހިއްސާކޮށްފައި ނުވާއިރު ސީއެމްސީ އަށް ދޫކުރާ ބިމުގެ އަގު ފަދަ މުހިންމު ތަފްސީލްތައް ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެންކަމުން މި މަޝްރޫޢުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަމަށް އާއްމުން ދަނީ ތުހުމަތުކުރަމުންނެވެ. އަދި ދިވެހި ބިމުން ކައިވަތެއްވެސް އެހެން ބަޔަކަށް ނުދޭނެ ކަމަށް ބުނެ ސަރުކާރަށް އައި ބަޔަކު މިހާއަވަހަށް އެ ވައުދާއި ޚިލާފުވެ އެކަން ރައްޔިތުންނަށް ސިއްރުކުރަން މަސައްކަތްކުރާތީ އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.