ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 12:56
ޑަބްލިއުއޭއޯއިން އަމާޒު ހިފާފައިވަނީ، ލޫޕިންއިން އަނގަޔަށް މީރު، ބަނޑަށް ރަނގަޅު ގޮތަކަށް ޕްރޮޓީންގެ މާއްދާތައް ނަގައި، ޖަނަވާރުތަކުގެ ބަދަލުގައި ޕްރޮޓީންގެ މަސްދަރަކަށް ގަސްގަހާގެހި ހެދުމަށް
ލޫޕިން ބީން
ލޭބަލް ކިޔައިގެން، ހައްޓާއި ވެއްޓާ ރައްޓެހި ބާވަތްތައް ޚިޔާރުކުރާ މީހުންނަށް ލޫޕިން!
 
ލޫޕިން ނުވަތަ ލުޕިނީ ބީންއަކީ ލޫޕިނަސް އާއިލާގެ ގަހެއްގައި އަޅާ، ރީނދޫކުލައިގެ ތޮޅި އޮށެއް
 
ސޯއީ ބީންއާ އަޅާބަލާއިރު، ލޫޕިން ބީންއިން ލިއްބައިދޭ ޕްރޮޓީންގެ މިންވަރު އިތުރު

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މީގެ ކުރިން، އެންމެ ރަނގަޅޭހިތައި ކަން ކުރަމުން އައި ގޮތަށްވުރެ މާ ފުރިހަމަ އެހެން ގޮތެއް ފެނި، އެ ދިމާއަކަށް ދިރިއުޅުމުގެ މިސްރާބު ބަދަލުކުރެއެވެ. އަދުގެ 21 ވަނަ ގަރުނުގައި ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކާއި، ތަހުޒީބު ވަމުންދާ ދިއުމުގެ ރޭހުގައި އެންމެ ބޮޑު ބަދަލެއް މި ދެންނެވި މޭރުމުން އައިސްފައިވަނީ ކެއިންބުއިމުގެ އާދަކާދައަށޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް، އަދިވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތަކަށް ލޯބިކުރާ މީހުންނާއި ކަންފަސޭހަ، އަނގަޔަށް މީރު ކެއުންތައް ޚިޔާރުކުރާ މީހުން އުޅެއެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބަހާއަކީ، ހައްޓަށް ލުއި، ވެއްޓާ ރައްޓެހި ކެއުންތަކުގެ ބަހާއެވެ.

ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތަކުން ކާ ސުފުރާތައް މުއްސަނދި ކުރަމުން ދާއިރު، އެއީ ވެއްޓާ އެންމެ ރައްޓެހި ތަކެތިތޯ ގިނަ ފަހަރު އޮންނަނީ ވިސްނާނުލެވިއެވެ. ނަމަވެސް، ސީދާ އެ ރޮނގުން ދިރާސާކޮށް، އެފަދަ އުފެއްދުންތައް ނޫނީ ބޭނުންނުކުރާ މީހުންވެސް މިހާރު އެބައުޅެއެވެ. ހައްޓާއި ވެއްޓަށް ފައިދާހުރި ކާނާގެ ބާވަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާ ކުރަމުންދާ އެއް ބަޔަކީ އޮސްޓްރޭލިއާގެ ވައިޑް އޯޕަން އެގްރިކަލްޗަރ (ޑަބްލިއުއޯއޭ)އެވެ. ކުންފުނީގައި މަސައްކަތްކުރަނީ ކާބޯތަކެތީގެ ދާއިރާއަށް ޚާއްޞަވެފައިވާ ސައިންސްވެރިންނެވެ. އެ ސައިންސްވެރިންގެ އެންމެ ފަހުގެ ހޯދުންތައް ގޮސް ގުޅެނީ، ތޮޅި އޮށުގެ އާއިލާއަށް ނިސްބަތްވާ ލޫޕިންސް، ނުވަތަ އަރަބި ގައުމުތަކުގައި ކިޔައިއުޅޭ ތުރުމޫސްއާއެވެ.

ޕްރޮޓީނަކީ އިންސާނާގެ ހަށިގަނޑަށް އިންތިހާއަށް މުހިންމު މާއްދާއެކެވެ. ޒަމާނުއްސުރެ ޕްރޮޓީންގެ މައިގަނޑު މަސްދަރަކީ ޖަނަވާރުތަކެވެ. ޖަނަވާރުތަކުގެ މަހާއި، ބިހާއި، ކިރުގެ ބާވަތްތަކުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ މާއްދާ ލިއްބައިދެއެވެ. ޒަމާނީ ބަދަލުތަކާއެކު، ޖަނަވާރުތަކުގެ މަސްދަރު ދޫކޮށް، ގަސްގަހާގެހިން ޕްރޮޓީން ހޯދުމަށް ބަޔަކު އަމާޒު ފެށިއެވެ. އެ ރޭހުގައި އެންމެ ކާމިޔާބު އެއްޗަކަށް ވީ ސޯއީއެވެ. ނަމަވެސް ޑަބްލިއުއޯއޭގެ ސައިންސްވެރިންގެ ހޯދުންތަކުން، ސޯއީވެސް ފަހަތަށް ޖައްސައިފިއެވެ. ގަސްގަހާގެހިން ލިއްބައިދޭ ޕްރޮޓީނަށް ބަލާއިރު، ޕްރޮޓީންގެ މަސްދަރެއްގެ ގޮތުގައި ސޯއީއަށްވުރެ، ލޫޕިންއަކީ ދެމެހެއްޓެނިވި ހައްލެއް ކަމަށް ސައިންސުގެ ހޯދުންތަކުން ވަނީ ދައްކާފައެވެ.

ލޫޕިން ނުވަތަ ލުޕިނީ ބީންއަކީ ލޫޕިނަސް އާއިލާގެ ގަހެއްގައި އަޅާ، ރީނދޫކުލައިގެ ތޮޅި އޮށެކެވެ. މިއީ އެއްޒަމާނެއްގައި، މެޑިޓެރޭނިއަން ބެސިން ސަރަޙައްދާއި ލެޓިން އެމެރިކާގެ ސަރަޙައްދުތަކުގައި ކެއުމުގައި ވަރަށް އާންމުކޮށް ބޭނުންކުރި ބާވަތެކެވެ.

ޑަބްލިއުއޭއޯއަކީ ދެމެހެއްޓެނިވި އަދި ރިޖެނެރޭޓިވް ދަނޑުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން ދިރާސާތައް ކުރިއަށްގެންދާ ކުންފުންޏެވެ. ރިޖެނެޓިވް ދަނޑުވެރިކަމަކީ، އަހަރުގެ އެކި ހިސާބުތަކުގައި އެކި ބާވަތްތަކުގެ ގަސްގަހާގެހި އެއް ދަނޑެއްގައި ހައްދައިގެން، ނުރައްކާތެރި ކެމިކަލްތަކާއި ގަސްކާނާގެ ބާވަތްތައް ބޭނުންކުރަން ނުޖެހޭގޮތަށް، ވެއްޓާއި ހައްޓަށްވެސް ފައިދާކުރަނިވި ދަނޑުވެރިކަމެކެވެ. ޑަބްލިއުއޭއޯގެ ސައެންސްވެރިން އަމާޒު ހިފާފައިވަނީ، ލޫޕިންއިން އަނގަޔަށް މީރު، ބަނޑަށް ރަނގަޅު ގޮތަކަށް ޕްރޮޓީންގެ މާއްދާތައް ނަގައި، ޖަނަވާރުތަކުގެ ބަދަލުގައި ޕްރޮޓީންގެ މަސްދަރެއްގެ ގޮތުގައި ގަސްގަހާގެހި ހެދުމަށެވެ.

ލޫޕިންއަކީ މިހާތަނަށްވެސް މާ ބޮޑު ސަމާލުކަމެއް ދެވިފަ އޮތް ބާވަތެއް ނޫން، ގަސްގަހާގެހިން ޕްރޮޓީން ނެގުމުގެ ދާއިރާގަ. މީ ސޯއީއަށް ގޮންޖަހާލެވޭ ވަރުގެ ބާވަތެއް.
ބެން ކޯލް؛ ވައިޑް އޯޕަން އެގްރިކަލްޗަރުގެ ބާނީ

ޑަބްލިއުއޭއޯގެ ބާނީ، ބެން ކޯލް ބުނިގޮތުގައި އެ ކުންފުނީގެ އައު ހޯދުންތަކާއެކު، ސޯއީގެ ބަދަލުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ބާވަތަކަށް ލޫޕިން ވަނީ ވެނިމިފައެވެ.

ލޫޕިންގަ ޕްރޮޓީން މާއްދާ މި އެކުލެވެނީ ވަރަށް ގާތްގާތުގަ ގެތިގެން އަންނަ ކަހަލަ ގޮތަކަށް. އެހެންވެ، އަނގަޔަށް ރާޅު ވެލިތަކެއް ގޮތަށް ބޮނޑިވެގެންދާ ކަހަލަ އިހުސާސެއް ކުރެވެމުން އައީ. އަހަރެމެންގެ ޓެކްނޮލޮޖީން އެކަން ކުޑަކޮށްލަދެނީ މި. އަނގަޔަށް މީރު، ކާލަން ކެރޭ ކަހަލަ ގޮތަކަށް ލޫޕިން ޕްރޮޓީން ބަދަލުކޮށްލަދެނީ މި. ހަގީގަތުގަ ހޯދުނު ކުރިއެރުމަކީ މީ.
ބެން ކޯލް؛ ވައިޑް އޯޕަން އެގްރިކަލްޗަރުގެ ބާނީ

ސޯއީ ބީންސްއާ އަޅާބަލާއިރު، ލޫޕިން ބީންއިން ލިއްބައިދޭ ޕްރޮޓީންގެ މިންވަރުވެސް އިތުރެވެ. އެހެން ކަމުން ގަސްގަހާގެހީގެ މަސްދަރުތަކުން ކެއިންބުއިމުގެ ކަންކަން ހަމަޖައްސަން ބޭނުންވާ މީހުންނަށް، ލޫޕިންއަކީ އެންމެ ފުރިހަމަ އެއް ހައްލު ކަމުގައިވެސް ދެންނެވިދާނެއެވެ.

މި ހުރިހާ ކަމަކަށް ވުރެވެސް ލޫޕިންގެ ސަބަބުން ވެއްޓަށް ކުރާ ފައިދާ ބޮޑެވެ. ސޯއީ އިންދައި ހެއްދުމުގެ ވައްޓަފާޅިއާ އަޅާބަލާއިރު، ލޫޕިން ދަނޑުވެރިކަމަކީ ވެއްޓާ މާ ރައްޓެހި ދަނޑުވެރިކަމެކެވެ.

ސޯއީ ބީން އިންދައި ހެއްދުމަށް ކުރާ މަސައްކަތަކީ ވެއްޓާ މާ ރައްޓެހި ގޮތެއް ކަމަކަށް ބުނެވޭކަށް ނެތެވެ. ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ވަރލްޑް ވައިޑް ފަންޑް ފަދަ ޖަމިއްޔާތަކުން ދައްކާފައިހުރި ބައެއް ވާހަކަތަކަށް ބަލާއިރު، ޖަންގަލިތަކުން ގަސްތައް ކަނޑައި ހުސްކުރުމާއި، ދަނޑުބިންތަކުގައި އެއް ބާވަތެއްގެ ގަސް ހެއްދުން ނުވަތަ މޮނޯކަލްޗަރގެ ސަގާފަތާ ސޯއީ ބީންސްގެ ދަނޑުވެރިކަން އޮތީ ގުޅިފައެވެ.

ލޫޕިންގެ ވާހަކަ މުޅިން ތަފާތެވެ. ލޫޕިންއަކީ ތަފާތު އެކި ކަހަލަ މޫސުން އޮންނަ މަންޒިލްތަކުގައި ހެއްދޭ ބާވަތެއްގެ ތޮޅިއެކެވެ. އަދި ދަނޑުވެރިކަމުގެ ގޮތުން، މާ ބުރަ މަސައްކަތްތަކެއްވެސް ކުރާކަށް ނުޖެހެއެވެ. ލޫޕިން ބީން ދަނޑުތަކަށް މާ ގިނައެއްކޮށް ފެންވެސް ބޭނުމެއް ނުވެއެވެ. މިއާއެކު ދަނޑުވެރިކަމުގެ މަސައްކަތްކުރާ ސަރަޙައްދުތަކަށް އޮންނަ ޕްރެޝަރު ކުޑަވެ، އެތަނެއްގެ ޤުދުރަތީ ދިރުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އެހީވެދެއެވެ.

ސޯއީއަކީ އަރާ ހުރި އެއްޗެއް. ގަސްގަހާގެހީގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފަ ހުންނަ ބާވަތްތަކުގެ ޕެކޭޖްތަކުން އެންމެ އާންމުކޮށް ފެންނާނީ ސޯއީގެ ވާހަކަ. އެކަމަކު، މުދާ ގަންނަ ފަރާތްތަކުން މިހާރު ވަނީ ސުވާލު ކުރަން ފަށާފަ. ސޯއީ ހައްދާ ގޮތާމެދު ސުވާލު އުފައްދަން ފަށައިފި. ސޯއީ ދަނޑުވެރިކަމަކީ ގިނަ އަދަކަށް ކެމިކަލާ ފެން ބޭނުންކުރާ ދަނޑުވެރިކަމެއް. ހަމަ އެއާއެކީ، ޖީންއަށް ބަދަލު ގެނެސްފަ ވާ މާއްދާތަކުގެ ބަހުސްވެސް ކުރޭ. މުދާ ގަންނަ ވަރަށް ގިނަ ބަޔަކު މިހާރު ބުނަމުން ދަނީ އެމީހުން ކައިބޮއެ ހަދާ ތަކެތީގަ ޖީއެމްއޯޒް ހުންނާކަށް ބޭނުމެއް ނޫނޭ. އެހެންވެ، ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ދަނީ އެހެން ގޮތްތައް ހޯދަމުން. އަހަރެމެން ގަބޫލުކުރާ ގޮތުގަ، ލޫޕިންއަކީ، އުފެއްދުމުގެ ލޭބަލަށް ބަލައިގެން އެއްޗެހި ގަނެ މިއުޅޭ މީހުންނަށް ޤުދުރަތީގޮތުން އޮތް އިޚްތިޔާރީ ޙައްލެއް.
ބެން ކޯލް؛ ވައިޑް އޯޕަން އެގްރިކަލްޗަރުގެ ބާނީ

ލޫޕިންއަކީ ވެލިގަނޑުގައި ނައިޓްރޮޖަން އެކުލެވޭ މިންވަރު، އޭގެ އަމިއްލަ ޒާތުގައި ހެޔޮވަރުކޮށްދޭ ބާވަތެކެވެ. އެހެންކަމުން، ގަސް ހެދިގަތުމަށް ވެލިގަނޑުގައި ހުންނަންޖެހޭ ކާނާގެ ބާވަތްތައް، ޤުދުރަތީގޮތުން ހަމައަކަށް އެޅިގެންދެއެވެ. ނައިޓްރޮޖަންގެ މުއްސަނދިކަން ލިބި، މަސްނޫއީ ގަސްގާނާއަށް ބަރޯސާވުން ދޫކޮށްލެވެއެވެ. މިކަމުގެ ފައިދާކުރަނީ ހަމައެކަނި ތިމާވެއްޓަކަށް ނޫނެވެ. ވެލިގަނޑުގެ ޞިއްޙަތު ރަނގަޅު ކޮށްދެއެވެ. އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އާދަތައް އަށަގަންނުވައިދެއެވެ.

ލޫޕިން ތޮޅިން ނަގައި ވަކިކުރާ ޕްރޮޓީނަކީ މިހާރު ވަރލްޑް އޯޕަން އެގްރިކަލްޗަރުން ޕޭޓަންޓް ރައިޓް ހޯދާފައިވާ ބާވަތެކެވެ. ގަސްގަހާގެހީގެ މަސްދަރުތަކުން ކެއިންބުއިމުގެ މުހިންމު މާއްދާތައް ހޯދުމަށް އެދޭ މީހުންނަށް ޚާއްޞަކޮށްގެން އުފައްދާ ކާބޯތަކެތީގައި ބޭނުންކުރުމަށް ލޫޕިންއިން ނަގާ ޕްރޮޓީންގެ މާއްދާއަށް ޕޭޓަންޓްކޮށް، ޑަބްލިއުއޭއޯއިން ދީފައިވާ ނަމަކީ "ބަންޓީން ޕްރޮޓީން"އެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ލޫޕިން ދަނޑުތަކުގެ 4 ބައިކުޅަ 3 ބައި ދަނޑުތައް ހުރީ ވެސްޓަރން އޮސްޓްރޭލިއާ ސަރަޙައްދުގައެވެ. ގަސްގަހާގެހިން ދެމެހެއްޓެނިވި ގޮތެއްގައި ނަގައިދޭ ޕްރޮޓީންގެ މާއްދާތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާ އަދުގެ ދުނިޔޭގައި، ލޫޕިން ދަނޑުވެރިކަމަށް އޮސްޓްރޭލިއާގެ ސަރުކާރުންވެސް ވަނީ ޚާއްޞަ ސަމާލުކަމެއް ދޭންފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް