ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 09:55
މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު
މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
ފުޓްބޯޅައިގެ ހާލަތު
ރާއްޖޭގެ ފުޓްބޯޅަ މިއޮތީ ވެންޓިލޭޓަރުގައި - މާޒިޔާ
މާޒިޔާއަކީ މިދިޔަ ހަތަރު އަހަރުގެ ލީގު ޗެމްޕިއަން

ރާއްޖޭގެ ފުޓްބޯޅަ މިއޮތީ ވެންޓިލޭޓަރުގައި ކަމަށް ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާއިން ބުނެފިއެވެ.

މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު ރާއްޖެ ޓީވީގެ 'ކުޅިވަރު ފައިލް' ޕްރޮގްރާމްގައި ވާހަކަދައްކަމުން ބުނީ ފުޓްބޯޅަ މިއޮތް ހާލަތާ މެދު ހިތާމަކުރާ ކަމަށާއި, މިހާލަތުން ފުޓްބޯޅަ ސަލާމަތްކުރަން ފަށަންޖެހޭ ހިސާބެއްވެސް ނޫންގޭ ކަމަށެވެ.

ހިނގަމުންދާ އެފްއޭއެމްގެ ދައުރު ފެށުނުއިރު އެއިދާރާގެ ސީނިއަރ ނައިބުރައީސްގެ ގޮތުގައި ހުންނެވީ މާޒިޔާގެ ހުސެއިން ޝާފިއު (ކޮއްކީ) އެވެ. އެކަމަކު އެކްސްކޯ އިން އެންމެ ފުރަތަމަ ނުކުތް މީހަކީ ވެސް އޭނާއެވެ. އެފްއޭއެމްއާއި އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދިފާއުގައި ވަރަށް ބޮޑަށް މަސައްކަތްކުރި މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު ބުނީ ދުރަށް ދިޔައީ ދެން އެހެން ގޮތެއް ނެތިގެން ކަމަށެވެ. އެންމެ ބޮޑު ސަބަބެއްކަމަށް ބުނީ އެ އިދާރާގެ މުވައްޒަފުންގެ މުސާރަ ނުދެވޭ ހިސާބަށް ދިއުމެވެ.

މުވައްޒަފުންގެ މުސާރަ ނުދީ ފަސް މަސް, ހަ މަސް ދިޔާމަ އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވުނު, އެކަންވީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވި ކަމަކަށް.
އިބްރާހީމް ވަހީދު/ މާޒިޔާގެ މެނޭޖަރު

މީގެއިތުރުން އިބްރާހީމް ވަހީދު ބުނީ މާޒިޔާ ސަސްޕެންޝަނަށް ނުގޮސް ސަލާމަތްވީ ވެސް އެ އިދާރާގެ މުވައްޒަފުން ކޮށްދިން މަސައްކަތުން ކަމަށެވެ. އެފްއޭއެމްއިން މުސާރަނުދޭތީ, އެފްއޭއެމްގެ ކަމަކަށް ނުނިކުންނަން ތިބި މުވައްޒަފުން މާޒިޔާއަށް ޓަކައި, ރާއްޖޭގެ ފުޓްބޯޅައަށް ޓަކައި, އޭއެފްސީ ކަޕް މެޗުތައް ރާއްޖޭގައި ކުޅެން އެހީތެރިވެދީ, އެކަމުގައި މަސައްކަތްކޮށްދިން ކަމަށެވެ. އެކަމަށް އެ މުވައްޒަފުންނަށް މާޒިޔާއިން އަބަދުވެސް ޝުކުރުވެރިވާނެކަމަށް އިބްރާހީމް ވަހީދު ބުންޏެވެ. އެއާ ވިދިގެން އޭނާ ބުނީ މިއީ ރާއްޖޭގެ ފުޓްބޯޅަ އޮންނަން ޖެހޭނެ ހާލަތު ނޫން ކަމަށެވެ.

ކޮވިޑާއެކު އަދި ދަތިކަން ގަބޫލުކުރާ ކަމަށާއި, އެހެން ނަމަވެސް މިހިސާބަށް އައިއިރުވެސް ގޯހުން ގޯހަށް ދިއުމާއި, މުވައްޒަފުންގެ މުސާރަ ނުދެވުން ގަބޫލުނުކުރެވޭ ކަމަށް ބުންޏެވެ. އިބްރާހީމް ވަހީދު ގަބޫލުކުރާ ގޮތުގައި އަދިވެސް ރާއްޖޭގެ ފުޓްބޯޅަ އިހު އޮތް ހިސާބަށް ގެންދެވޭނެއެވެ. އެކަމަކު މިވަގުތު އެކަމަށް މަސައްކަތް ފަށަންވީ ހިސާބެއް ނޭންގޭ ކަމަށް ބުންޏެވެ. އެކަމަކު އޭނާގެ ނަޒަރުގައި އެކަން ވާނީ އެފްއޭއެމް ރަނގަޅު ކޮށްގެންނެވެ.

މާޒިޔާއިން ފާހަގަކުރި އެހެން މައްސަލަތަކުގެ ތެރޭގައި އިރުއިރުކޮޅާ ސީޒަން މެދުކަނޑާލާ, އަލުން ފެށޭނެ ދުވަހެއް ނޭންގުމާއި, އެފްއޭކަޕް ނުބޭއްވި ދިއުންވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް