ކުރީގެ ދިފާއީ ވަޒީރު އަދި މިހާރު ކައުންސިލުތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރަށް ރުހުން ދޭން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމައީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ އާދަމް ޝަރީފު ހުންނަވާ ކައުންސިލު ވުޒާރާގެ ދަށުން ހިންގަމުން އަންނަ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް ދަ މޯލްޑިވްސް (ކޭމް) އިން ރާއްޖޭގައި ހިންގާ ޚަބަރު ފަތުރާ ތިން ވެބްސައިޓެއް ބްލޮކް ކުރުމާ ގުޅިގެންނެވެ.
އެގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ސަރުކާރުގެ ވާހަކަތައް ގެނެސްދޭން ރަޖިސްޓްރީކޮށްގެން ހިންގާ "ފުރަތަމަ.ކޮމް" އަދި ރަޖިސްޓްރީނުކޮށް ހިންގާ ދެ ނޫސް ވެބްސައިޓުކަމުގައިވާ "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" ކޭމް އިން ވަނީ ބްލޮކްކޮށްފައެވެ.
މިކަމާ ގުޅިގެން އާންމުންނާއި ކުރީގެ ސަރުކާރުތަކުގެ އިސްވެރިންގެ އިތުރުން، ރާއްޖޭގެ އެހެނިހެން ޕާޓީތަކުގެ މެންބަރުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެހުރިހާ ކަމަކާ އެކު، ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން މަޖިލީހަށް ސިފައިން ވެއްދި އާދަމް ޝަރީފުގެ ވާހަކަ ދައްކަވަމުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާދަމް ޝަރީފަކީ ޑީފެންސްުގައި ހުންނެވިއިރު، މަޖިލީހުގެ ތާރީޚުގައި އަލަށް ސިފައިން ވައްދާ މެންބަރުންނަށް އަނިޔާކުރެއްވި ބޭފުޅެއް ކަމަށެވެ.
އަދި ފައްޔާޒު ވިދާޅުވީ މިހާރު އެބޭފުޅާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށާއި، ލާމަރުކަޒީ ނިޒާމު ވެސް ފުށިދިއްގަރަށް އެކަނި ބަދަލުކުރައްވާފައިވާ ކަމަށެވެ.
"ރުހުން ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެނޭ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު އެފަދައިން ވިދާޅުވި އިރު، ސަރުކާރުގެ ވާހަކަތައް ގެނެސްދޭ ނޫސްތައް ބްލޮކް ކުރަމުން "ކޭމް" އިން ގެންދަނީ ސީދާ އާދަމް ޝަރީފުގެ ވެސް ބައިވެރިވުމާއެކު ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމާ މެދު ކޮމެޓީން ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު ވަނީ ތާވަލްކޮށްފަ އެވެ. އެ މަސައްކަތްތައް ކުރިއަށް ދާއިރު ވެސް، ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީން މިހާރު ވެސް ނިންމާފައިވާކަމުގެ ވާހަކަތަކެއް ވެސް ދަނީ ދައުރުވަމުންނެވެ.